ޒިންމާ ނަގާނީ ކާކު؟

”ގިނަދުވަސްވެގެން ގޮސް އަހަރެންގެ ޙަޔާތަށްވީ ކިތައް އަހަރުކަމެއް ހުދު އަހަންނަކަށް ވެސް ނޭނގެއެވެ. އެހާވެސް ގިނަ ދުވަސް ވެއްޖެއެވެ. އެހެންނަމަވެސް އަހަރެން ދުނިޔޭގައި ދިރި އެބަހުރީމެވެ. އެތައްބަޔެއްގެ އަނިޔާތައް އެތައްފަހަރެއްގެ މަތިން މިވޭތުވެ ދިޔަ އަހަރު ތަކުގައި ލިބިއްޖެއެވެ. އަދިވެސް ދަނީ ލިބެމުންނެވެ. އެކަމުގެ ސަބަބުން އެއިރު ހުރި އަހަރެންގެ ރީތި ސޫރަ ޢައިބުވެ ބަލާލަން ހަޑިވެ ހުތުރު ވުމަކީ އަހަރެންގެ ކުށެއް ނޫނެވެ.

ދޭތެރެ ދޭތެރެއިން ދުރު ހިސާބުން އަހަރެންގެ މޫނު ދެކެލަން މަދު މަދުން މީހުން އައިސް ހަދަތެވެ. ނަމަވެސް އެއްވެސް މީހަކު އަހަރެންގެ އާދޭހުގެ އަޑު އަހާކަށް ބޭނުމެއް ނުވެއެވެ. ހާލުބަލާލާކަށް ވެސް ބޭނުމެއް ނުވެއެވެ. އަހަރެންގެ ހާލު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. ހިމާޔަތެއް ދޭނީ ކާކުހެއްޔެވެ. ވަށައިގެން ވިނަ ހެދި ނެވާނުލެވޭވަރަށް ވަނީ ވަކި ހިއްޕާލާފައެވެ. މިއަދު އަހަރެންނާ ދޭތެރޭ ތިޔަހެން ފަރުވާ ކުޑަ ނުކުރާށެވެ. އަހަރެން ނެތިދާ ދުވަހަކުން ކަލޭމެން ހިތާމަ ކުރާނެކަން ޔަޤީނެވެ.“

 

 

ހަވިއްތަ ކައިރީ ހުންނަ ޒިޔާރަތް / ތަސްވީރު މިރ

ތާރީޚީ ތަރިކައަށް އިޙުމާލުވެވިގެން ނުވާނެއެވެ. އަނިޔާ ކުރެވިގެން ނުވާނެއެވެ. އެނގޭހެއްޔެވެ. މިފަދަ ދުވަސްވީ އާސާރުތައް ފަރުވާލެއްނެތި ދޫކޮށްލެވުމަކީ ހަޤީގަތުގައި ދެވޭ ވަރަށް ބޮޑު އަނީޔާއެކެވެ. ވެވޭ އިޙްމާލެކެވެ. އެނގޭގޮތުގައި ދުވަސްވީ އާސާރު ތަކަކީ ޙިމާޔަތް ކުރެވިގެންވާ ތަންތަނެވެ. ނަމަވެސް ހިމާޔަތް ކުރުމަކީ އެކަމުގެ ޒިންމާ ބޮލުއަޅާއިގެން ހުންނަ މީހާ އެހެން ބުނެލުން ތޯ އެވެ. ނުވަތަ ފޮތެއްގައި އެވާހަކަ ޢިބާރާތް ކޮށްލުން ތޯއެވެ.

