އުލުބޭންދުމުގެ އަދަބު ދިނުމާއި އޭގެ ތާރީހު

ދިވެހި ބަހުގެ ރަދީފުގައި އުލުބޭންދުން މާނަކޮށްދީފައި އޮތީ ޔޯލަ ވާހަކައެއް ސިފަކޮށްދޭ ގޮތަށެވެ. އެ ބަހުގެ މާނައެއް ކަމަށް އޮތީ ”މާ އިހު ޒަމާނުގައި މީހުން މަރަން ހަދާގޮތެއް ކަމުގައި ބުނެވޭ ގޮތެއް. އުލުބައިންދާ އިރު ހަދާގޮތެއް ކަމަށް ބުނަނީ ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މީހާ ބައިންދަނީއެވެ. ބޭންދީމާ އެ އޫ ފުރަގަސް ފަރާތުން ވަދެގެންގޮސް ބޮލުން ނުކުންނަނީއެވެ.“ މިހެންނެވެ.

ދެން އެއާ ވިދިގެން އުފެދުނީ ’އުލު އިންދާފައި އިރަށް ދޮންކުރުން‘ ކަހަލަ ހަރު ބުނުންތަކެވެ. ބުނާ ބަސް ގަދަކުރާން ވެސް މިހެން ބުނެ އުޅެ އެވެ. މަ އުލުބައިންދާފައި އިރަށް ދޮންކުރިޔަސް މިކަން އޮތީ މިހެން ނޫން ކަމަކަށް ނުވާނެ އެވެ. މިކަހަލަ ބުނުންތައް އުފެދިފައި ހުރީ އެއީ އެއްގޮތަކަށްވެސް ބަޔަކު ދީ އުޅެފާނޭ އަދަބެއްގެ ގޮތުގައި އަޅުގަނޑުމެން ދިވެހިން އެއްވެސް ޒަމާނެއްގައި ދެކިގެން އުޅެފައި ނުވާތީ އެވެ. އަޅުގަނޑުމެންގެ ތާރީހަށް ބަލާއިރު ކިތަންމެ ބުރިޔަކުން ހަން ނަގާފައި އޮތްކަން އެނގެން އޮތަސް، އުލުބޭންދުމުގެ އަދަބެއް ދީ އުޅުނުކަން އެނގޭކަށް ނެތެވެ. ޔޯލައަކަށް ވެސް އެނގެން އޮތް އެންމެ އަނިޔާވެރި އަދަބު ތަކަކީ ކަފަ ބަނދެފައި ރޯކޮށްލުމާއި، ބަރޯސީ ބަނދެފައި ކަނޑުފެއްތުމެވެ. ބުރިން ހަން ނެގުމުގެ އަދަބު ދެވިފައި ހުރީ މަދެއްކޮށެއް ނޫނެވެ.

