ކޮންމެ މީހެއްގެ ވެސް ހިތްފަތާއި ގަދަރާއި ޢިއްޒަތެއް ވެއެވެ. މީހެއްގެ ހުއްދަނެތި ގަދަ ކަމުން އެ މީހެއްގެ މުދަލަށް ނުވަތަ ހައްގަކަށް އެހެން މީހަކު އަރައިގަތުމަކީ ފޭރުމެކެވެ. ކޮންމެ މީހަކަށްވެސް ހައްގުތަކެއް ކަނޑައެޅިފައި ވެއެވެ. އަދި ހަމައެއާއި އެކު ހައްދުތަކެއް ކަނޑައެޅިފައި އޮވެއެވެ. ކިތަންމެ ކުޑަނަމަވެސް މީހެއްގެ ހައްގަކަށް އަރައިގަތުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ޖިނާއީ ބޮޑު ކުށެކެވެ.
އަހަރެންގެ ތިޖޫރީގެ ތަޅުދަނޑި ފޮރުވާފައި އޮންނަތަން އެނގުނު ކަމުގައި ވިޔަސް ހުޅުވައިގެން ނުވާނެއެވެ. ތަޅު ނުލާ ހުއްޓަސް ހުޅުވާ ބަލައިގެން ނުވާނެއެވެ. ނަމަވެސް ކޮންމީހަކީ ތެދުވެރި އެއް ނޫނެވެ. ވީމާއި ރައްކާތެރި ގޮތަކީ ތަޅުލާފައި އެއްވެސް މީހަކަށް ނުހުޅުވޭނެ ހެން ތަޅުދަނޑި ފޮރުވައިގެން އުޅުމެވެ. ވަގުން އަބަދުވެސް ފާރަވެރިވޭވެ ތިބޭނެއެވެ. ނުހަނު ރައްކާތެރި ކަމާއި އެކު ފޮރުވައިގެން އުޅުނަސް ފަޅާލަފާނެއެވެ. ނަމަވެސް ހާޔަށް ހުންނަ އެއްޗަކަށް ވުރެ ފޮރުވާ ރައްކާތެރި ކޮށްފައިވާ އެއްޗެސް ފޭރިގަންނަން އުނދަގޫވާނެއެވެ. ގޭގައި ހުރިނަމަ އެެހެން ނުވީހޭ ބަޔަކު ހަރު އަޑުން ބުނާތީ އަހަމެވެ. ގޭގައި އޮއްވާ ކިތައް އަންހެނުން ރޭޕް ކޮށްފައި އެބަ ވޭ ހެއްޔެވެ. ތުއްތު ތުއްތު ކިތަށް ކުދިންގެ އިތްފަތް އެބަ ފޭރި ގަނޭހެއްޔެވެ. އަލިފާނެއް ފެނެއް ވަކި ނުވާވަރު ކުދިންނަށް އެހެން އެހަދަނީ ވެސް އެކުދިން ޖައްސައިފާ އޮންނަ ނެޕީގެ ސަބަބުން ހެއްޔެވެ. ނުވަތަ އެކުދިން ގޭގައި ނުތިބޭތީ ހެއްޔެވެ.
ކޮންމެ ތަނަކަށް ދިޔަޔަސް، ކޮންމެ ފަދަ ހެދުމެއް ލާފައި ހުއްޓަސް ގަދަ ކަމުން ބެހުމާއި ރޭޕް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ރޭޕްކޮށް ޢިތްފަތްތެރިކަން ނަގާލުމަކީ ބޮޑު މުންކަރާތެކެވެ. އެކަން ކުރިބަޔަކަށް އެކަމުގެ ހައްގު އަދަބު ލިބެން ޖެހޭނެއެވެ. ސަފާރީތަކުގައި ރާބޮއެ އަންހެނުންނައި ފިރިހެނުން އެއްވެ ޕާރޓީ ކުރުމަކީ ވެސް ކުށެކެވެ. ހެދުން ލައިގެން އޮރިޔާމުން އުޅުމަކީ ވެސް ކުށެކެވެ. އަންހެނަކު މަހުރަމަކާއި ނުލާ އެކަނި ދަތުރު ކުރުމަކީ ވެސް ކުށެކެވެ. ނަމަވެސް މިއިން އެއްވެސް ކަމަކީ ރޭޕް ހުއްދަވާނޭ ހުއްޖަތެއް ނޫނެވެ. އެއީ އެކަމަށް މަގުފަހި ވާނެ ކަމެކެވެ. މަގުފަހިވުމަކީ ކުށަށް އަރައިގަންނަން ޖެހޭ ސަބަބެއް ނޫނެވެ. ވީމާއި ރޭޕް ކުރި މީހުންނާއި، ރާބުއި މީހުންނާއި، ޕާޓީ ކުރި މީހުންނަށް ވެސް އެ މީހުން އެ ކުރި ކުށުގެ ހައްގު އަދަބު ލިބެން ޖެހޭނެއެވެ..

މިހުރިހައި ކަމެއް ފެށިގެން މިއުޅެނީ އިއްޔެއަކު މިއަދަކު ނޫނެވެ. މީގެ އެތައް އަހަރުތަކެއް ކުރިންނެވެ. އިސްލާމީ ޝަރީއަތް ވީދާލައި އަމިއްލަ އަށް ހުކުމް ހަދަން ފެށި ހިސާބުންނެވެ. ދީނުގައި އޮތް ހަމަހަމަ ކަން އެއްލާލައި ޖެންޑާ އީކުއަލިޓީ ފެށި ހިސާބުންނެވެ. ދީނުގައި އޮތް އިންސާނީ ހައްގުތައް ފޮހެލައި ހިއުމަން ރައިޓުސް ޔަގީން ކުރި ހިސާބުންނެވެ. މުޅި ގައުމު ކުށުގެ ހާލިގަނޑަކަށް ވެއްޖެއެވެ. ހިއުމަން ރައިޓުސްގެ ދަށުން މުޖުރިމުން ސަލާމަތްވެއެވެ. ކިތަންމެ ވާހަކައެއް ދެއްކި ކަމުގައި ވިޔަސް ކިތަންމެ ލިޔުމެއް ލިޔުނު ކަމުގައި ވިޔަސް، ވީދާ އެއްލާލި އިސްލާމީ ޝަރީއަތް އިއާދަ ކޮށްގެން ނޫނީ އިސްލާހެއް ނެތެވެ.