އަހަރުތަކެއް ކުރިން ހައްތެލި ހުންނަ ސަރަހައްދު ހިމާޔަތް ކުރުމަށް ހޮޅިތަކެއް ޖެހުނެވެ. މިހާރުވެސް ބައެއް ހޮޅި ފެންނަން އެބަހުއްޓެވެ. ބެއެއް ހޮޅިތައް ފަނާވެ ހިނގައްޖެއެވެ. ހައްތެލި ހުންނަ ހިސާބަށް ރާޅު ޖަހަން ފެށުމުން ދެން ގިރާލަފާނެހެން ހީވީމާ ދެފަހަރެއްގެ މަތިން ހައްތެލީގެ އިރުން ތޮއްޓެއް ލެވުނުކަން ފާހަގަ ކުރަމަވެ. އެހެންނަމަވެސް ވޭތުވެ މިދާ ފަހުގެ ތާރީޚެއްގައި އެސަރަހައްދު ހިމާޔަތް ކޮށް ބެލެހެއްޓުމުގެ ނަމުގައި ބިންހިމަ ގަހެއްގެ މިންވަރުވެސް އުފުރާލެވިފައެއް ނުވެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި މިފަދަ ތަންތަނަށް ވަދެ ނިކުމެވޭ ގަޑިތަކެއް، ބަލާހެދެންޖެހޭ ގޮތްތަކެއް ކަނޑައެޅި އޮންނަން ޖެހެއެވެ. ހައްތެލި ބަލަން ދާހާމީހަކު ދުވެއަރާ، ފުންމާކުޅެ، ކޮނެހަދާ ފަސްފޫންޏަކަށް ހެދިގެން ނުވާނެއެވެ. މިފަދަތަންތަން ބަލަހައްޓާނޭ މީހުން ލެވިފަވެސް ތިބެން ޖެހެއެވެ. ނަމަވެސް ނަތީޖާއަކަށް ވެގެންދާތަން ފެންނަނީ އިޙުމާލުވެވުމެވެ. ހަޤީގަތުގައި މިފަދަ ކަންކަން ކުރާނެ މީހުން ވަނީ އައްޔަން ކުރެވިފައެވެ. ޒިންމާ ނުނަގަނީއެވެ. ރަށްފުށުގެ ކަންކަން ބަލަހައްޓަން ތިބޭ އިސްމީހުން މިފަދަ އާސާރުތައް ސާފުކޮށް، ހަލާކުނުވެ ހުންނާނޭހެން ހިމާޔަތާއިއެކު ރައްކާތެރިކޮށް ބެލެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ޢަދާކުރަން ޖެހޭ ޒިންމާއެކެވެ.
ހައްދުންމަތީ ގަމު މުކުރިމަގު އަވަށު ހުންނަ ހައްތެލި (ހަވިއްތަ) މިހާރު ހުރީ ކިހިނެއްހެއްޔެވެ. ފެންނަނީ އެއްވެސް ފަރުވާލެއް ނެތި ދޫކޮށްލެވިފައިވާ ތަނެވެ. މުޅި ހައްތެލި މަތީގައި ވިނަހެދި ކުނިގަނޑަކަށް ވެެއްޖެއެވެ. ސާފުކޮށްލާނެ އަތެއްނެތެވެ. މިމަންޒަރު ފެންނަ ލޮލެއްވެސް ނެތެވެ. ހަވިއްތަގެ އިތުރުން މި ހިސާބުގައި ޒިޔާތެއްވެސް ހުންނާނެއެވެ. އެތަން ފެންނާނީ މިހާރު ވަރަށް އުނދަގުލުންނެވެ. ވިނަބޯވެ މުޅި ހިސާބު ވަނީ ވިނަވެފައެވެ. އިހުގައި މިބުނާ ޒިޔާރަތް ހުންނާނީ ވަރަށް ރީތިކޮށް ބިސްތާނު ހެދިފައެވެ. އަޅާނުލާ ދޫކޮށްލެވުމުގެ ސަބަބުން މިހާރު އެއީ ޒިޔާރަތެއްކަން އެނގެނީވެސް ކިރިޔާއެވެ. މުޅި ދިވެހި ރާއްޖޭގައިވެސް މިހެން އަޅާނުލެވި ހުރި ކިތަންމެ އާސާރު ތަކެއް އެބަހުއްޓެވެ. ބައެއް އާސާރުތަށް އަހަރުމެންގެ އިހުމާލުން ވަނީ ނެތި ފަނާވެފައެވެ. އަހަރަކު އެއްފަހަރު ނަމަވެސް ދުވަހެއް އިންތިޒާމުކޮށް ކައުންސިލު ފަދަ ޢިދާރާއަކުން މިފަދަކަމަކާ އުޅުނިއްޔާވާނީ ކީއްހެއްޔެވެ. ކުރާނީ ކީއްތޯއެވެ !!! ”ބުރަކަމުން ނޭވާވެސް ނުލެވެނީއެވެ.“ އެއާއި އެކު ދަޢުރު ނިމޭއިރު ކޮށްދެވޭ ކަމެއްވެސް ޙަރާމެވެ.

 

👍 0❤️ 0🤗 0😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

  • ޝަހީދުންގެ ދުވަސް

    ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަހަކީ ޝައުބާންމަހުގެ 1 ވަނަ ދުވަހެވެ. ޝަހީދުންގެ ދުވަސް ނިސްބަތްވަނީ އައްސުލްޠާން ޢަލީ (6ވަނަ) ސިރީ އައުދަ ސިޔާކަ ކައްތިރި މަހާރަދުންނަށެވެ. އެއީ ދިވެހިތާރީޚުގައި މަޝްހޫރު ޢަލީ ރަސްގެފާނެވެ. އެ ރަދުން ރާއްޖޭގައި ރަސްކަން ކުރެއްވީ ހިޖުރައިން 965 ވަނަ އަހަރު، (މީލާދީން 1558 ވަނަ އަހަރު)، 2 މަހާއި 15 ދުވަހުއެވެ. ޝަޢުބާންމަހުގެ 1ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަސްކަމަށް ދިވެހި ދައުލަތުން ކަނޑައެޅުއްވީ ޕޯޗްގީޒުންނާ ދެކޮޅަށް ދީނާއި ޤައުމުގެ ދިފާޢުގައި ޖިހާދު…

  • އުލުބޭންދުމުގެ އަދަބު ދިނުމާއި އޭގެ ތާރީހު

    ދިވެހި ބަހުގެ ރަދީފުގައި އުލުބޭންދުން މާނަކޮށްދީފައި އޮތީ ޔޯލަ ވާހަކައެއް ސިފަކޮށްދޭ ގޮތަށެވެ. އެ ބަހުގެ މާނައެއް ކަމަށް އޮތީ ”މާ އިހު ޒަމާނުގައި މީހުން މަރަން ހަދާގޮތެއް ކަމުގައި ބުނެވޭ ގޮތެއް. އުލުބައިންދާ އިރު ހަދާގޮތެއް ކަމަށް ބުނަނީ ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މީހާ ބައިންދަނީއެވެ. ބޭންދީމާ އެ އޫ ފުރަގަސް ފަރާތުން ވަދެގެންގޮސް ބޮލުން ނުކުންނަނީއެވެ.“ މިހެންނެވެ. ދެން އެއާ ވިދިގެން އުފެދުނީ ’އުލު އިންދާފައި އިރަށް ދޮންކުރުން‘ ކަހަލަ ހަރު ބުނުންތަކެވެ….

  • އަހަރެންގެ ނަޒަރުގައި ތިކި ޖެހުން

    ”ތިކި“ ވަރަށް ކުޑަކުޑަ ހަމަ އެންމެ ދެ އަކުރުގެ ލަފުޒެކެވެ. އެހެނަސް ވަރަށް ފުޅާ އެހާމެ ތަނަވަސް ލަފުޒެކެވެ. މާ ގިނަ ވާހަކަތަކެއް ލިޔާކަށް ގަސްތެއް ނުކުރަމެވެ. ފާޅުކޮށްލަން ބޭނުންވަނީ ތިކި ޖެހުމާއި ބެހޭ ގޮތުން އަހަރެން ދެކޭ ގޮތެވެ. އަހަރެންގެ ހިޔާލެވެ. ފަހަރުގައި ތިބާ ދެކޭގޮތް ތަފާތުވެދާނެއެވެ. އެއީ އަދި މުޅިން އެހެން ކަމެކެވެ. ދިވެހި ބަހަކީ ގިނަ އަދަދަކަށް އޭގައި އަރަބި ލަފުޒުތައް ހިމެނޭ ބަހެކެވެ. އަރަބި ލަފުޒުތަކުން ލަފުޒުނެގި ދިވެހި ވެފައިވާ ލަފުޒުތައް…

  • ބަރެސްދޫ ފަޅުވެ ކަޅާއިދޫ އާބާދުވުން

    ހައްދުންމަތީ ކަޅައިދޫގައި މީހުން ދިރިއުޅެންފެށި ތާރީޚެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. އެހެންނަމަވެސް އައްސުލްޠާން އިބްރާހިމް އިސްކަންދަރު 2 ގެ ދުވަސްވަރު ކަޅައިދޫގައި ބަޔަކު ދިރިއުޅުނުކަމާއި އޭރު ކަޅާއިދޫއަކީ ގަމު މިސްކިތު ވަޤުފު ރަށެއްކަން މިރަދުންގެ ޒަމާނުގައި ގަމު މިސްކިތަށް ލިޔުއްވާފައިވާ ބޯގަ ފަތްކޮޅުން އެނގެއެވެ. މި ފަތްކޮޅުން އެނގޭގޮތުގައި އެދުވަސްވަރު ކަޅާއިދޫގައި މީހުން އުޅުނު ކަމުގައި ވީނަމަވެސް ކަޅާއިދޫއަކީ ރަސްމީގޮތުން މީހުން ދިރިއުޅޭ ރަށެއް ނޫން ކަން ސާފުވެއެވެ. ވީމާ ކަޅާއިދޫ އާބާދުވެފައި ވަނީ އައްސުލްޠާން އިބްރާހިމް…

  • މަންމަގެ ހަޔާތުން ހަމަ އެންމެ ދުވަހެއް

    ފަށާނީ ކިހާ ހިސާބަކުން ކަމެއްވެސް ނޭނގެއެވެ. ކޮންމެ ދިމާއަކުން ވެސް ފެންނަނީ މަންމަގެ ހިތްވަރުގަދަ ކަމާއި މަސައްކަތްތެރިކަމެވެ. ކެތްތެރިކަމާއި އެކު އުފުލި ބުރަކަމެވެ. ދައްކަން މިއުޅެނީ މާ ކުރީގެ ވާހަކައެއް ނޫނެވެ. ވިއްސަކަށް އަހަރު ކުރިއެވެ. އައްޑިހައިގެ އަހަރުތަކުގެ ފަހުކޮޅެވެ. ފަތިހަކުން ފަށަމާ ހިނގާށެވެ. ނިދިން ހޭލެވޭނީ މަންމަ ފަތިސް ނަމާދަށް ގޮވާލާ އަޑަށެވެ. އިރުއެރުމުގެ ކުރިން ފަތިހުގެ ނަމާދު ކުރެވޭހާ ވަގުތު އޮއްވާ ކޮންމެ ރެއަކުވެސް މަންމަ ގޮވާނެއެވެ. ގިފިއްޔަށް ވަންނަ އިރު ދާންޖެހިފައި ހުރެއްޖެ…

  • ހައްދުންމަތީ ގަމަކީ ލާމަސީލު ރަށެކެވެ.

    ދިވެހިރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ލާމު އަތޮޅަކީ ތާރީޚީ ގޮތުންނާއި ސަގާފީ ގޮތުން ވަރަށް މުއްސަނދި އަތޮޅެކެވެ. މި އަތޮޅުގެ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު ރަށް ކަމުގައިވާ ލާމު ގަމަކީ، އެހެން ރަށްރަށާ އަޅާ ބަލާއިރު ވަރަށް ގިނަ ގޮތްގޮތުން ޚާއްސަ ރަށެކެވެ. ގަމަކީ ހަމައެކަނި ބޮޑު ރަށެއް ނޫނެވެ. އެއީ ގަދީމީ ތާރީޚާއި، ދިވެހިރާއްޖޭގެ ބުދުދީނުގެ ޒަމާނުގެ އަސަރުތަކާއި، އަދި ދިގު ތަރައްޤީގެ ދަތުރެއް ހިމެނޭ ރަށެކެވެ. މި ލިޔުމުގައި، ލ. ގަމުގެ…