ދުނިޔޭގެ ތާރީހުގައި ވެސް އެނގިފައިވާ އެންމެ ރަހުމުކުޑަ އަދި އަނިޔާވެރި ގޮތަށް ދެވޭ މަރުގެ އަދަބަކީ އުލުބޭންދުމުގެ އަދަބެވެ. މިއީ އިންސާނާގެ ހަށިގަނޑަށް ތޫނު ދަގަނޑެއް ވައްދައި، އެ ދަގަނޑުން ހަށިގަނޑު ތޮރުފާލައި އަނެއް ފަރާތުން ނެރުމެވެ. ތަފާތު އެތައް ގޮތަކަށް މި އަދަބު ދީ އުޅުނެވެ. އޭގެ ތެރެއިން ވެސް އެންމެ އަނިޔާވެރި ވައްތަރަކީ އުލުގައި ބޭންދުމެވެ. މިގޮތަށް ބައިންދާނީ ގިނަ ފަހަރު އަންނައުނު ބާލުވާފަ އެވެ. ކޮޅު ތޫނުކޮށްފައިވާ ހިމަ ދަގަނޑު ތެދަށް ބިމުގައި ހަރުލައި ހުންނަ ގޮތް ހެދުމަށްފަހު އަދަބު ދެވޭ މީހާ އުފުލާލައިގެން ގޮސް ބައިންދަނީ ދަގަނޑު މަތީގަ އެވެ. ދަގަނޑުގެ ތޫނުކޮޅު ދިމާކުރާނީ އަދަބު ދެވޭ މީހާގެ ފުރަގަސްފަރާތު ދޮރާ އެވެ. ދެން އޭނާ ގައިގައި ހިފަހައްޓައިގެ ތިބޭ މީހުން އޭނާގެ ހަށިގަނޑުން ދޫކޮށްލުމުން އޭނާގެ ހަށިގަނޑުގެ ބަރަށް ތިރިއަށް އަންނަ ވަރަކަށް އެ ތޫނު ދަގަނޑުން އޭނާގެ އެތެރެ ހަށި ތޮރުފަމުން ދާނެ އެވެ. އެހެން ގޮސް އެންމެ ފަހުން އެ ދަގަނޑު ނުކުންނާނީ އޭނާގެ ބޮލުންނެވެ. މިގޮތަށް ނުކުންނަން ބައެއް ފަހަރު ސިކުންތުކޮޅެއް ހޭދަވާއިރު ބައެއްފަހަރު ގިނައިރު ވާނެ އެވެ. އެކަން ބިނާވާނީ އެމީހެއްގެ ހަށިގަނޑުގެ ބަރުދަނަށާއި ހަށިގަނޑުގައި އަޅާ ވޭނުގެ ސަބަބުން އެމީހަކު ތެޅިފޮޅޭ މިންވަރުގެ މައްޗަށެވެ.

މިކަމަކީ އަދަބެއް ދިނުމުގެ އިތުރުން ބިރުދެއްކުމުގެ ވަސީލަތެއްގެ ގޮތުގައިވެސް ކުރެވިފައިވާ ކަމެކެވެ. މިއީ މާ އިހު ޒަމާނުގެ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދުށް ނަމަވެސް، ލިބެންހުރި ތާރީހީ މައުލޫމާތަށް ބަލާއިރު މާ ފަހުގެ ތާރީހަކާ ހަމައަށް ވެސް މި އަދަބު ދީފައި އެބަހުއްޓެވެ.

އުލުބޭންދުމުގެ އަދަބު އެންމެ ދުރުން ފެންނާން އޮތީ މެސަޕޮޓޭމިއާގެ ހަޟާރަތުންނެވެ. މީލާދުގެ 1750 އަހަރު ކުރިން ލިޔެވުނު ކޯޑް އޮފް ހައްމުރާބީ ނުވަތަ ހައްމުރާބީގެ ގާނޫނުގައި މި އަދަބުގެ ވާހަކަ އެބައޮތެވެ. ހިލޭ ފިރިހެނަކަށްޓަކައި އަމިއްލަ ފިރިމީހާ މަރައިފި އަންހެނަކަށް ދޭން އެ ގާނޫނުގައި އޮންނަނީ އުލުބޭންދުމުގެ އަދަބެވެ.

މީލާދުގެ 900 އަހަރު ކުރިން ނިއޯ-އެސީރިއަން އެމްޕަޔަރ ގެ ދުވަސްވަރު ގެ ކުރެހުންތަކެއް ކަމަށް ބެލެވޭކަނޑައިނަގާފައިވާ ކުރެހުންތަކާއި ބުދުތަކުން ވެސް އުލުބޭންދުމުގެ އަދަބު ދިންކަމުގެ ހެކި ފެންނަން ހުރެ އެވެ. ނިއޯ-އެސީރިއަނުން ކުރާ ހަނގުރާމަތަކުގައި އަސީރުންގެ ގޮތުގައި ހިފެހެއްޓޭ މީހުންނަށް ވެސް މިއަދަބު ދީ އުޅުނެވެ. ނިއޯ-އެސީރިއަނުން މިކަހަލަ އަދަބު ދިނީ ހަމައެކަނި ބިރުވެރިކަން އުފެއްދުމަށާއި ކިޔަމަންތެރިކަން ހޯދުމަށް އެކަންޏެއް ނޫނެވެ. އެހެނަސް އެމީހުންގެ ބާރުގަދަކަން ސާބިތުކޮށްދޭ އަދި އެކަމާމެދު ފަހުރުވެރިވާ ކަމެއްގެ ގޮތުގަ އެވެ.

ގަދީމީ ރޫމާއި، ޔޫރަޕުގެ ބައެއް ގައުމުތަކުގެ އިތުރުން އޮޓޮމަން ވެރިކަމުގެ ކުރީކޮޅު ވެސް އުލުބޭންދުމުގެ އަދަބު ދީފައި ވެއެވެ. އޮޓޮމަނުން ޔޫނާނަށް ހަމަލާދީ އެތަން ހިފިއިރު، އެ ވެރިކަމަށް ގޮންޖަހައި ގައްދާރުވީ މީހުންނަށް ދިނީ އުލުބޭންދުމުގެ އަދަބެވެ. ބޭނުމަކީ މީހުންގެ މެދުގައި އެ ވެރިކަމާމެދު ބިރުވެރިކަން އުފެއްދުމެވެ. އެންމެ ގާތުން ބަލާއިރު 17 ވަނަ ގަރުނުގެ ކުރީކޮޅު އިންޑިއާގައި ވެސް މި އަދަބު ދީ އުޅުނުކަމަށް ރެކޯޑު ކުރެވިފައި ވެ އެވެ. ޗައިނާގައި ދީ އުޅުނީ މި އަދަބުގެ ވައްތަރެއް ކަމަށްވާ ލިންގޗީ އެވެ. އެއީ މަޑުމަޑުން ކޮށައި ކުދި ކުރުމުގެ އަދަބެވެ. މި އަދަބު ދޭނީ އަދަބު ދެވޭ މީހާގެ އަތްފައި ބަނދެ ބާއްވާފައި އެތައް ބަޔަކު ވެގެން ތޫނު ވަޅިތަކުން މަޑުމަޑުން އޭނާގެ ހަށިގަނޑުގެ އެތަންމިތަނުގައި ޅިޔައަޅައިގެންނެވެ. އެކަމުގައި ކިތަންމެ އިރެއް ހޭދަވިޔަސް އޭނާ މަރުވަންދެން މިކަމެއް ކުރިއަށް ގެންދާނެ އެވެ. ފަރުވާތެރިކަމާއި ލަސްކަމާއެކު ފޫހިކަމެއް ވެސް ނެތި އެވެ. މީލާދުން 1905 ވަނަ އަހަރާ ހަމައަށް ވެސް ޗައިނާގައި މަދުމަދުން މި އަދަބު ދެވެމުން ދިޔަ ކަމަށް ވެ އެވެ.

މިހާރު މިއީ ދުނިޔޭގައި އެއްވެސް ބަޔަކު އެއްވެސް ބަޔަކަށް ދީ އުޅޭ އަދަބެއް ނޫނެވެ. މިފަދަ އަދަބެއް ދޭކަށް ވެސް ބަޔަކު ގޮވައެއްވެސް ނުލާނެ އެވެ. އުލުބޭންދުން ފަދަ އަދަބުތަކުގެ އަނިޔާވެރިކަމާއި ލާއިންސާނީކަން އިންސާނުން ދެނެގެންފި އެވެ. އެހެންވެ އެފަދަ އަދަބުތައް ދޭން ގޮވާލުމަކީ ވެސް އަނިޔާވެރިކަމުގެ އިންތިހާކަން އެނގި، އެއީ ވެސް ކޮށްގެން ނުވާނޭ ކަމެއް ކަމަށް ކަނޑައެޅި ސިއްކަ ޖެހުނުތާ ކިތަންމެ ޒަމާނެކެވެ.

👍 1❤️ 0🤗 0😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

  • ޝަހީދުންގެ ދުވަސް

    ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަހަކީ ޝައުބާންމަހުގެ 1 ވަނަ ދުވަހެވެ. ޝަހީދުންގެ ދުވަސް ނިސްބަތްވަނީ އައްސުލްޠާން ޢަލީ (6ވަނަ) ސިރީ އައުދަ ސިޔާކަ ކައްތިރި މަހާރަދުންނަށެވެ. އެއީ ދިވެހިތާރީޚުގައި މަޝްހޫރު ޢަލީ ރަސްގެފާނެވެ. އެ ރަދުން ރާއްޖޭގައި ރަސްކަން ކުރެއްވީ ހިޖުރައިން 965 ވަނަ އަހަރު، (މީލާދީން 1558 ވަނަ އަހަރު)، 2 މަހާއި 15 ދުވަހުއެވެ. ޝަޢުބާންމަހުގެ 1ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަސްކަމަށް ދިވެހި ދައުލަތުން ކަނޑައެޅުއްވީ ޕޯޗްގީޒުންނާ ދެކޮޅަށް ދީނާއި ޤައުމުގެ ދިފާޢުގައި ޖިހާދު…

  • އަހަރެންގެ ނަޒަރުގައި ތިކި ޖެހުން

    ”ތިކި“ ވަރަށް ކުޑަކުޑަ ހަމަ އެންމެ ދެ އަކުރުގެ ލަފުޒެކެވެ. އެހެނަސް ވަރަށް ފުޅާ އެހާމެ ތަނަވަސް ލަފުޒެކެވެ. މާ ގިނަ ވާހަކަތަކެއް ލިޔާކަށް ގަސްތެއް ނުކުރަމެވެ. ފާޅުކޮށްލަން ބޭނުންވަނީ ތިކި ޖެހުމާއި ބެހޭ ގޮތުން އަހަރެން ދެކޭ ގޮތެވެ. އަހަރެންގެ ހިޔާލެވެ. ފަހަރުގައި ތިބާ ދެކޭގޮތް ތަފާތުވެދާނެއެވެ. އެއީ އަދި މުޅިން އެހެން ކަމެކެވެ. ދިވެހި ބަހަކީ ގިނަ އަދަދަކަށް އޭގައި އަރަބި ލަފުޒުތައް ހިމެނޭ ބަހެކެވެ. އަރަބި ލަފުޒުތަކުން ލަފުޒުނެގި ދިވެހި ވެފައިވާ ލަފުޒުތައް…

  • ބަރެސްދޫ ފަޅުވެ ކަޅާއިދޫ އާބާދުވުން

    ހައްދުންމަތީ ކަޅައިދޫގައި މީހުން ދިރިއުޅެންފެށި ތާރީޚެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. އެހެންނަމަވެސް އައްސުލްޠާން އިބްރާހިމް އިސްކަންދަރު 2 ގެ ދުވަސްވަރު ކަޅައިދޫގައި ބަޔަކު ދިރިއުޅުނުކަމާއި އޭރު ކަޅާއިދޫއަކީ ގަމު މިސްކިތު ވަޤުފު ރަށެއްކަން މިރަދުންގެ ޒަމާނުގައި ގަމު މިސްކިތަށް ލިޔުއްވާފައިވާ ބޯގަ ފަތްކޮޅުން އެނގެއެވެ. މި ފަތްކޮޅުން އެނގޭގޮތުގައި އެދުވަސްވަރު ކަޅާއިދޫގައި މީހުން އުޅުނު ކަމުގައި ވީނަމަވެސް ކަޅާއިދޫއަކީ ރަސްމީގޮތުން މީހުން ދިރިއުޅޭ ރަށެއް ނޫން ކަން ސާފުވެއެވެ. ވީމާ ކަޅާއިދޫ އާބާދުވެފައި ވަނީ އައްސުލްޠާން އިބްރާހިމް…

  • ޒިންމާ ނަގާނީ ކާކު؟

    ”ގިނަދުވަސްވެގެން ގޮސް އަހަރެންގެ ޙަޔާތަށްވީ ކިތައް އަހަރުކަމެއް ހުދު އަހަންނަކަށް ވެސް ނޭނގެއެވެ. އެހާވެސް ގިނަ ދުވަސް ވެއްޖެއެވެ. އެހެންނަމަވެސް އަހަރެން ދުނިޔޭގައި ދިރި އެބަހުރީމެވެ. އެތައްބަޔެއްގެ އަނިޔާތައް އެތައްފަހަރެއްގެ މަތިން މިވޭތުވެ ދިޔަ އަހަރު ތަކުގައި ލިބިއްޖެއެވެ. އަދިވެސް ދަނީ ލިބެމުންނެވެ. އެކަމުގެ ސަބަބުން އެއިރު ހުރި އަހަރެންގެ ރީތި ސޫރަ ޢައިބުވެ ބަލާލަން ހަޑިވެ ހުތުރު ވުމަކީ އަހަރެންގެ ކުށެއް ނޫނެވެ. ދޭތެރެ ދޭތެރެއިން ދުރު ހިސާބުން އަހަރެންގެ މޫނު ދެކެލަން މަދު މަދުން…

  • މަންމަގެ ހަޔާތުން ހަމަ އެންމެ ދުވަހެއް

    ފަށާނީ ކިހާ ހިސާބަކުން ކަމެއްވެސް ނޭނގެއެވެ. ކޮންމެ ދިމާއަކުން ވެސް ފެންނަނީ މަންމަގެ ހިތްވަރުގަދަ ކަމާއި މަސައްކަތްތެރިކަމެވެ. ކެތްތެރިކަމާއި އެކު އުފުލި ބުރަކަމެވެ. ދައްކަން މިއުޅެނީ މާ ކުރީގެ ވާހަކައެއް ނޫނެވެ. ވިއްސަކަށް އަހަރު ކުރިއެވެ. އައްޑިހައިގެ އަހަރުތަކުގެ ފަހުކޮޅެވެ. ފަތިހަކުން ފަށަމާ ހިނގާށެވެ. ނިދިން ހޭލެވޭނީ މަންމަ ފަތިސް ނަމާދަށް ގޮވާލާ އަޑަށެވެ. އިރުއެރުމުގެ ކުރިން ފަތިހުގެ ނަމާދު ކުރެވޭހާ ވަގުތު އޮއްވާ ކޮންމެ ރެއަކުވެސް މަންމަ ގޮވާނެއެވެ. ގިފިއްޔަށް ވަންނަ އިރު ދާންޖެހިފައި ހުރެއްޖެ…

  • ހައްދުންމަތީ ގަމަކީ ލާމަސީލު ރަށެކެވެ.

    ދިވެހިރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ލާމު އަތޮޅަކީ ތާރީޚީ ގޮތުންނާއި ސަގާފީ ގޮތުން ވަރަށް މުއްސަނދި އަތޮޅެކެވެ. މި އަތޮޅުގެ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު ރަށް ކަމުގައިވާ ލާމު ގަމަކީ، އެހެން ރަށްރަށާ އަޅާ ބަލާއިރު ވަރަށް ގިނަ ގޮތްގޮތުން ޚާއްސަ ރަށެކެވެ. ގަމަކީ ހަމައެކަނި ބޮޑު ރަށެއް ނޫނެވެ. އެއީ ގަދީމީ ތާރީޚާއި، ދިވެހިރާއްޖޭގެ ބުދުދީނުގެ ޒަމާނުގެ އަސަރުތަކާއި، އަދި ދިގު ތަރައްޤީގެ ދަތުރެއް ހިމެނޭ ރަށެކެވެ. މި ލިޔުމުގައި، ލ. ގަމުގެ…