ޣައްޒާގެ%90 އިންސައްތަ ޓެންޓްތަކުގައި ފެންބޮޑުވެއްޖެ

 ޣައްޒާގެ%90 އިންސައްތަ ޓެންޓްތަކުގައި ފެންބޮޑުވެއްޖެ

ފަލަސްތީނަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޣައްޒާގެ ޓެންޓުތަކުގައި ދިރިއުޅޭ މީހުންގެ ހާލު އިތުރަށް ގޯސްވެ ފިނިން ރައްކާތެރިވެވޭނެ ގޮތެއްނެތެވެ. ފަލަސްތީނަކީ ކޮންމެ އަހަރަކުވެސް ފިނިމޫސުން ފެށުމާއެކު ބޯކޮށް ވާރޭވެހޭ ގައުމެކެވެ.

 ފިނިމޫސުން މިހާރު މިވަނީ ފެށިފައެވެ. އެޔާއެކު ފުރަތަމަ ވެހުނު ވާރޭގެ ސަބަބުން ޣައްޒާގެ ޓެންޓުތަކުގައި ދިރިއުޅޭ އާއިލާތަކުގެ %90 އިންސައްތަ މީހުން މިހާރުތިބީ ބޯހިޔާވަހިކަމެއްނެތި ފެންބޮޑުވުމުގެ ސަބަބުން ނިދޭނެ ގޮތެއްވެސް ނެތިފައެވެ. ޓެންޓުތަކުގައި ނިދަނީ ބިންމަތީ ރަޖާ އަޅައިގެން ކަމުގައި ވާތީ ހުރިހާ ރަޖައަކާއި ބާލިސްތައް ވެސް ވަނީ ތެމިފައެވެ. ބައެއް މީހުން ބުނިގޮތުގައި އެމީހުންގެ ހުރިހާ އަންނައުނުތައްވެސް ހުރީ ތެމިފައެވެ.

ފެންބޮޑުވެފައިވަނީ އަލް ނަފާގު، އަލް ދަރާޖު، އަލް ޔަރްމޫކް، އަލް ޒައިތޫން، ބީޗް ކޭމްޕް، ދީރް އަލް ބާލާހް، އަލް ބުރައިޖް އަދި ނުސެއިރަތު ފަދަ ސަރަހައްދުތަކުގައި ކަމަށް ޣައްޒާގެ ސިވިލްޑިފެންސް ޓީމުން ބުނެފައިވެއެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާން ސްޓެފަން ޑުޖާރިކް ބުނީ، ޣައްޒާގައި ހުރި އެތައް ސަތޭކަ ޓެންޓުތަކާއި ވަގުތީ ހިޔާތަކަށް ވާރޭ ވެހި ފެންބޮޑުވެ، އެތައް ހާސް އާއިލާއެއް މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ޣައްޒާއަށް ބޭނުންވާ 4،000 ޕެލެޓްގެ ޒަރޫރީ އެހީގެ ތަކެތި ވެއްދުމަށްޓަކައި 23 ފަހަރުމަތިން އިޒްރޭލުގައި އެދުމުންވެސް އެކަމަށް ހުރަސްއަޅާފައިވާ ކަމަށެވެ. މި ޕެލެޓްތަކުގެ ތެރޭގައި ގިނައީ ޓެންޓްކަމުގައި ވެސް ސުޓެފަން ބުންޏެވެ.

ދުނިޔޭގެ ހުރިހާ ބާރުތަކުން މިކަމަށް އެހީތެރިކަން ދިނުމަށް ޣައްޒާގެ ސިވިލްޑިފެންސްއިން ވަނީ ގޮވާލާފައެވެ.

👍 0❤️ 0🤗 0😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް