ފަލަސްތީނުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުރާސްފަތި ދުވަހު ނެރެފައިވާ ރިޕޯޓުގައިވާ ގޮތުގައި، މިދިޔަ ހަފްތާގައި ޣައްޒާއަށް އާއި ތޫފާނުގައި ގަދަވަޔާ ވިއްސާރާއިގެ ސަބަބުން ބައެއް ގެތައް ވެއްޓުމުންނާއި، ފިނީގެ ސަބަބުން 20 މީހަކު ނިޔާވެފައިވެއެވެ. މީގެތެރޭގައި ގަދަ ފިނީގެސަބަބުން ނިޔާވި ތުއްތު 5 ކުދިން ހިމެނެއެވެ.
ސިވިލް ޑިފެންސްގެ ތަރުޖަމާން މަހްމޫދު ބަސަލް ވިދާޅުވީ، އިޒްރޭލުގެ އަނިޔާވެރިކަމުގެ ސަބަބުން ގެދޮރުގެއްލިފައިވާ މީހުން ދިރިއުޅެމުންދާ ޓެންޓުތަކުގެ %90 އިންސައްތަ ޓެންޓަށް ވަނީ ފެންވަދެފައެވެ. ކަންބޮޑުވާ ޢަދަދަކަށް އާއިލާތައް ވަނީ ހިޔާވަހިކަމެއްނެތި ގަދަފިނީގައެވެ.
ޣައްޒާއަށް ތޫފަންއެރިފަހުން ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން އެހީތެރިކަމަށްއެދި 5000 އަށް ވުރެން ގިނަ ކޯލްތަށް ސިވިލް ޑިފެންސް ޓީމުތަކަށް ލިބިފައިވެއެވެ.

އިޒްރޭލުގެ ގަތުލުއާމު ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައި ވާއިރު %80 އިންސައްތަ އަށް ވުރެން ގިނަ އިމާރާތް ވަނީ ހަލާކު ކޮއްލާފައެވެ. އޮކްޓޯބަރު 10 ވަނަދުވަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވީ ނަމަވެސް، އިޒްރާއީލުންދަނީ ތަކުރާރުކޮށް އެއްބަސްވުމުގައި ހުރި ހުރިހާ ނުކުތާއަކާ ހިލާފުވަމުންނެވެ. ޣައްޒާއަށް ދުވާލަކު 600 ޓުރަކްގެ އެހީގެ ސާމާނު ވެއްދުމަށް ހުއްދަދޭން ޖެހޭނެ ކަމަށް އެއްބަސްވުމުގައި ވީ ނަމަވެސް އިޒްރޭލުން އަދިވެސް ދުވާލަކު 100 ޓުރަކް ވަނުމަށްވެސް ހުއްދަނުދެއެވެ. އިޒްރޭލުން އެންމެ ފުރަތަމަ ބުނެފައިވަނީ މަރުވަފައިވާ އިޒްރޭލު މީހުންގެ ހަށިތައް ހަވާލުކޮށް ނިމުމުން 600 ޓުރަކް ވެއްދުމަށް ފުރުސަތު ދޭނެކަމަށެވެ. މިހާރު ހުރިހާ ހަށިގަނޑުތައް ހަވާލުކުރުމުން ބުނަމުންދަނީ ހަމާއިން އެހީގެ ތަކެތި ގެންދާތީ އެގޮތައް ހުއްދަ ނުދޭނެކަމަށެވެ.
ޓެންޓާއި، ތެލާއި، ފިނިން ރައްކާތެރި ވުމަށް ބޭނުންވާ ހެދުމާއި، ހޫނުކުރުމަށް ބޭނުންވާ އާލާތްތަކާއި، ޞިއްޙީ އެހީތެރިކަން ލިބުން މަދުވުމުގެ ސަބަބުން، ޙާލުގައި ޖެހިފައިވާ ޕަލަސްތީނުގެ ރައްޔިތުން ކުރިއަށް އޮތް ހަފްތާތަކުގައި މިއަށްވުރެ ބޮޑަށް ހާލަތު ގޯސްވެގެން ހިނގައިދާނެއެވެ.

ޕަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އ.ދ. ގެ އެޖެންސީ (އަންރުވާ) އިން ބުނެފައިވާ ގޮތުގައި، އިޒްރޭލު ސަރުކާރުން ވަނީ އެ އެޖެންސީއަށް ޣައްޒާއަށް ސީދާ އެހީތެރިކަން ފޯރުކޮށްދިނުން މަނާކޮށްފައެވެ. އެހީދޭ ޖަމާއަތްތަކުން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލާފައިވަނީ، ޣައްޒާއަށް އެހީގެތަކެތި އެތެރެކުރުމަށް ހުރަސްއެޅުން ހުއްޓާލުމަށް އިޒްރާއީލަށް ޕްރެޝަރު ކުރުމަށެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން އޮކްޓޯބަރު 11 އިން ފެށިގެން މިއަދާ ހަމައަށް އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގައި 393 ފަލަސްޠީނުގެ ރައްޔިތުން ޝަހީދުވެ، 1,074 މީހުން ޒަޚަމްވެފައިވެއެވެ.

