الحمد لله والصلاة والسلام على رسول الله وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين. وبعد:
اﷲ سبحانه وتعالى ގުދުސިއްޔަ ޙަދީޘްއެއްގައި ވަހީކުރައްވާފައި ވަނީ ”يا عبادي إنّي حرمت الظلم على نفسي وجعلته بينكم محرما فلا تظالموا“ اﷲ سبحانه وتعالى ވަހީ ކުރައްވަނީ ”އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިމަންއިލާހުވަނީ އަނިޔާވެރިކަން ތިމަންއިލާހުގެ ނަފްސުފުޅަށް ހަރާމް ކަމެއްގެ ގޮތުގައި ލައްވާފައެވެ. އަދި ތިމަންއިލާހުވަނީ އެއީ ތިޔަބައިމީހުންގެ މެދުގަވެސް ހަރާމް ކަމެއްގެ ގޮތުގައި ލައްވާފައެވެ. ފަހެ ތިޔަބައިމީހުން އަނިޔާވެރި ނުވާހުށިކަމެވެ.“

އާދެ އަޅުތަކުންނަށް އަނިޔާވެރި ވުމަކީ އެއީ اﷲ سبحانه وتعالى ގަދަވެގެންވާ ނަހީއަކުން ނަހީ ކުރައްވާފައިވާ ކަމެއް. އަޅުގަނޑުމެން އެކަމަކުން ރައްކާތެރިވާންޖެހޭ ކަމެއް. އަދި އަނިޔާވެރި ވުމަކީ އެއީ އޭގެ ސަބަބުން އަޅުގަނޑުމެންނަށް އެކަން އަނދިރިކަމެއްގެ ގޮގުގައި ގިޔާމަތް ދުވަހުން ލެއްވިގެންދާނެ ކަމެއް.
ރަސޫލު اﷲ ﷺ ޙަދީޘްކުރައްވާފައިވަނީ ”الظلم ظلمات يوم القيامة“ ”އަނިޔާވެރި ކަމަކީ އެއީ ގިޔާމަތް ދުވަހުގަވާ އަނދިރިކަމެއްގެ ގޮތުގައެވެ.“
އާދެ އަނިޔާވެރި ކަމުގެ ތެރެއިން ހިމެނިގެންވާ ކަންތައް ތަކުގެ ތެރެއިން އެއްކަމަކީ އެއީ اﷲ سبحانه وتعالى ގެ އަޅުތަކުންގެ ތެރެއިން ބަޔަކުމީހުން އެބައިމީހުންގެ އެންމެހައި ހައްގުތަކުން މަހުރޫމްކޮށް، ތަންތަނުގަ ބަންދުކޮށްފަ، އަދި އެބައިމީހުންގެ އާއިލާތަކަށްވެސް އެކަމުގެ އަނިޔާވެރިކަން ފޯރާނެފަދައިން ހައްޔަރުކޮއް ބައިތިއްބާ ބޭތިއްބުން. އެއްވެސް ހުކުމެއް ކުރުމެއްނެތި ޝަރީއަތް ދިގުދެއްމުމުގެ އެކި އެކި މަރުހަލާތަކުގެ އެކި އެކި ނަންނަމުގަ ޝަރީއަތްތައް ކެންސަލްކޮށް މިފަދަ ކަންކަމުގެ ތެރޭގަ އަޅުތަކުން ބަންދުކޮއްގެން، ހައްޔަރުކޮށްގެން ގެންގުޅޭ ގެންގުޅުމަކީ މިއީ ކަނޑައެޅިގެން ވާ އަނިޔާވެރިކަމެއް.
އަދި އެ އނިޔާވެރިވާ މީހަކު ދަންނަން ޖެހޭނެކަމަކީ އަބަދުވެސް އެ އަނިޔާ ލިބެމުންދާ މީސްތަކުން، ޖަލުތަކުގަ ކަސްތަޅު އެޅި ބަންދުކުރެވިފަ ހައްގަކާ ނުލާ ބަންދުކުރެވިފަ ތިބި މީހުންނަށް އަދި އެމީހުންގެ އާއިލާތަކާއި އަދި އެމީހުންގެ ގާތްތިމާގަ މީހުނާ އެކުވެރިން މި ހުރިހާ އެންމެން اﷲ سبحانه وتعالىގެ ދަރުބާރުގަ އެ އަނިޔާވެރިޔާގެ ނިމުން ހިތިކުރެއްވުމަށްއެދި اﷲ سبحانه وتعالىގެ ހަޟުރަތުގަ ތާއަބަދުމެ ދަންނަވަމުންދާނެ ކަން، އޭނާ ދަންނަން ޖެހޭނެ. އަދި އެކަމަކީ އެއީ އޭނާގެ ހަލާކުކަމުގަ اﷲ سبحانه وتعالى އިރާދަކުރެއްވިއްޔާމުން މިންވަރު ކުރައްވާތަން ފެނިގެންދާނެ.
اﷲ سبحانه وتعالى އަޅުގަނޑުމެންނަށް އަމުރުކުރައްވާފައި ވަނީ އިހްސާންތެެރިކަމަށް. އަދި އަނިޔާވެރި ކަމުން ދުރުވުމަށް، އަދި އެއީ އަޅުގަނޑުމެންނާ އެބަޔަކާމެދުގަ އަދާވާތްތެރިކަމެއް ނުވަތަ ރުޅިވެރިކަމެއްވާ ބަޔަކު ކަމުގަވީނަމަވެސް އަދި އެބަޔަކީ އެއީ މުސްލިމުން ނޫން ކަމުގައި ވީނަމަވެސް އެބައިމީހުންނާ މެދުގަ އަދުލުވެރިކޮށް ކަންތައް ކުރުމަށް اﷲ سبحانه وتعالى ވަނީ އަހަރުމެންނަށް އަމުރު ކުރައްވާފަ. އަދި އިހްސާންތެރިވުމަށް އަމުރުކުރައްވާ ރަސޫލު ﷺ ޙަދީޘް ކުރައްވާފަވާ ޙަދީޘް ބަސްފުޅުގައި އައިސްފައި ވަނީ ”ތިޔަބައިމީހުން ގަތުލުކުރާ ކަމުގަ ވަނީނަމަވެސް، ތިޔަބައިމީހުން އެ ގަތުލުކުރާހިނދުގަ އިހުސާންތެރި ކަމައިއެކުގަ އެކަން ކުރާށެވެ. އަދި ތިޔަބައިމީހުން އެއްޗެއް ކަތިލާ ކަމުގަ ވަނީނަމަވެސް އެ ކަތިލާހިނދުގަ ތިޔަބައި މީހުން އިހްސާންތެރިކަމާ އެކުގަ އެކަމެއް ކުރާހުށިކަމެވެ.“
އެހެންވީމަ އަޅުގަނޑުމެންނަށް މި ޝަރީއަތުގެ މަގުސަދުތަކުގެ ތެރެއިން އެންމެ މާތް އެންމެ މަތިވެރިވެގެންވާ އެއް މަގުސަދެއްގެ ގޮތުގައި اﷲ سبحانه وتعالى ބަޔާންކުރައްވާފައިވާ އަދި ޝަރުޢު ކުރައްވާފައިވާ ކަމަކީ އެއީ އިންސާފުވެރިކަން، އަދުލުވެރިކަން، އަދި އަނިޔާވެރިކަން ނައްތާލުން. އެއީ މި ޝަރީއަތުގެ މަގްސަދުތަކުގެ ތެރޭގަ ހިމެނިގެންވާ ކަންތައްތަކުގެ ތެރެއިން ކަމެއް. އެހެންވީމަ އަޅުގަނޑުމެންގެ ހުރިހާ އަމަލުގަ އަޅުގަނޑުމެން ޖެހޭ اﷲ سبحانه وتعالى އަށް ބިރުވެތިވަން. އަޅުގަނޑުމެން ޖެހޭ އަނިޔާވެރިކަން ނައްތާލުމަށްޓަކައި މަސައްކަތް ކުރަން. އަދި ޚާއްސަގޮތެއްގަ لاإله إلا الله ކިޔައިގެންތިބި މުއައްޙިދުން، لاإله إلا الله ކިޔާގެންތިބި މުސްލިމު ބަޔަކަށް އެބައިމީހުންގެ މައްޗަށް ސާބިތުވެފަނެއް ހުކުމެއް، އަދި ހުކުމެއް ސާބިތު ކުރުމެއްނެތި އަދި އެބައިމީހުންގެ މައްޗައް ކުރެވެމުންދާ ދައުވާތަކުގަ އެތައް އަހަރުތަކެއް ވަންދެން އެކި އެކި މޭރުމުން އެކި އެކި ގޮތްގޮތުން ޝަރީއަތްތައް ދިގުދަންމާލާއިގެން އެ ބައިތިއްބާ ބޭތިއްބުމަކީ އެއީ ކަނޑައެޅިގެންވާ އަނިޔާވެރިކަން. އެ ކަންކަމުން ދުރުހެލިވާން އަޅުގަނޑުމެން މަސައްކަތްކުރަންޖެހޭ.

