އަހަރެމެން ދައްކާ ވާހަކަ ފޭސްބުކުން އަޑުއަހާތަ؟

މިއީ އަހަރެމެންގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ. ރައްޓެއްސަކާ އެކު މަސްބާނާ ސާމާނާ ބެހޭގޮތުން ނުވަތަ އާ ފޯނަކާ ބެހޭގޮތުން ނޫންނަމަ އެނޫން ވެސް ކަމަކާއި ބެހޭގޮތުން ވާހަކަދައްކާލާ ފަހުން، އެދުވަހުގެ ވަގުތެއްގައި ފޭސްބުކުން އެ އެއްޗަކާ ގުޅޭ އިޝްތިހާރުތައް އަހަރެމެންނަށް ދައްކަން ފަށައެވެ. މިއާއެކު އެންމެ ފުރަތަމަވެސް ހިތަށް އަރާ ސުވާލަކީ: ”މިމީހުން އަހަރެން ދައްކާ ވާހަކަ އަޑުއަހަނީ ހެއްޔެވެ؟“

ފޭސްބުކުން ސިއްރުން ފޯނުތަކުގެ މައިކްރޯފޯން ބޭނުންކުރަނީ ކަމަށް ހީވިޔަސް، މީގެ ޖަވާބު މިއަށްވުރެ މާ ފުންވެފައި ޝައުގުވެރިއެވެ. ފޭސްބުކުން ސީދާ އަހަރުމެންގެ ވާހަކަތައް އަޑެއް ނާހާނެއެވެ. ނަމަވެސް އަހަރެމެން ދައްކާނެ ވާހަކަތައް ލަފާކުރަން އެނގޭ މިންވަރަށް އަހަރެމެންގެ މައުލޫމާތު (ޑޭޓާ) އެމީހުންނަށް ހޯދާނެއެވެ. އެއީ ކިހިނެއްކަން ބަލާލަމާ ހިނގާށެވެ.

1. ފޭސްބުކުން އިންތިހާއަށް ގިނަ މައުލޫމާތު އެއްކުރޭ

އަހަރެމެން ބޭނުންވަނީ ކޮން އެއްޗެއްކަން ދެނެގަތުމަށް ފޭސްބުކަށް އަހަރެމެންގެ އަޑު ސިއްރުން އަހާކަށް ނުޖެހޭނެއެވެ. ކޮންމެ ކްލިކެއް، ސްކްރޯލް ކުރުމެއް، މަޑުކޮށްލުމެއް، ލައިކެއް އަދި ސާޗް ކުރުމަކީ ޑިޖިޓަލް މަޢުލޫމާތު އެއްކުރުމަށް ދެވޭ ފުރުސަތެކެވެ.

ފޭސްބުކުން ބަލާ ކަންތައްތަކުގެ ތެރޭގައި:

* ފޭސްބުކާއި ގުޅިފައި ހުންނަ ވެބްސައިޓުތަކުގެ ބޮރޯޒިން ހިސްޓޮރީ

* އަހަރެމެން ބަލާ ނުވަތަ ކާޓަށް އެޑްކުރި ތަކެތި

* އަހަރެމެން ބަލާ ޕޯސްޓްތަކާއި، ވީޑިއޯ އަދި ޕޭޖްތައް

* އަހަރެމެން އުޅޭ ތަންތަނާއި، ދަތުރުފަތުރު ކުރާ ގޮތާއި މަންޒިލްތައް

* ފޭސްބުކާ ގުޅިފައިވާ ނުވަތަ މައުލޫމާތު ހިއްސާކުރާ އެޕްލިކޭޝަންތައް

* އޮންލައިންކޮށް ނުވަތަ ގުޅިފައިވާ އެކައުންޓްތަކުން ކުރާ ވިޔަފާރި

* އަހަރެމެން ވަށައިގެން އުޅޭ މީހުން ނުވަތަ އަހަރެމެންނާއި އެއްގޮތަށް އާދަތައް ހުންނަ މީހުންގެ އުޅުން

އަހަރެމެން ޝައުގުވެރިވާ ކަންތައްތައް ފޭސްބުކުން އަބަދުވެސް ދާނީ ދިރާސާ ކުރަމުންނެވެ. އަނގަބަހުން ކަމަކާ ބެހޭގޮތުން ވާހަކަދެއްކިޔަސް، އޭގެ ކުރިން އޮންލައިންކޮށް ތިޔަބޭފުޅުން ކުރި ކަމަކުން އެކަމާ ގުޅުމެއް ހުރުމުގެ ފުރުސަތު ބޮޑެވެ.

