ޕީއެންސީ ޕްރައިމަރީގައި ގަމުކައުންސިލް ރައީސްކަމަށް ވާދަކުރަން ތިން ފަރާތަކުން އިއުލާނުކޮށްފި

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އަމާޒުކޮށް، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބާއްވާ ޕްރައިމަރީގައި ލ. ގަމު ކައުންސިލްގެ ރައީސްކަމަށް ވާދަކުރުމަށް މިހާތަނަށް ތިން ކެންޑިޑޭޓަކު ވަނީ އިއުލާނުކޮށްފަ އެވެ. މި ތިން ކެންޑިޑޭޓުންނަކީ މުހަންމަދު ފަރީދު، ހުސައިން ޙަލީމް އަދި މުހަންމަދު އަރީފް އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ޕީއެންސީގެ ފަރާތުން ބާއްވާ ޕްރައިމެރީ ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިހިނގާ ޑިސެމްބަރު މަހުގެ 27 ވާ ހޮނިހިރު ދުވަހު އެވެ. މި ޕްރައިމެރީގެ ތެރެއިން ގަމު ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ މީހަކު ކަނޑައަޅާނެ އެވެ.

މި ޕްރައިމެރީއާ ގުޅޭގޮތުން މައުލޫމާތުދިނުމަށް ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޕީޖީ ލީޑަރު އަދި އިންތިހާބުގެ ކެމްޕެއިން މެނޭޖަރު އިބްރާޙިމް ފަލާހް ވިދާޅުވީ، މިފަހަރުގެ ޕްރައިމެރީގައި ވޯޓު ލެވޭނީ އެމީހަކު ނިސްބަތްވާ ރަށެއްގައި ހުންނަ ވޯޓު ފޮއްޓަށް އެކަނި ކަމަށެވެ. އެގޮތުން މާލޭގައި ކޮންމެ ރަށަކަށް ވަކި ވޯޓު ފޮއްޓެއް ނުބަހައްޓާނެކަން ފަލާހް ފާހަގަކުރެއްވި އެވެ.

ޕްރައިމެރީގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން އެޕާޓީގެ ވެބްސައިޓު މެދުވެރިކޮށް ހުށަހެޅޭނެއެވެ. އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ 18:00 ގެ ކުރިންނެވެ. ފަލާހް ވަނީ ޕާޓީއާ އަލަށް ގުޅިވަޑައިގަންނަވާ ފަރާތްތަކުންވެސް ސުންގަޑީގެ ކުރިން ޕާޓީއާ ގުޅި ޕްރައިމެރީގައި ވާދަކުރުމަށް ހުށަހެޅޭނެކަން ފާހަގަކުރައްވާފަ އެވެ.

👍 4❤️ 0🤗 0😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް