ޝުހައިބު އައްރޫމީ رَضِيَ اللَّهُ عَنْهُ ހިޖްރަކުރެއްވުމަށް ޓަކައި ވެލެއްވި ގުރުބާނީ
މައްކާއިން މަދީނާއަށް ހިޖްރަކުރި ގިނަމީހުން ފަގީރުންގެ ގޮތުގައިވިއެވެ. މިމީހުންނަކީ މުހާޖިރީންނެވެ. މިމީހުންނަކީ މައްކާގެ ދުވަސްވަރުގައި ތަނަވަސް މީހުންނެވެ. ނަމަވެސް ހިޖްރަކުރެއްވި ވަގުތުގައި ހުރިހައި މުދާތައް ދޫކޮށް މަދީނާއަށް ދިޔުމުން އެދުވަސްވަރު އެމީހުން ފަގީރުން ކަމުގައިވިއެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއް ބޭކަލަކީ ޝުހައިބު އައްރޫމީއެވެ. އޭނާއަކީ މައްކާގައި އުޅުނު ރޫމީންގެ އަޅުމީހެކެވެ. އޭނާ މައްކާގައި އުޅުނު ދުވަސްވަރު ވިޔަފާރިކޮށް ވަރަށް ތަނަވަސްކަން ހޯދިއެވެ. އަދި އިސްލާމްދީން ގަބޫލުކުރިއެވެ. އަދި ހިޖުރައިގެ ވަގުތު ޖެހުމުން ހިޖްރައަށް ދިއުމަށްޓަކައި ނުކުތެވެ. މީނާ ހިޖްރައަށް ދިއުމަށް ނުކުތުމުން މައްކާގެ މުޝްރިކުން މީނާއަށް ހުރަސްއެޅިއެވެ. ދެން އޭނާ އެތަނުގައިވާ އުސް ވެލިފުންޏެއްގެ މައްޗަށް އަރާފައި ބުރަކަށީގައިވާ ތީރުކޮތަޅުން ތީރެއްނަގާ، ދުނޑިދަނޑިއަށްލައްވާ އެމީހުންނާއި ތީރު ސީދާކުރުމަށް ފަހު އެމީހުންނަށް ހަރު އަޑުންގޮވާލިއެވެ. އަހަރެންނީ ދުނިދަނޑިއަށް ކުޅަދާނަ މީހެއްކަން ކަލޭމެން ދަންނާނެއެވެ. އަހަރެން ދާނެތަނަކަށް ދިއުމަށް ކަލޭމެން އަހަރެން ނުދޫކޮށްފިނަމަ ކަލޭމެންގެ ގަޔަށް މިތީރުތައް ޖެހުމުގައި ތީރުތައް ހުސްކޮށްލާނަމެވެ. ޖަވާބުގައި މައްކާގެ މުޝްރިކުން ގޮވާލިއެވެ. ކަލޭ މި ރަށަށް އައީ ފަގީރެއްގެ ގޮތުގައެވެ. އަދި މިރަށުގައި ވިޔަފާރިކޮށް މުދާވެރިވީއެވެ. މިއަދު ކަލޭގެ މުދަލާއި ފައިސާ ހިފައިގެން ނުދެވޭނެއެވެ. އަދި ފައިސާ އަހަރެމެންނާއި ހަވާލުކުރާށެވެ.
ދެން ޖަވާބުގައި ޝުހައިބު ވިދާޅުވިއެވެ. މިވެނި އެވެނި ތަނުގައި އަހަރެންގެ މުދަލާއި ފައިސާ ހުންނާނެއެވެ. މިގޮތުން އޭނާގެ އަގަކީ އެމުދަލާއި ފައިސާ ކަމުގައި ހެދުމަށްފަހު ސަލާމަތްވެގެން ހުސްއަތާ މަދީނާއަށް ހިޖްރަކުރައްވައިފިއެވެ. ދެން މަދީނާއަށް ހިޖްރަކޮށް ރަށުތެރެއަށް އަރައިގެން ދަނިކޮށް ނަބިއްޔާ ﷺ އާއި ބައްދަލުވިއެވެ. ބައްދަލުވުމާ އެކު ނަބިއްޔާ ﷺ ޝުހައިބަށް ހަދީޘްކުރެއްވިއެވެ. “ ރަބިޙަލް ބައެޢަ އަބޫ ޔަހްޔާ“ މާނަައަކީ؛ އޭ އަބޫ ޔަހްޔާއެވެ. ހާދަހައި ފައިދާ ބޮޑު ވިޔަފާރިއެކެވެ. ޝުހައިބު މި ވާހަކަތައް ކިޔާދިނުމުގެ ކުރިން ނަބިއްޔާ ﷺ އަށް މި ޚަބަރުތައް އެނގިލައްވައި އަދި އެކަމަށް މަރުޙަބާއާއި ތައުރީފު އޭނާއަށް ކުރައްވައިފިއެވެ. ސަބަބަކީ އޭނާގެ މުދާތައް ގެއްލުނު ކަމުގައިވިޔަސް އާޚިރުގައި ވަރަށް ފައިދާހުރި މުއާމަލާތެއް ކަމުގައި އެކަން ވެއްޖެއެވެ.

އެގޮތުން މިކަހަލަ ގޮތްގޮތައް ހިޖްރަކުރެއްވި މީހުން އެދުވަސްވަރު ތިއްބެވިއެވެ. މުހާޖިރުންނާއި މެދު ނަބިއްޔާ ﷺ ޙަދީޘްކުރެއްވީ އެ މުހާޖިރުން ސުވަރުގޭގެ ދޮރުގައި ޓަކިޖަހާނެއެވެ. ދެން މަލާއިކަތްބޭކަލުން ސުވަރުގޭގެ ދޮރުކޮޅު ހުޅުވުމަށް ފަހު އެބައިމީހުންނާއި ސުވާލު ކުރައްވާނެއެވެ. ގިޔާމަތް ދުވަހުގެ ހިސާބު ބެއްލެވުން މިހާރު ކުރިއަށް ދަނީއެވެ. ތިޔަބައިމީހުން މިތަނުގައި ކުރަނީކޮން ކޮންކަމެއްހެއްޔެވެ؟ ޖަވާބުގައި މުޙާޖިރުން ބުނާނެއެވެ. އަހަރަމެން ބަލަންްއޮތީ ކޮންހިސާބެއްހެއްޔެވެ؟ ދުނިޔޭގައި އަހަރެމެން ކުރި މަސައްކަތަކީ ކޮނޑުމައްޗަށް ކަނޑިލައިގެން ﷲ ގެ މަގުގައި ޖިހާދުކުރުމެވެ. އަހަރެމެންނަކީ ފައިސާއެއް ގެންގުޅުނު ބަޔަކީމެއްނޫނެވެ. އަހަރެމެން ކުރިހައިވެސްކަމަކީ ﷲ ގެ މަގުގައި ޖިހާދުކޮށް ﷲ ގެ މަގުގައި ޝަހީދުވެގެން ދުނިޔެދޫކުރުމެވެ. ދެން އަހަރެމެންނާއި ކުރެވޭނީ ކޮން ސުވާލެއްހެއްޔެވެ؟ ދެން މަލާއިކަތްބޭކަލުން އެ މުޙާޖިރީންނަށް މަރުހަބާއޭ ދަންނަވާ ސުވަރުގެއަށް އެބައިމީހުން ވައްދަވާނެތެވެ. އެއިރު އެހެން މީހުންގެ ހިސާބުތައް ބެއްލެވުން ކުރިއަށް ދާނެއެވެ.
📚 އިބްނު އައްނަހާސް (رحمه الله)