2. ނަފްސާނީ ގޮތުން އިޝްތިހާރުތައް އަމިއްލަ ކަމެއްހެން އިހުސާސްވުން

ހަގީގަތުގައި ދުވާލަކު އެތައް ސަތޭކަ އިޝްތިހާރެއް ފެންނާނެއެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ އިޝްތިހާރުތަކަށް ސަމާލުކަން ނުދެވެނީއެވެ. ނަމަވެސް ދާދި ފަހުން ދެއްކި ވާހަކައަކާ ގުޅޭ އިޝްތިހާރެއް ފެނުމުން ނިކަން އަވަހަށް ސިކުނޑި އެކަމަށް އިޖާބަދޭނެއެވެ. ”މިއީ ހާދަ އަޖައިބު ކުރުވަނިވި ކަމެކެވެ! އަހަރެން ދެންމެ މި ވާހަކަ ދެއްކީމެވެ. ނަފްސާނީ ގޮތުން މިއަށް ކިޔަނީ “ ކޮންފާމޭޝަން ބިއަސް” އެވެ. އާދައިގެ މަތިން ފެންނަ ކަންކަމަށްވުރެ، ހައިރާންކުރުވަނިވި ގޮތްތަކަށް ދިމާވާ ކަންތައްތައް އަހަރެމެންގެ ހަނދާނުގައި ހަރުލާލެއް ބޮޑުވާނެއެވެ.

3. ގިނަ ފަހަރަށް ވާހަކަދެއްކޭނީ ކުރިން ފެނިފައި ހުންނަ ކަންތައްތަކާ ބެހޭގޮތުން

ސިކުނޑިއަށް ނޭނގި ނަމަވެސް ގިނަ ފަހަރު ވާހަކަދެއްކެނީ ކުރިން އެ އެއްޗެއް ފެނިފައި އޮތުމުންނެވެ. މިސާލަކަށް، ސަމާލުކަން ނުދެވި ކުރިން ފެނިފައި އިޝްތިހާރެއް އޮތުން، ކައިރީގައި އުޅޭ މީހަކު އެއްޗެއް ސާޗްކުރުން ނުވަތަ ގަތުން، ފިހާރައެއްގެ ކައިރިން ދިއުން ނުވަތަ އެފަދަ ލިންކަކަށް ފިތާލުން ނުވަތަ ވީޑިއޯއެއްގައި އެ ވާހަކަ ބުނުމުން އެކަން ހަނދާން ނެތިފައި ހުރުން

ފަހުން ފޭސްބުކުން އެ އިޝްތިހާރު ދެއްކުމުން، ހީވާނީ ދެންމެ ދެއްކި ވާހަކައިގެ ސަބަބުން ފެނުނު އެއްޗެއް ހެނެވެ. ނަމަވެސް އޭގެ ޑިޖިޓަލް އަސަރު ހުރީ މާ ކުރިން ފެށިފައެވެ.

4. ގުޅުންހުރި މީހުންގެ ޒަރީއާއިން ޝައުގުވެރިކަން ލަފާކުރުން

ފޭސްބުކުން އަހަރެމެން ގިންތިކުރާނީ ޝައުގުވެރިކަން އެއްގޮތަށް ހުންނަ މީހުންގެ ތެރޭގައެވެ. މިސާލަކަށް އަހަރެންގެ ރައްޓެއްސަކު މަސްބާނާ ސާމާނަށް ނުވަތަ އާ ފޯނުތަކަށް ސާޗްކުރާނަމަ، އަހަރެން އެކަމަށް ޝައުގުވެރިވާނެ ކަމަށް ފޭސްބުކުން ބަލާނެއެވެ. މިއަށް ކިޔަނީ “ލޫކްއަލައިކް އޯޑިއަންސް ޓާރގެޓިން” ނެވެ.

އަހަރެމެން އަމިއްލައަށް ސާޗް ނުކުރިޔަސް، އަހަރެމެންނާއި ގުޅުންހުރި މީހަކު އެކަން ކޮށްފާނެއެވެ. އެހިސާބުން ފޭސްބުކުން  އުޅުން އެއްގޮތް ހުންނަ ރައްޓެހިން + އެއްގޮތް ޝައުގުވެރިކަން + އެއްގޮތް އިޝްތިހާރުތައް، މިފޯމެޓްގައި ދައްކަން ފަށައެވެ.

މައިކްރޯފޯންގެ އެކްސެސް ވެވޭ ގޮތްވެސް އޮވެއެވެ. ނަމަވެސް ފޭސްބުކުން އިޝްތިހާރުތައް ދެއްކުމަކަށް މައިކްރޯފޯނުގެ ބޭނުމެއް ނުކުރާނެއެވެ. ފޭސްބުކަށް މައިކްރޯފޯނުގެ އެކްސެސް ދިނުމާއި ނުދިނުން ބިނާވެފައި އޮންނަނީ ވެސް ފޭސްބޫކް ބޭނުން ކުރާ ޔޫސަރ ގެ ކޮންޓްރޯލްގައެވެ.

ފޭސްބުކަށް މައިކްރޯފޯން ބޭނުންކުރުމުގެ ހުއްދަ ދީފައިވާނަމަ، ފަންނީގޮތުން ދެކޭނަމަ އަޑުއެހުމަކީ ކުރެވޭނެކަމެކެވެ. ނަމަވެސް، ގާނޫނީ ނުރައްކާތަކާއި ޑޭޓާގެ ހަރަދު ބޮޑުވެގެން ދާނެ ކަމުން މިކަން ނުކުރާ ކަމަށް ފޭސްބޫކް އަދި ގޫގަލް ފަދަ ބޮޑެތި ކުންފުނިތަކުން ހާމަކުރެއެވެ. އެކަން ކުރާނަމަ ގާނޫނީގޮތުން އެކުރެވޭނީ ނުހަނު ބޮޑު ކުށެކެވެ. މިފަދަ ބޮޑެތި ކުންފުނިތަކުން، މިކަހަލަ ގާނޫނާ ހިލާފު ކަންކަން ކުރަމުން ދާނަމަ ކަމާބެހޭ ފަރާތްތަކާއި، އިދިކޮޅު ކުންފުނިތަކާއި، ދިރާސާވެރިން އަޅާނުލާ ނުތިބޭނެ ކަމީ ޔަގީންކަމެކެވެ. އެހެންނަމަވެސް، މި ފުރުސަތު އޮތުމަކީ މީހުންގެ މެދުގައި ޝައްކު އުފެދޭ ކަމެކެވެ.

އެހެންވީއިރު، އިޝްތިހާރުތަށް އެހާ ސީދާކުރަނީ ކިހިނެއް؟

ޒަމާނީ އިޝްތިހާރުތައް ކުރިއަށްގެންދަނީ، އެކަށީގެން ވާވަރަށް މަޢުލޫމާތު (ޑޭޓާ) އެއްކުރެވި އޭއައި ޕްރެޑިކްޝަން މޮޑެލްތަކުގެ އެހީގައެވެ. އެއްކުރާ ޑޭޓާތަކުގެ އެހީގައި، ދެން އަހަރެން ގަންނާނީ ކޮން އެއްޗެއްކަން އެމީހުންނަށް އަންދާޒާ ކުރެވިދާނެއެވެ. ދިރިއުޅުމުގެ މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނޭ (ކައިވެނި، ދަރިން، ދަތުރުފަތުރު، ހޮބީ) ފަދަ ޑޭޓާ  ޑިޖިޓަލް މީޑިއާގައި ކަލެކްޓްކުރާނެއެވެ. އަހަރެންނަށް އަމިއްލައަށް އިހުސާސްވާ ވަރަށްވުރެ ބޮޑަށް، ފޭސްބުކުން އަހަރެންގެ އާދަތައް ދަސްކުރެއެވެ. މިއީ ސިހުރެއް ނޫނެވެ. މިއީ މެޝިން ލާނިންގްއެވެ. ފޭސްބުކަށް އަހަރެންނަކީ، ކާކުކަން ނޭނގޭ ސިއްރެއް ނޫނެވެ. އަހަރެންގެ އާދަތަކާއި، އުޅުމާއި، އަދި ޑިޖިޓަލް ސިގްނަލްތައް ފޭސްބުކަށް އެނގޭނެއެވެ.

