ގަމު ކައުންސިލުން ބާއްވާ ޒުންބާ ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ލ. ގަމު ކައުންސިލްގެ ފަރާތުން ރަށު ރައްޔިތުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކުރުމަށް ކުރިއަށް ގެންދާ ޕްރޮގުރާމްތަކުގެ ތެރެއިން، ޒުންބާ ކުލާހެއް ފެށުމަށް ތައްޔާރުވެއްޖެއެވެ. މި ކުލާހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ

ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި، މި ޒުންބާ ކުލާސްތައް ފެށުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މިއީ ކައުންސިލްގެ ’ހަށިހެޔޮ ދުޅަހެޔޮ ޕްރޮގުރާމް‘ގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ކުލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލ. ގަމު ތުނޑީ އިޖުތިމާޢީ މަރުކަޒުގައެވެ. އަދި ކުލާސްތައް އޮންނާނީ ހުކުރު ހޮނިހިރުފިޔަވާ ކޮންމެ ދުވަހެއްގެ ވެސް ރޭގަނޑު 8؛00 ގެ ފަހުން ކަމުގައިވެސް މި އިޢުލާނުގައި ބުނެފައިވެއެވެ. މި ކުލާހުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ކައުންސިލުން ހަމަޖައްސާފައިވާ އޮންލައިން ފޯމު ފުރުއްވުމަށް ވަނީ އެދިފައެވެ.


Open Form

ގަމު ކައުންސިލުން މިފަދަ ހަރަކާތްތައް އިންތިޒާމުކުރަނީ ރަށުގެ ރައްޔިތުންގެ މެދުގައި ކަސްރަތުކުރުމުގެ ރޫޙު އާލާކޮށް، ސިއްޙަތަށް ފައިދާހުރި ހަރަކާތްތަކުގައި ބައިވެރިވުމަށް ބާރުއެޅުމުގެ މަޤްޞަދުގައެވެ. ޒުންބާ ކުލާހަކީ ހަށިގަނޑު ހެޔޮކޮށް ބެހެއްޓުމަށް އެހީތެރިވެދޭ މަޖާ އަދި ހަލުވި ކަސްރަތުތަކެއް ހިމެނޭ ކުލާހެކެވެ.

👍 2❤️ 0🤗 0😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް