ދުނިޔޭގެ ދިރިއުޅުމުގައި ދިވާމާ ކޮންމެ ކަމާއިމެ ޝަކުވާކުރުމަކީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަބަޔަކު ގަޔާޖައްސައިގެން ކުރާހިތުން ކުރަމުން އަންނަ ކަމެކެވެ. މީހަކު ނުވަތަ ބަޔަކު ކުރާ ކޮންމެ ކަމަކުން، ފެންނަ ކޮންމެ މަންޒަރަކުން، ހިތްހަމަނުޖެހޭ ނުވަތަ ހިތްޕުޅާނުވާ ކޮންމެވެސް ކަމެއް އަބަދުވެސް އެމީހުން ހޯދާނެއެވެ. ގުދުރަތީގޮތުން ދިމާވާ ކަންކަމުގެ ސަބަބުން ކުރިމަތިވާ ދަތިއުނދަގުލެއް ކަމުގައި ވީ ނަމަވެސް ކޮންމެވެސް މީހަކަށް އެކަން މަތިކުރެއެވެ. އުމުރުން ދުވަސް ވާވަރަކަށް ދާވަރަކަށް، މިކަން އާދަވެ ހުއްޓާއިނުލެވޭވަރަށް ކަށީގާއިހިފައެވެ. އެހިސާބުން އެއީ ގޯހެއްކަން ނުވަތަ ނަފްސުގައި ހުރި ނުބައި އާދައެއްކަން މީހަކު ބުނެދީ ވިސްނައިދޭން އުޅުނުކަމުގައި ވީނަމަވެސް އެކަން ދެނެގަނެ އިސްލާހު ކުރަން އުނދަގޫ ވެގެންދެއެވެ.
ދަންނަވަން ތޯއެވެ. ދުނިޔޭގެ ދިރިއުޅުން ދުވަހަކު ވެސް ފުރިހަމައެއް ނުވާނެއެވެ. އަބަދުވެސް ގޮންޖެހުންތަކާއި، ލަސްވުންތަކާއި، ގޯސްތަކާއި، ހީވެސް ނުކުރާފަދަ ކަންކަން ދިމާވާނެއެވެ. ތަދާއި، ވޭނާއި، ތުރާ ތަކުލީފުތަށް ކުރިމަތިވާނެއެވެ. ދިރިއުޅުން ހިނގާ ގޮތަކީ އެއީއެވެ. މިކަން ކަމުން އަސަރުކުރާނެ މިންވަރު ކަނޑައަޅާ މީޒާނަކީ އެފަދަ ހާލަތްތަކުގައި އެމީހަކު އެކަމަކަށް އިޖާބަދީ އަމަލުކުރާ ގޮތެވެ. ޝަކުވާކުރުމުން ފަހަރުގައި ސިކުންތުކޮޅަކަށް ހިތްހަމަޖެހުމެއް ލިބިދާނެއެވެ. ހިތުގައި އުފެދޭ ޝުޢޫރެއް ފާލުކޮށްލުމުން ހިތަށް ލުޔެއް ލިބިދާނެއެވެ. ނަމަވެސް ކަމެއް ހައްލެއް ނުކުރެވޭނެއެވެ. އޭގެ ސަބަބުން އިތުރު މައްސަލަތައް ކުރިމަތިވެ، ދޭދޭ މީހުންގެ މެދުގައި ހިތްހަމަ ނުޖެހުން އުފެދި ދިރިއުޅުމަށް އަސަރުކުރުމަކީ އެކަށީގެން ވާކަމެކެވެ. ހަޤީޤަތުގައި، ޝަކުވާކުރުމަކީ ތިބާގެ ހިތްހަމަޖެހުން ވަގަށް ނަގައި، ތިބާގެ ހަކަތަ ހުސްކޮށް، ތިބާގެ ވަށައިގެންވާ މީހުންނަށް ނޭދެވޭ އަސަރު ފަތުރާ ކަމެކެވެ. ޝަކުވާގެ ހަމަ އެންމެ ލަފުޒަކުން ވެސް ތަނެއްގެ މަސްލަހަތު ނަގައިލާ، މާހައުލު ބަދަލުކޮށްލެވިދާނެއެވެ.
ހަމަޖެހޭ، ނަފްސާނީ ދުޅަހެޔޮ ބަޔަކަށް ވާން ބޭނުން ވަނީނަމަ، ”ޝަކުވާ“ ނުކުރުމުގެ ހުނަރު ދަސްކުރަން ޖެހެއެވެ. މާނައަކީ ކަންކަން ގޯސްވެ ބޮއްސުންލައިގެން ދާދިއުމުގައި ވެސް އަނގައިން ބަހެއް ނުބުނެ ހުރުމެއްނޫނެވެ. މާނައަކީ މުހިންމު ނޫން ކުދިކުދި ކަންކަމަށް ހަނުހުރުމެވެ. މާނައަކީ ގޯސްވެފައިވާ ކަމަކާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި، ހަމަޖެހިގެން ހުރެ ސާފުކޮށް ވިސްނުމާއި އެކު ހައްލު ހޯދުން އިޚްތިޔާރުކުރުމެވެ.

ޝަކުވާކުރުން ހުއްޓާލުމުން، ސިކުނޑި ލުއިވާނެއެވެ. ރަނގަޅު ކަންކަމަށް ޝުކުރުވެރިވާން ދަސްވާނެއެވެ. ކޮންމެ ކަމަކަށް އިޖާބަދިނުމަކީ މުހިންމުކަމެއް ނޫންކަން ވިސްނޭނެއެވެ. ދިރިއުޅުމުގައި ކުރިމަތިވާ ބައެއްކަންކަމަށް ނުވަތަ ފެންނަ ބައެއް މަންޒަރުތަކަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ނޫންކަމަކަށް އަޅުގަނޑު ނުދަންނަވަމެވެ. ސަމާލުކަން ދޭން ވެސް ޖެހެއެވެ. ނަމަވެސް ގިނަ ކަންކަމުގައި ހަނުހުރުމާއި އެކު ހައްލުހޯދަން ވިސްނުން މުހިންމެވެ.
އުފާވެރިކަން މިލިބެނީ މާއްދީގޮތުން ހަމަޖެހޭ، ފުދިއިތުރުވާ ދިރިއުޅުމަކުން ނޫނެވެ. ހަމަޖެހޭ ސިކުނޑިއަކުންނެވެ. ހިތްހަމަޖެހުން ރައްކާތެރިކުރާނެ ގޮތްތަކެއް ސިކުނޑިއަށް ދަސްކޮށްދީގެންނެވެ. އެކަން ކުރުމަށް އޮތް އެންމެ ރަނގަޅު މޮޅު ފަރުވާއަކީ ޝަކުވާކުރުން މަދުކޮށް، ހައްލުތަކަށް ސަމާލުކަން ދީ، ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވުމެވެ. ޝަކުވާކުރުން މަދުކުރުމުން ދިރިއުޅުން ހަމަޖެހި، ދިރިއުޅުން ކޮންޓްރޯލް ކުރެވިފައިވާ ކަމުގެ އިޙްސާސް ކުރެވޭނެއެވެ. އުފާވެރިކަން ފެށެނީ އެމީހަކު އެކަން އިޚްތިޔާރުކުރާ ހިނދުންނެވެ.

