ބުނަން ޖޭހޭ ހާލަތުގައި ނޫނެކޭ ބުނުމަކީ ކޮންމެހެން ކުރަން ޖެހޭކަމެއް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެހެން ނަމަވެސް މިފަދަ ދަނޑިވަޅުތަކުގައި ނޫނެކޭ ބުނުމަށްވުރެ ހިތާ ދެކޮޅަށް އާނއެކޭ ބުނެވެނީ ކީއްވެގެން ހެއްޔެވެ؟ ތިމާ ބޭނުން ވާ ގޮތާއި ޚިލާފަށް ނިންމޭ މިފަދަ ނިންމުންތަކުގެ ސަބަބުން ހިތުގެ ހަމަޖެހުން ގެއްލި އަމިއްލަ ވަންތަކަން ކުޑަކަމުގެ އިހުސާސް ހަމަ ކޮންމެ މީހަކަށް ވެސް ކުރެވޭނެއެވެ.
އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ނޫނެކޭ ބުނުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ދަންނަ މީހެއްގެ އެދުމަކަށް، މުހުތާދަކަށް ނޫނެކޭ ބުނުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. ހާއްސަކޮށް އެ މުހުތާދެއް އަންނަނީ އަހަރެމެންނާ ގާތް މީހެއްގެ ފަރާތުން ކަމަށް ވާނަމަ އެއީ ރައްޓެއްސެއް، އާއިލާ މެންބަރެއް، ނުވަތަ އަހަރެމެން އިޙްތިރާމް ކުރާ ދެކެފަރިތަ މީހަކު، ނުވަތަ މަސައްކަތު މާހައުލުން ފެނިދެނިވާ މީހަކު ކަމުގައި ވިޔަސް މެއެވެ. ގިނަ ފަހަރު އަހަރެމެންނަށް ނުނެކޭ ބުނަން ޖެހެލުންވަނީ، އެއިން މީހެއްގެ ހިތުގައި ޖައްސަން ނުވަތަ ދެކޮޅުވެރިކަމެއް އުފެދެން ބޭނުން ނުވާތީއެވެ. ނުވަތަ އަދަބުކުޑަ ބަޔަކަށް ވާން ނޭދޭތީއެވެ. އެހެންކަމުން ނޫނެކޭ ބުނަން ދޫ ނުކުޅެދެނީއެވެ. އަދި އަމިއްލަ ބޭނުންތައް އެއްފަރާތް ކޮށްލާފައި އާނއެކޭ ބުނެވެނީއެވެ.
ނަމަވެސް ނޫނެކޭ ބުނަން ދަސްކުރުމަކީ، ތިމާގެ ނަފުސު ހަރުދަނާކަމައި ތިމާގެ ޤާބިލުކަން ރަމްޒުކޮށްދޭނެ ސިފައެކެވެ. މިއީ ކޮންމެ އިންސާނަކު ވެސް ދަސްކުރަން ޖެހޭ ހުނަރެކެވެ. ނޫނެކޭ ބުނުމަކީ ހިތްހެޔޮ ނުވުމެއް ވެސް ނޫނެވެ. ނުވަތަ އަމިއްލަ އެދުން ބޮޑުވުމެއް ނޫނެވެ. އެއީ ހައްދުތައް ކަނޑައެޅުމެވެ. އެއީ ތިމާގެ ޤާބިލުކަން ހުރި މިންވަރު ދެނެގަތުމާއި، ތިމާގެ ވަގުތާއި، ހަކަތައާއި، ނަފްސާނީ ހަމަޖެހުން ރައްކާތެރިކުރުމެވެ. ތިބާގެ ހިތް ބުނަނީ ނޫނެކޭ ކަމަށް ވިޔަސް، ކޮންމެ ފަހަރަކު އާނއެކޭ ބުނުމުން، ތިބާގެ މައްޗަށް ބުރަ ބޮޑުވުމުގެ ނުރައްކާ އެބައޮތެވެ. ވަރުބަލިވެ، މުހިންމު ކަންތައްތަކަށް ސަމާލުކަން ދެވޭ މިންވަރު ކުޑަވެއެވެ.

ނޫނެކޭ ބުނަން ދަސްކުރުމަކީ ބާރުވެރިކަމެކެވެ. އެކަމުގެ ސަބަބުން ތިބާގެ ލަނޑުދަނޑިތަކަށް އިސްކަން ދިނުމާއި، ވިސްނައިގެން ނިންމުންތައް ނިންމުމާއި، ތިބާގެ ދިރިއުޅުމަށް ހަޤީޤީ އަގު ގެނެސްދޭ ކަންތައްތަކަށް ސަމާލުކަން ދިނުމުގެ ފުރުޞަތު ލިބެއެވެ. އޭގެ ސަބަބުން އެހެން މީހުން ތިބާއަށް މުޢާމަލާތް ކުރަންވީ ގޮތް ދަސްކޮށްދެއެވެ. އަދި އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުންތައް ބިނާކުރުމަށް އެހީތެރިވެދެއެވެ. ފުރަތަމަ ތިބާއަށް ކުށްވެރިއެއް ކަމުގެ އިޙްސާސް ކުރެވިދާނެއެވެ. ނަމަވެސް މިގޮތަށް އަމަލުކުރަން ދަސްވުމުން، ނޫނެކޭ ބުނުމަކީ އަމިއްލަ ނަފްސަށް އިޙްތިރާމް ކުރުމާއި އަމިއްލަ ކުރިއެރުމަށް ލިބޭ ވަސީލަތަކަށް ވެގެންދާނެއެވެ.
ނޫނެކޭ ބުނުމަކީ ދޮރުތައް ބަންދުކުރުމެއް ނޫނެވެ. އެއީ ދޮރުތައް ހުޅުވުމެވެ. ތިބާއަށް ފައިދާ ނުކުރާ ކަންތައްތަކަށް ދެކޮޅު ހެދުމުން، ފައިދާ ކުރާ ފުރުޞަތުތަކަށް ތަނަވަސްކަން ލިބެއެވެ. ތިބާއަށް އިތުބާރާއި، ސާފުކަމާއި، ތިބާގެ ދިރިއުޅުމުގެ މައްޗަށް ބާރު ލިބެއެވެ. ކޮންމެ މީހަކަށް ވެސް ކަންކަން ކޮށްދޭން ވާނީ ތިމާ ނަފުސުގެ ގާނޫނާ ޚިލާފު ނުވާގޮތަށެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފުސުގެ ޤާނޫނެއް ފާސްކޮށްފައި ބާއްވަން ޖެހެއެވެ. ހަމަތަކާއި އުސޫލުތަކެއް ކަނޑައަޅަން ޖެހެއެވެ. މިމަގުން ދިރިއުޅުން ފަސޭހަވެގެން ދެއެވެ.
ދެން އޮތް އެންމެ މުހިންމު ކަމަކީ އެހެން މީހަކު، ތިބާއަށް ނޫނެކޭ ބުނާ ހިނދު އެކަން ދެނެގަތުމެވެ. އެހެން މީހަކު ތިބާގެ އެދުމަކަށް ދެކޮޅު ހަދައިފިނަމަ، އެއީ ރުޅިއައިސް، ހިތްހަމަނުޖެހުން ފާކުކުރަން ޖެހޭ ސަބަބެއް ނޫނެވެ. ކޮންމެ މީހަކަށް ވެސް އެމީހެއްގެ އަމިއްލަ ހައްދުތަކާއި، ޤާބިލުކަން ހުރި މިންވަރާއި، އިސްކަންދޭ ކަންތައްތަކެއް ހުރެއެވެ. އެހެން މީހަކު ނިންމާ ނިންމުމަކަށް އިޙްތިރާމް ކުރުމަކީ ދުޅަހެޔޮ، ބޮޑެތި ގުޅުންތައް ބިނާކުރުމަށް ލިބެވޭ ބާރެކެވެ. މިކަން ދެނެގަތުމުން ތިބާގެ މުޢާމަލާތްތަކުގައި ހަމަޖެހުމާއި، ކެތްތެރިކަމާއި، ދެފަރާތުން އިޙްތިރާމް ކުރުން ދެމެހެއްޓުމަށް އެހީތެރިވެދެއެވެ.
މިކަން ހަނދާން ކުރާށެވެ، ނޫނެކޭ ބުނުމަކީ ބަލިކަށިކަމެއް ނޫނެވެ. އެއީ ބާރެކެވެ. އެއީ ތިބާގެ ނަފްސަށާއި ތިބާގެ ވަގުތަށް އަގުދޭކަމުގެ ބަޔާނެކެވެ. ހަމައެފަދައިން، އެހެން މީހެއްގެ ”ނޫނެކޭ“ އަޑުއެހޭނެ ފަދަ ޤާބިލު މީހަކަށް ވާށެވެ. ނޫނެކޭ ބުނުމުގެ ހުއްދަ ތިބާގެ ނަފްސަށް ދޭފަދައިން. އެހެން މީހުންނަށް ވެސް އެކަން ކުރުމުގެ ފުރުޞަތު ދޭށެވެ. ތިބާގެ ދިރިއުޅުމާއި، ތިބާގެ ހަމަޖެހުމާއި، ތިބާގެ ގުޅުންތަކަށް އެކަމުގެ ފައިދާ ކުރާނެއެވެ.

