ޝަހީދުންގެ ދުވަސް

ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަހަކީ ޝައުބާންމަހުގެ 1 ވަނަ ދުވަހެވެ. ޝަހީދުންގެ ދުވަސް ނިސްބަތްވަނީ އައްސުލްޠާން ޢަލީ (6ވަނަ) ސިރީ އައުދަ ސިޔާކަ ކައްތިރި މަހާރަދުންނަށެވެ. އެއީ ދިވެހިތާރީޚުގައި މަޝްހޫރު ޢަލީ ރަސްގެފާނެވެ. އެ ރަދުން ރާއްޖޭގައި ރަސްކަން ކުރެއްވީ ހިޖުރައިން 965 ވަނަ އަހަރު، (މީލާދީން 1558 ވަނަ އަހަރު)، 2 މަހާއި 15 ދުވަހުއެވެ. ޝަޢުބާންމަހުގެ 1ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަސްކަމަށް ދިވެހި ދައުލަތުން ކަނޑައެޅުއްވީ ޕޯޗްގީޒުންނާ ދެކޮޅަށް ދީނާއި ޤައުމުގެ ދިފާޢުގައި ޖިހާދު ކުރައްވައި ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވީ ޝަޢުބާންމަހެއްގެ 1ވަނަ ދުވަހުގައި ކަމަށްވާތީއެވެ. ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 1ވަނަ ދުވަހުއެވެ. އެއީ މީލާދީން 1558 ވަނަ އަހަރުގެ މޭމަހުގެ 19ވީ ހޯމަ ދުވަހެވެ.

ދިވެހިރާއްޖޭގައި ޝަހީދުންގެ ދުވަސް ފުރަތަމަ ފާހަގަކުރެއްވީ 1400 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 1ވަނަ ދުވަހުއެވެ. އެއީ މީލާދީން 14 ޖޫން 1980ވީ ހޮނިހިރު ދުވަހެވެ. ޝަހީދުންގެ ދުވަސް ފާހަގަކުރެވެނީ ދިވެހި ޤައުމިއްޔަތާއި ދިވެހިރައްޔިތުންގެ ދީނާއި ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރެއްވުމަށް ޝަހީދުވެވަޑައިގެންނެވި އަބުޠާލުންގެ ހަނދާނާއި ޒިކުރާ އާކުރުމެވެ

ޝަހީދުންގެ ދުވަސް އެ ބޭފުޅަކަށް ނިސްބަތްވާ އައްސުލްޠާން ޢަލީ (6ވަނަ) ނުވަތަ ޢަލީ ރަސްގެފާނުގެ ބައްޕާފުޅަކީ ޔަމަންކަރައިގެ އައްސައްޔިދު ޢަބްދުއްރަޙްމާން ދޮށިމޭނާކިލެގެފާނެވެ. މަންމާފުޅަކީ އަރިއަތޮޅު ފެރިދޫ ބޮޑުނިޔަމީގެ ސިއްތިކަނބައިދިކިލެގެއެވެ. ރަސްކަމަށް އިސްވެވަޑައިގެންނެވުމުގެ ކުރިން ޢަލީ ރަސްގެފާނުގެ ނަންފުޅަކީ ޢަލީ ރަންނަބަނޑޭރިކިލެގެފާނެވެ. މި ރަދުން ރަސްކަމަށް އިސްވެވަޑައި ގެންނެވީ އައްސުލްޠާން ޢަބޫބަކުރު (2ވަނަ) އަވަހާރަވީތާ ދެ އަހަރާއި ހަމަސް ދުވަސް ފަހުންނެވެ. ޢަލީ ރަސްގެފާނު ކައިވެނި ކުރެއްވި ބޭފުޅުންގެ ތެރެއިން ނަންފުޅު އެނގޭ ބޭފުޅަކީ ހިލާލީ ދަރިކޮޅުގެ އައްސުލްޠާން ކަޅުމުޙައްމަދު ރަސްގެފާނާއި ބުރެކިރަނިންގެ ދަރިކަނބަލުން އައިޝާ ކަނބާ ނުވަތަ ކަނބާ އައިޝާ ރަނިކިލެގެފާނެވެ.

ޢަލީ ރަސްގެފާނުގެ ރަސްކަމަށް ދެ މަސްވީތަނާ އިންޑިއާގެ ގޯވާގައި ތިބި ޕޯޗްގީޒުން ރާއްޖެ ހިފުމަށް ފޮނުވި ތިންވަނަ ގުރާބު، އަދި ޕޯޗްގީޒުން ފޮނުވި އެންމެ ބޮޑު ލަޝްކަރު ރާއްޖެއައިސް ހަމަލާ ދޭންފެށިއެވެ. އެ މީހުންގެ ވެރިޔަކަށް ހުރީ އަނދިރިއަނދިރިނެވެ. އެވެ. ޕޯޗްގީޒުންގެ ރެކޯޑުތަކުގައި ވާގޮތުގައި އެ ލަޝްކަރުގެ ކޮމާންޑަރަކަށް ހުރީ “ކެޕްޓަން މެނުއަލް ޑާ ސިލްވޭރާ ޑިއަރައު ރޯ” އެވެ. މާލޭ ބަނދަރުގައި ތިބި ދުޝްމަނުންނާ ދިވެހީންނާ ފުރަތަމަ ހަމަލާ ބަދަލުކުރަމުން ދިޔައީ ބޮޑުބަޑިންނެވެ. އެގޮތުގައި ގިނަ ދުވަސް ވާންފެށުމުން ދުޝްމަނުންގެ އަތުގައި ހުރި ވަޒަނާއި ކާބޯތަކެތި މަދުވެ ހަނގުރާމައިގެ ފޯރި ދިޔައީ ކުޑަވަމުންނެވެ. ހަމަ އެގޮތަށް ދުޝްމަނުންނާ ދެކޮޅަށް ގިނަ ދުވަސްތަކެއް ވަންދެން ހަނގުރާމަކުރަން ޖެހުމުން ދިވެހި ލަޝްކަރުގެ ތެރޭގައި ވެސް ހަމަނުޖެހުމާއި ޚިޔާލުތަފާތުވުންތައް ދިޔައީ އުފެދެމުންނެވެ. އެގޮތުން އެއްބަޔަކަށް ފެނުނީ ހަނގުރާމަ ހުއްޓާލާފައި އަމާންދިނުމަށެވެ.

އެ ދުވަސްވަރަކީ މާލެ ތެރޭގައި ވެސް ފިތުނައާއި ހަމަނުޖެހުން ބޮޑު ދުވަސްވަރެކެވެ. ޤައުމަށް ޚިޔާނާތްތެރިވި ޣައްދާރުންތަކެއްގެ ސަބަބުން ދުޝްމަނުންނަށް މާލެ ފައިބާން ފުރުސަތު ލިބިގެން ދިޔައެވެ. އެއްރެއެއްގެ ފަތިހު ބަޑިތަކާއި ސިލޭހަތައް ހިފައިގެން ދުޝްމަނުން މާލެފޭބީ މާލޭގެ ހުޅަނގުފަރާތަށެވެ. ދުޝްމަނުންނާ ދެކޮޅަށް ޖިހާދުކުރައްވަން ޢަލީ ރަސްގެފާނު ލަޝްކަރައިގެން ނިކުމެވަޑައިގެންނެވިއެވެ. ޢީދު މިސްކިތާ ހަމައަށް ވަޑައިގެންފައި ފަހަތް ބައްލަވާލެއްވިއިރު ބޮޑުވަޒީރާއި ޚާދިމެއް ފިޔަވައި އެންމެން ފިލައިގެން ހިނގައްޖެއެވެ. ދުޝްމަނުންގެ ބިޔަ ބޮޑު ލަޝްރަކާ ދެކޮޅަށް ކަނޑިއައްޑަނަ ހިޕަވައިގެން އޭގެ ތިން ބޭފުޅުން ހިތްވަރާއެކު ޖިހާދަށް ނިކުމެވަޑައިގެން ކުރިމަތި ލެއްވިއެވެ. ދުޝްމަނުންގެ ހަމަލާތަކުން އޭގެ ތިންކަލުން ވެސް ޝަހީދުވެވަޑައިގެންނެވީއެވެ.

ބޭރުގެ ދުޝްމަނުންނާ ދެކޮޅަށް ޖިހާދު ކުރައްވަނިކޮށް ޝަހީދުވެވަޑައިގެންފައިވާ ދިވެހި ޝަހީދުންގެ ލިސްޓުގައި ޢަލީ ރަސްގެފާނުގެ އިތުރުން ދެން ފެވިފައިވާ ނަންފުޅުތަކަކީ ހިޖުރައިން 980 ވަނަ އަހަރު ޝަހީދުވެވަޑައިގެންނެވި އުތީމު ޢަލީ ތަކުރުފާނާއި، ޢަލީ ރަސްގެފާނުގެ ހުވަފަތް އަނބިކަމަނާ ކަނބާ ޢައިޝާ ރަނިކިލެގެފާނާއި، ހިޖުރައިން 1017 ވަނަ އަހަރު ޝަހީދުވެވަޑައިގެންނެވި އައްސުލްޠާން އިބްރާހީމް ކަލާފާނާއި، ނޮވެންބަރު ތިނެއްގެ ޝަހީދުންނެވެ. ނޮވެންބަރު ތިނެއްގެ ޤައުމީ ބަޠަލަކީ ޝަހީދު ކޯޕްރަލް ޙުސައިން އާދަމެވެ.

ނޯޓް: މިއީ ފޭސްބުކްގައި 14 މާޗް 2021 ވަނަ ދުވަހު ޢަބްދުﷲ ސަޢީދު ލިޔުވަފައިވާ ލިޔުމުގެ ނަކަލެކެވެ.

👍 1❤️ 0🤗 0😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

  • އުލުބޭންދުމުގެ އަދަބު ދިނުމާއި އޭގެ ތާރީހު

    ދިވެހި ބަހުގެ ރަދީފުގައި އުލުބޭންދުން މާނަކޮށްދީފައި އޮތީ ޔޯލަ ވާހަކައެއް ސިފަކޮށްދޭ ގޮތަށެވެ. އެ ބަހުގެ މާނައެއް ކަމަށް އޮތީ ”މާ އިހު ޒަމާނުގައި މީހުން މަރަން ހަދާގޮތެއް ކަމުގައި ބުނެވޭ ގޮތެއް. އުލުބައިންދާ އިރު ހަދާގޮތެއް ކަމަށް ބުނަނީ ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މީހާ ބައިންދަނީއެވެ. ބޭންދީމާ އެ އޫ ފުރަގަސް ފަރާތުން ވަދެގެންގޮސް ބޮލުން ނުކުންނަނީއެވެ.“ މިހެންނެވެ. ދެން އެއާ ވިދިގެން އުފެދުނީ ’އުލު އިންދާފައި އިރަށް ދޮންކުރުން‘ ކަހަލަ ހަރު ބުނުންތަކެވެ….

  • އަހަރެންގެ ނަޒަރުގައި ތިކި ޖެހުން

    ”ތިކި“ ވަރަށް ކުޑަކުޑަ ހަމަ އެންމެ ދެ އަކުރުގެ ލަފުޒެކެވެ. އެހެނަސް ވަރަށް ފުޅާ އެހާމެ ތަނަވަސް ލަފުޒެކެވެ. މާ ގިނަ ވާހަކަތަކެއް ލިޔާކަށް ގަސްތެއް ނުކުރަމެވެ. ފާޅުކޮށްލަން ބޭނުންވަނީ ތިކި ޖެހުމާއި ބެހޭ ގޮތުން އަހަރެން ދެކޭ ގޮތެވެ. އަހަރެންގެ ހިޔާލެވެ. ފަހަރުގައި ތިބާ ދެކޭގޮތް ތަފާތުވެދާނެއެވެ. އެއީ އަދި މުޅިން އެހެން ކަމެކެވެ. ދިވެހި ބަހަކީ ގިނަ އަދަދަކަށް އޭގައި އަރަބި ލަފުޒުތައް ހިމެނޭ ބަހެކެވެ. އަރަބި ލަފުޒުތަކުން ލަފުޒުނެގި ދިވެހި ވެފައިވާ ލަފުޒުތައް…

  • ބަރެސްދޫ ފަޅުވެ ކަޅާއިދޫ އާބާދުވުން

    ހައްދުންމަތީ ކަޅައިދޫގައި މީހުން ދިރިއުޅެންފެށި ތާރީޚެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. އެހެންނަމަވެސް އައްސުލްޠާން އިބްރާހިމް އިސްކަންދަރު 2 ގެ ދުވަސްވަރު ކަޅައިދޫގައި ބަޔަކު ދިރިއުޅުނުކަމާއި އޭރު ކަޅާއިދޫއަކީ ގަމު މިސްކިތު ވަޤުފު ރަށެއްކަން މިރަދުންގެ ޒަމާނުގައި ގަމު މިސްކިތަށް ލިޔުއްވާފައިވާ ބޯގަ ފަތްކޮޅުން އެނގެއެވެ. މި ފަތްކޮޅުން އެނގޭގޮތުގައި އެދުވަސްވަރު ކަޅާއިދޫގައި މީހުން އުޅުނު ކަމުގައި ވީނަމަވެސް ކަޅާއިދޫއަކީ ރަސްމީގޮތުން މީހުން ދިރިއުޅޭ ރަށެއް ނޫން ކަން ސާފުވެއެވެ. ވީމާ ކަޅާއިދޫ އާބާދުވެފައި ވަނީ އައްސުލްޠާން އިބްރާހިމް…

  • ޒިންމާ ނަގާނީ ކާކު؟

    ”ގިނަދުވަސްވެގެން ގޮސް އަހަރެންގެ ޙަޔާތަށްވީ ކިތައް އަހަރުކަމެއް ހުދު އަހަންނަކަށް ވެސް ނޭނގެއެވެ. އެހާވެސް ގިނަ ދުވަސް ވެއްޖެއެވެ. އެހެންނަމަވެސް އަހަރެން ދުނިޔޭގައި ދިރި އެބަހުރީމެވެ. އެތައްބަޔެއްގެ އަނިޔާތައް އެތައްފަހަރެއްގެ މަތިން މިވޭތުވެ ދިޔަ އަހަރު ތަކުގައި ލިބިއްޖެއެވެ. އަދިވެސް ދަނީ ލިބެމުންނެވެ. އެކަމުގެ ސަބަބުން އެއިރު ހުރި އަހަރެންގެ ރީތި ސޫރަ ޢައިބުވެ ބަލާލަން ހަޑިވެ ހުތުރު ވުމަކީ އަހަރެންގެ ކުށެއް ނޫނެވެ. ދޭތެރެ ދޭތެރެއިން ދުރު ހިސާބުން އަހަރެންގެ މޫނު ދެކެލަން މަދު މަދުން…

  • މަންމަގެ ހަޔާތުން ހަމަ އެންމެ ދުވަހެއް

    ފަށާނީ ކިހާ ހިސާބަކުން ކަމެއްވެސް ނޭނގެއެވެ. ކޮންމެ ދިމާއަކުން ވެސް ފެންނަނީ މަންމަގެ ހިތްވަރުގަދަ ކަމާއި މަސައްކަތްތެރިކަމެވެ. ކެތްތެރިކަމާއި އެކު އުފުލި ބުރަކަމެވެ. ދައްކަން މިއުޅެނީ މާ ކުރީގެ ވާހަކައެއް ނޫނެވެ. ވިއްސަކަށް އަހަރު ކުރިއެވެ. އައްޑިހައިގެ އަހަރުތަކުގެ ފަހުކޮޅެވެ. ފަތިހަކުން ފަށަމާ ހިނގާށެވެ. ނިދިން ހޭލެވޭނީ މަންމަ ފަތިސް ނަމާދަށް ގޮވާލާ އަޑަށެވެ. އިރުއެރުމުގެ ކުރިން ފަތިހުގެ ނަމާދު ކުރެވޭހާ ވަގުތު އޮއްވާ ކޮންމެ ރެއަކުވެސް މަންމަ ގޮވާނެއެވެ. ގިފިއްޔަށް ވަންނަ އިރު ދާންޖެހިފައި ހުރެއްޖެ…

  • ހައްދުންމަތީ ގަމަކީ ލާމަސީލު ރަށެކެވެ.

    ދިވެހިރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ލާމު އަތޮޅަކީ ތާރީޚީ ގޮތުންނާއި ސަގާފީ ގޮތުން ވަރަށް މުއްސަނދި އަތޮޅެކެވެ. މި އަތޮޅުގެ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު ރަށް ކަމުގައިވާ ލާމު ގަމަކީ، އެހެން ރަށްރަށާ އަޅާ ބަލާއިރު ވަރަށް ގިނަ ގޮތްގޮތުން ޚާއްސަ ރަށެކެވެ. ގަމަކީ ހަމައެކަނި ބޮޑު ރަށެއް ނޫނެވެ. އެއީ ގަދީމީ ތާރީޚާއި، ދިވެހިރާއްޖޭގެ ބުދުދީނުގެ ޒަމާނުގެ އަސަރުތަކާއި، އަދި ދިގު ތަރައްޤީގެ ދަތުރެއް ހިމެނޭ ރަށެކެވެ. މި ލިޔުމުގައި، ލ. ގަމުގެ…