ޕީއެންސީ ޕްރައިމަރީ: ގަމު ކައުންސިލް ރައީސްގެ ޓިކެޓު ޕީއެންސީން އަރީފް ކާމިޔާބުކޮށްފި

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގެ ވޯޓުލުން ނިންމާލައިފިއެވެ. ލާމު އަތޮޅުގެ ތިން ރަށެއްގައި ބޭއްވި މި އިންތިޚާބުގެ ތެރެއިން ގަމު ކައުންސިލްގެ ރައީސް ކަމުގެ ޓިކެޓް ކާމިޔާބުކުރައްވާފައިވަނީ މުޙައްމަދު އަރީފެވެ.

ކައުންސިލް ރައީސްގެ ނަތީޖާ

ލ. ގަމު މަތިމަރަދޫ ކުންނާރުމާގެ، މުޙައްމަދު އަރީފް މި ޓިކެޓް ކާމިޔާބުކުރެއްވީ މުޙައްމަދު އަބޫބަކުރާއި، މުޙައްމަދު ފަރީދު އަދި ޙުސައިން ހަލީމްއާ ވާދަކުރައްވައެވެ. މުޅި ޖުމުލަ ހަތަރު ސަރަހައްދެއްގައި ވޯޓު ފޮށި ބަހައްޓާފައިވާއިރު، އަރީފަށް ލިބިވަޑައިގަތީ 281 ވޯޓެވެ. ދެން އެންމެ ގިނަ ވޯޓު ހޯއްދެވި މުޙައްމަދު އަބޫބަކުރަށް 220 ވޯޓު ލިބިވަޑައިގެންނެވިއިރު، ޙުސައިން ހަލީމަށް ލިބިވަޑައިގަތީ 200 ވޯޓެވެ. މި އިންތިޚާބުގައި މުޅި ޖުމުލަ 918 މީހުން ވޯޓުލާފައިވާއިރު 48 ވޯޓު ބާތިލުކޮށްފައިވެއެވެ.

ކައުންސިލް މެންބަރުންގެ ނަތީޖާ

ގަމު ރަށު ކައުންސިލްގެ މެންބަރުކަމަށް ހަ ކެންޑިޑޭޓުން ވާދަކުރެއްވިއިރު، އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ޓިކެޓް ކަށަވަރުކުރެއްވީ އަސްލަމް މުޙައްމަދު އެވެ. އޭނާއަށް 375 ވޯޓު ލިބިވަޑައިގެންނެވިއެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ 365 ވޯޓާއެކު ޝާހިދު މުޙައްމަދަށެވެ. މީގެ އިތުރުން ޙުސައިން އާލިމަށް 317 ވޯޓު އަދި މުޙައްމަދު އަޙުމަދަށް 195 ވޯޓު ލިބިފައިވެއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ

ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރާނެ ހަތަރު ބޭފުޅުންވެސް ވަނީ ކަށަވަރުވެފައެވެ. އެންމެ ގިނަ ވޯޓު ހޯއްދެވީ 586 ވޯޓާއެކު އައިޝަތު ސަނާ އެވެ. ދެން ޓިކެޓް ކާމިޔާބުކުރެއްވީ ނައުސާ ޚާލިދު (477 ވޯޓު)، އާމިނަތު ދުންޔާ (382 ވޯޓު) އަދި އާމިނަތު ރަޝީދާ (362 ވޯޓު) އެވެ.

ލާމު އަތޮޅުގައި ޕީއެންސީގެ ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވަނީ ގަމުގެ އިތުރުން ހިތަދޫ އަދި މާވަށުގައެވެ. މިއީ 2026 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޕީއެންސީން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

👍 0❤️ 0🤗 0😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް