އަހަރެންގެ ނަޒަރުގައި ތިކި ޖެހުން

”ތިކި“ ވަރަށް ކުޑަކުޑަ ހަމަ އެންމެ ދެ އަކުރުގެ ލަފުޒެކެވެ. އެހެނަސް ވަރަށް ފުޅާ އެހާމެ ތަނަވަސް ލަފުޒެކެވެ. މާ ގިނަ ވާހަކަތަކެއް ލިޔާކަށް ގަސްތެއް ނުކުރަމެވެ. ފާޅުކޮށްލަން ބޭނުންވަނީ ތިކި ޖެހުމާއި ބެހޭ ގޮތުން އަހަރެން ދެކޭ ގޮތެވެ. އަހަރެންގެ ހިޔާލެވެ. ފަހަރުގައި ތިބާ ދެކޭގޮތް ތަފާތުވެދާނެއެވެ. އެއީ އަދި މުޅިން އެހެން ކަމެކެވެ.

ދިވެހި ބަހަކީ ގިނަ އަދަދަކަށް އޭގައި އަރަބި ލަފުޒުތައް ހިމެނޭ ބަހެކެވެ. އަރަބި ލަފުޒުތަކުން ލަފުޒުނެގި ދިވެހި ވެފައިވާ ލަފުޒުތައް ވެސް އެހާއިމެ ގިނައެވެ. ވަކިބަހަކުން ލަފުޒުނެގި ބަސް އުފެދިގެން ދިއުމަކީ އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް އަޅުގަނޑަށް މައްސަލައަކީ އަދިވެސް ދިވެހިބަހުގެ ތެރޭގައި ދިވެހި ލަފުޒަކަށް ނުވެ ހުންނަ ބޭރު ބަސްބަހުގެ ގިނަ ލަފުޒުތަކެއް ހުންނަ ހުރުމެވެ. ހާއްސަކޮށް އަރަބި ބަހުގެ ތެރެއިން އައިސްފައި ހުރި ލަފުޒުތަކުގެ ގިނަކަމެވެ. ކުރީގެ ލިޔުން ތަކުގައި ވަރަށް ގިނައިން އަރަބި ލަފުޒުތައް އަރަބި އަކުރުން ލިޔެފައި ހުންނަތަން ފެންނާނެއެވެ. އަރަބި އަކުރުން ލިޔަން ޖެހޭތީ ފަހުންވަނީ އަރަބި އަކުރުތައް ތިކި ޖެހުމާއި އެކު ތާނަ އަކުރުގެ ތެރެއަށް ވައްދައި ރަސްމީ ކޮށް އިއުލާނު ކޮށްފައެވެ. އަމިއްލަ ނޫން އެއްޗެއް އަމިއްލަ ބަހުގެ ތެރެއަށް ވައްދައިގެން އަދި އަދަށްދާންދެން އެގޮތުގައި ބޭއްވުމަކީ ދިވެހި ބަހަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. ދިވެހިންނާއި ދިވެހި ބަސް ބީރައްޓެހި ވާން ޖެހޭ އެންމެ ބޮޑު އެއް ސަބަބެވެ.
އަރަބި އަކުރުތަކުގެ ތެރޭގައި ހުންނަ، ތާނަ އަކުރު ތަކުގެ ތެރޭގައި ނުހުންނަ އަޑުތަށް ތިކި ޖަހިގެން ބަހުގެ ތެރެއަށް ވައްދާ ބޭނުން ކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ. ފުރަތަމަ ކަމަކަށް ބަލާލަމާ ހެއްޔެވެ. އަރަބި އަކުރުގެ އަޑުތަކުގެ ތެރޭގައި ”ޓ“ ”T“ ގެ އަޑު ނުހިމެނެއެވެ. އެ އަޑުގެ ބަދަލުގައި އެމީހުން ބޭނުން ކުރީ ހަމަ ت އެވެ. ޓީވީ އަށް تلفزيون އެވެ. އެމީހުންގެ އަމިއްލަ ވަންތަކަށް ދޫކޮށްލާކަށް އެމީހުން ބޭނުމެއް ނުވެއެވެ. ت ގައި ހަތަރު ނުވަތަ ފަސް ތިކި ޖަހައިގެން ”ޓ“ ނުވަތަ ”T“ ގެ އަޑު ނެރޭކަށް އެމީހުން ބޭނުމެއް ނުވިއެވެ. ނަތީޖާ އަކަށްވީ އެންމެ މުއްސަނދި އެއްބަސް ކަމުގައި މިއަދު ދުނިޔެ ބަލައިގަތީއެވެ. އަރަބި ބަހުން ލަފުޒެއް ނުހެދި ހުންނަ އެއްޗެއްވެސް ނެތެވެ. ނަމަވެސް އިތު އަޑެއް ބޭނުމެއް ނުކުރެއެވެ.
ފަށައިގަންނަ ތައުލީމު ހާސިލް ކުރުމަށް ކިޔަވާ ކުދިން ގެންގުޅޭ ތުނި ދިވެހި ލިޔާ ފޮތްތަކުގެ ބަނޑޭރި ގަނޑުގައި ތަންކޮޅެއް ކުރިން ތިކިޖެހި ތާނަ ލިޔެފައި ހުންނާތީ ފެނެއެވެ. ނަމަވެސް އެއްވެސް މުގައްރަރެއްގައި ތިކިޖެހި ތާނަ ކިޔަވައިދޭ ހެނެއް އަޅުގަނޑަކަށް ހީއެނުވެއެވެ. ހަމަ ގައިމުވެސް އަޅުގަނޑު މަދަރުސާގައި ހޭދަކުރި ދިހަ އަހަރުގައި ދުވަހަކުވެސް ނުކިޔަވަމެވެ. އޭގެ ނަތީޖާ އަކަށް ވެގެން މިދަނީ ތިކި ޖެހުމުގެ ބަދަލުގައި ތިކި ތެޅުން ގިނަވުމެވެ. ޞ ޟ އަދި ޚ ޙ ވަކި ނުކުރެވި ހިތަށް އެރިތަނެއްގައި ތިކި ޖެހެވުމެވެ. ސަރުކާރުގެ ރަސްމީ ލިޔުންތަކުން ފެށިގެންގޮސް ރަސްމީ އަދި ނުރަސްމީ ލިޔުން ތަކުގައި ވެސް ތިކި ޖެހުމުގައި ލިޔުންތެރިން އަހުލުވެރި ނޫންކަން ފާހަގަ ވެއެވެ. މިސާލެއް ދަންނަވަން ތޯއެވެ. ”ހާޒިރު“ ދިވެހި ވަންތަ ދިވެހި ލަފުޒެކެވެ. ”ހާޟިރު“ މިހެން ލިޔުމުގެ ބޭނުމަކީ ކޮބައި ތޯއެވެ. ހުސްވި ހަފުތާގައި ހައްދުންމަތީ ގަމު ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ”ހާޞިރު“ ސީނުގެ ތިރީގާއި ތިކި ޖަހައިގެން ލިޔެފައި ވާތީ ދުށީމެވެ.
”ޢިއުލާން“ އާއި ”އިޢުލާން“ ރަނގަޅުގޮތަކީ ކޮބައިކަން ނުއެނގި ލިޔުންތަކުގައި މި ދެގޮތަށް ބޭނުން ކޮށްފައި ހުންނަ މަންޒަރުވެސް ފެނެއެވެ. ރައީސް އޮފީހުން ނެރޭ ރަސްމީ ލިޔުން ތަކުގައި ވެސް ތިކި ޖަހަން ޖެހޭ ތަން ނޭނގި ތިކި ޖަހައިފާ ހުންތަންވެސް ފިސާރި ގިނައިން ފެނެއެވެ. ”އިއުލާން“ ތިކި ޖެހުމެއް ނެތި މިހެން ބޭނުން ކުރުން ކިހިނެއް ތޯއެވެ. ހަމަ ގައިމުވެސް ތިކި ނުބައިވެގެންޖެހޭ ބޭޒާރެއް ވާކަށް ނުޖެހޭނެތާއެވެ. ހަމަ އެއާއިއެކު ލަފުޒު ދިވެހި ވަންތަވެސް ވާނެ ނޫންހެއްޔެވެ. ތިކި ޖަހިގެން ތާނައިން މި ލިޔާ އަރަބި ލަފުޒުތައް ލެޓިނުން ލިޔުއްވާއިރު ތިކި ޖައްސަވަމު ތޯ އެވެ. ”HAZIR“ އާއި ”IULAN“ ތާނައިން ލިޔުމުގައި އަކުރު ވަށައިގެން ތިކި ޖެހުމުގެ ބޭނުމަކީ ކޮބާއި ތޯއެވެ؟
އެއް މާނައަށް ވުރެ ގިނަ މާނަ ނެގޭ ލަފުޒު އެހެން ބަސްބަހުގައިވެސް ހުރެއެވެ. އެއީ މައްސަލައެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ. މިސާލަކަށް ”RIGHT“ އެއް އަކުރު ތަކެކެވެ. އެއް ލަފުޒެވެ. ކިތައް މާނަހެއްޔެވެ. ހަމަ އެގޮތަށް ”ޚަބަރު“ ނުވަތަ ”ހަބަރު“ ގެ ހާ މަތީގައި ތިކި ޖަހައި އަރަބި ލަފުޒެއް ގޮތުގައި ބޭއްވުމަށް ވުރެ ތިކި އުނިކޮށް ”ހަބަރު“ އެއް ލަފުޒެއް ގޮތުގައި ހަދައި ދެ މާނަ އެކުލަވައިލުން ބުއްދި ވެރި ނޫންހެއްޔެވެ. މިހެން ކަންތައް ކުރުމުން ބަސް މުއްސަނދި ނުވޭ ހެއްޔެވެ. އަމިއްލަ ވަންތަ ނުވޭ ހެއްޔެވެ. ހަބަރު ހިމަނައިގެން ޖުމްލަ ކުރީމާ އެބުނަނީ ކީކޭކަން އެނގޭނެ ނޫން ހެއްޔެވެ.
އަޅުގަނޑުގެ ނަޒަރުގައި ތިކި ޖެހުމަކީ ބަހަށް ލިބޭ މުއްސަނދި ކަމެއް ނޫނެވެ. ތިކީގެ ސަބަބުން ދިވެހިންގެ ތާނަ ދިވެހިންނާއި ބީރައްޓެވެފައިވާ މިންވަރު ތިކި ޖަހައިގެން ލިޔެފައި ހުންނަ ލިޔުންތައް ކިޔައިލުމުން އެނގޭނެއެވެ. ތިކި ޖަހަން ޖެހެނީ އަކުރުގެ މަތީގައި ކަމެއް ނުވަތަ ތިރީގައި ކަމެއް ގިނަ މީހުންނަކަށް ނޭނގެއެވެ. ޖަހަން ޖެހޭނީ ދެތިކި ކަމެއް ނުވަތަ އެއްތިކި ކަމެއްވެސް ނޭނގެއެވެ. ހަމަ އެއާއިއެކު ތިކި ޖަހާ ހިސާބުން އެލަފުޒު އެވަނީ އަރަބި ލަފުޒަކަށެވެ. ހަގީގަތުގައި ދިވެހި ބަހަށް އޭގެ ސަބަބުން ލިބެމުން ދަނީ ނުހަނު ބޮޑު ގެއްލުމެކެވެ. ދިވެހިން ތާނައާއި ބީރައްޓެހިވެ ދުވަހެއް ދުވަހަކަށް މިދަނީ ފެއަށެވެ. ކޮންމެހެން ޖަހަން ޖެހޭ ހާލަތެއްގައި މެނުވީ ތިކި ޖެހުމަކީ ރަނގަޅު ގޮތެއް ކަމުގައި އަހަރެން ނުދެކެމެވެ.

👍 0❤️ 0🤗 0😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

  • ޝަހީދުންގެ ދުވަސް

    ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަހަކީ ޝައުބާންމަހުގެ 1 ވަނަ ދުވަހެވެ. ޝަހީދުންގެ ދުވަސް ނިސްބަތްވަނީ އައްސުލްޠާން ޢަލީ (6ވަނަ) ސިރީ އައުދަ ސިޔާކަ ކައްތިރި މަހާރަދުންނަށެވެ. އެއީ ދިވެހިތާރީޚުގައި މަޝްހޫރު ޢަލީ ރަސްގެފާނެވެ. އެ ރަދުން ރާއްޖޭގައި ރަސްކަން ކުރެއްވީ ހިޖުރައިން 965 ވަނަ އަހަރު، (މީލާދީން 1558 ވަނަ އަހަރު)، 2 މަހާއި 15 ދުވަހުއެވެ. ޝަޢުބާންމަހުގެ 1ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަސްކަމަށް ދިވެހި ދައުލަތުން ކަނޑައެޅުއްވީ ޕޯޗްގީޒުންނާ ދެކޮޅަށް ދީނާއި ޤައުމުގެ ދިފާޢުގައި ޖިހާދު…

  • އުލުބޭންދުމުގެ އަދަބު ދިނުމާއި އޭގެ ތާރީހު

    ދިވެހި ބަހުގެ ރަދީފުގައި އުލުބޭންދުން މާނަކޮށްދީފައި އޮތީ ޔޯލަ ވާހަކައެއް ސިފަކޮށްދޭ ގޮތަށެވެ. އެ ބަހުގެ މާނައެއް ކަމަށް އޮތީ ”މާ އިހު ޒަމާނުގައި މީހުން މަރަން ހަދާގޮތެއް ކަމުގައި ބުނެވޭ ގޮތެއް. އުލުބައިންދާ އިރު ހަދާގޮތެއް ކަމަށް ބުނަނީ ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މީހާ ބައިންދަނީއެވެ. ބޭންދީމާ އެ އޫ ފުރަގަސް ފަރާތުން ވަދެގެންގޮސް ބޮލުން ނުކުންނަނީއެވެ.“ މިހެންނެވެ. ދެން އެއާ ވިދިގެން އުފެދުނީ ’އުލު އިންދާފައި އިރަށް ދޮންކުރުން‘ ކަހަލަ ހަރު ބުނުންތަކެވެ….

  • ބަރެސްދޫ ފަޅުވެ ކަޅާއިދޫ އާބާދުވުން

    ހައްދުންމަތީ ކަޅައިދޫގައި މީހުން ދިރިއުޅެންފެށި ތާރީޚެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. އެހެންނަމަވެސް އައްސުލްޠާން އިބްރާހިމް އިސްކަންދަރު 2 ގެ ދުވަސްވަރު ކަޅައިދޫގައި ބަޔަކު ދިރިއުޅުނުކަމާއި އޭރު ކަޅާއިދޫއަކީ ގަމު މިސްކިތު ވަޤުފު ރަށެއްކަން މިރަދުންގެ ޒަމާނުގައި ގަމު މިސްކިތަށް ލިޔުއްވާފައިވާ ބޯގަ ފަތްކޮޅުން އެނގެއެވެ. މި ފަތްކޮޅުން އެނގޭގޮތުގައި އެދުވަސްވަރު ކަޅާއިދޫގައި މީހުން އުޅުނު ކަމުގައި ވީނަމަވެސް ކަޅާއިދޫއަކީ ރަސްމީގޮތުން މީހުން ދިރިއުޅޭ ރަށެއް ނޫން ކަން ސާފުވެއެވެ. ވީމާ ކަޅާއިދޫ އާބާދުވެފައި ވަނީ އައްސުލްޠާން އިބްރާހިމް…

  • ޒިންމާ ނަގާނީ ކާކު؟

    ”ގިނަދުވަސްވެގެން ގޮސް އަހަރެންގެ ޙަޔާތަށްވީ ކިތައް އަހަރުކަމެއް ހުދު އަހަންނަކަށް ވެސް ނޭނގެއެވެ. އެހާވެސް ގިނަ ދުވަސް ވެއްޖެއެވެ. އެހެންނަމަވެސް އަހަރެން ދުނިޔޭގައި ދިރި އެބަހުރީމެވެ. އެތައްބަޔެއްގެ އަނިޔާތައް އެތައްފަހަރެއްގެ މަތިން މިވޭތުވެ ދިޔަ އަހަރު ތަކުގައި ލިބިއްޖެއެވެ. އަދިވެސް ދަނީ ލިބެމުންނެވެ. އެކަމުގެ ސަބަބުން އެއިރު ހުރި އަހަރެންގެ ރީތި ސޫރަ ޢައިބުވެ ބަލާލަން ހަޑިވެ ހުތުރު ވުމަކީ އަހަރެންގެ ކުށެއް ނޫނެވެ. ދޭތެރެ ދޭތެރެއިން ދުރު ހިސާބުން އަހަރެންގެ މޫނު ދެކެލަން މަދު މަދުން…

  • މަންމަގެ ހަޔާތުން ހަމަ އެންމެ ދުވަހެއް

    ފަށާނީ ކިހާ ހިސާބަކުން ކަމެއްވެސް ނޭނގެއެވެ. ކޮންމެ ދިމާއަކުން ވެސް ފެންނަނީ މަންމަގެ ހިތްވަރުގަދަ ކަމާއި މަސައްކަތްތެރިކަމެވެ. ކެތްތެރިކަމާއި އެކު އުފުލި ބުރަކަމެވެ. ދައްކަން މިއުޅެނީ މާ ކުރީގެ ވާހަކައެއް ނޫނެވެ. ވިއްސަކަށް އަހަރު ކުރިއެވެ. އައްޑިހައިގެ އަހަރުތަކުގެ ފަހުކޮޅެވެ. ފަތިހަކުން ފަށަމާ ހިނގާށެވެ. ނިދިން ހޭލެވޭނީ މަންމަ ފަތިސް ނަމާދަށް ގޮވާލާ އަޑަށެވެ. އިރުއެރުމުގެ ކުރިން ފަތިހުގެ ނަމާދު ކުރެވޭހާ ވަގުތު އޮއްވާ ކޮންމެ ރެއަކުވެސް މަންމަ ގޮވާނެއެވެ. ގިފިއްޔަށް ވަންނަ އިރު ދާންޖެހިފައި ހުރެއްޖެ…

  • ހައްދުންމަތީ ގަމަކީ ލާމަސީލު ރަށެކެވެ.

    ދިވެހިރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ލާމު އަތޮޅަކީ ތާރީޚީ ގޮތުންނާއި ސަގާފީ ގޮތުން ވަރަށް މުއްސަނދި އަތޮޅެކެވެ. މި އަތޮޅުގެ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު ރަށް ކަމުގައިވާ ލާމު ގަމަކީ، އެހެން ރަށްރަށާ އަޅާ ބަލާއިރު ވަރަށް ގިނަ ގޮތްގޮތުން ޚާއްސަ ރަށެކެވެ. ގަމަކީ ހަމައެކަނި ބޮޑު ރަށެއް ނޫނެވެ. އެއީ ގަދީމީ ތާރީޚާއި، ދިވެހިރާއްޖޭގެ ބުދުދީނުގެ ޒަމާނުގެ އަސަރުތަކާއި، އަދި ދިގު ތަރައްޤީގެ ދަތުރެއް ހިމެނޭ ރަށެކެވެ. މި ލިޔުމުގައި، ލ. ގަމުގެ…