6. ފޭސްބުކަށް މި ޑޭޓާތައް ދިނުން މަދުކުރެވިދާނެތަ؟

ފޭސްބުކަށް ތިބާގެ ޑޭޓާ ދިނުން ކޮންޓްރޯލް ކުރަން ބޭނުންވާ ނަމަ. މި ފިޔަވަޅުތަކަށް ސަމާލުކަން ދޭށެވެ. ފޭސްބުކަށް ދީފައިވާ މައިކްރޯފޯން އެކްސެސް އޮފްކޮށްލާށެވެ. ފޭސްބުކް އެޑް ޕްރިފަރެންސް އަދި އިންޓްރެސްޓް ޕްރޮފައިލް ކުލިއާރ ކޮށްލާށެވެ. ޓްރެކިންގް ހުއްޓުވައިދޭ ބްރައުޒާތައް ބޭނުންކުރާށެވެ. ބޭނުން ކުރާ އެޕްތަކަށް ދޭ އެކްސެސްތައް (ލޮކޭޝަން، ކޮންޓެކްޓްސް) މަދުކުރާށެވެ. އެއްޗެހި ހޯދުމަށާއި، ގަނެހަދަން ވަކި އެކައުންޓެއް ބޭނުންކުރާށެވެ. މީގެ ސަބަބުން އިޝްތިހާރުތައް ފެނުން ހުއްޓިގެނެއް ނުދާނެއެވެ. ނަމަވެސް ޒާތީ ކަންކަމާ ގުޅުންހުރި އިޝްތިހާރުތައް މަދުވެ، ފެންނަ އިޝްތިހާރުތަކާއި ތިބާއާއި ގުޅޭމީންވަރު އިހުސާސްވުން ކުޑަވާނެއެވެ.

ފޭސްބުކުން މައިކްރޯފޯން މެދުވެރިކޮށް ޖާސޫސެއް ނުކުރާނެއެވެ. ނަމަވެސް ޖާސޫސުކުރާ ކަމަށް ހީވާ މިންވަރަށް އެމީހުންނަށް ތިބާގެ މައުލޫމާތު އެނގޭނެއެވެ. ތިބާ އިންޓަނެޓް ބޭނުންކުރާ ގޮތާއި، ރައްޓެހިންނާއި، އޮންލައިންކޮށް ގަންނަ ތަކެތި އެނގޭނެއެވެ. ކުރިއަރާފައިވާ އެލްގޮރިދަމްތަކުގެ އެހީގައި، އިޝްތިހާރުތައް ތިބާއާ ނުހަނު ގުޅޭގޮތަށް ދައްކުވާވާނެއެވެ. އެއީ ތިބާގެ އަޑު އަހައިގެނެއް ނޫނެވެ. ތިބާގެ ޑިޖިޓަލް ދިރިއުޅުން ދިރާސާކޮށްގެންނެވެ.

މިއަދުގެ ދުނިޔޭގައި އިންސާނުންގެ މިފަދަ ޑޭޓާއަކީ އާ ރަނެކެވެ. މިފަދަ ކުންފުނިތަކުން އެ ރަން ހޯދާ ނަގަނީ ނުހަނު ފަރުވާތެރިކަމާއެކުގައެވެ. އެހެންކަމުން، އަސްލު ކުރަންވީ ސުވާލަކީ “ ފޭސްބުކުން އަޑުއަހަނީ ހެއްޔެކޭ ނޫނެވެ. ފޭސްބުކަށް އަހަރެން އެނގެނީ ކިހާ މިންވަރަކަށް ހެއްޔެވެ؟

👍 0❤️ 0🤗 0😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް