ދުނިޔޭގެ ދިރިއުޅުން ވޭތިކުރަމުން ދާއިރު ކޮންމެ އިންސާނަކުވެސް ތަފާތު ކަންތައް ތަކަކާއި ކުރިމަތިލައެވެ. ތަފާތު ތަޖުރިބާތައް ކުރެއެވެ. އެކި މީހުންނަށް ދިމާވަނީ އެކި ގޮތްތަކެވެ. ފެންނަނީ އެކި މަންޒަރެވެ. ދުނިޔޭގެ ދިރިއުޅުމުގެ ފޮނިމީރުކަމުން އެކި މީހުންނަށް ލަނީ އެކި ރަހައެވެ. އެއްބަޔަކަށް މީރު މާމުޔެއް ފަދައިން ވާއިރު އަނެއްބަޔަކަށް އެންމެ ހިތި ހަަބަރަށް ވުރެ ހިތްޗެވެ. ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ފަހަތުގައި ފޮރުވިފައި އޮންނަނީ ތަފާތު ވާހަކައެކެވެ.
ދުނިޔޭގެ ދިރިއުޅުގެ މިސާލަކީ ފޮތެއްގައި ލިޔެވެމުން ދާ ވާހަކައެއްގެ މިސާލެވެ. ބޭނުންވާ ގޮތަކަށް ލިޔެ ނިންމާލުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. ޖެހޭ ކުށް އިސްލާހު ކުރުމާއިއެކު، ކުށެއް ޖެހިދާނެތީ އެކަމަށް ސަމާލުވެގެން ތިބެ ލިޔެވިދާނެއެވެ. ވާހަކަތަކުގެ ތެރޭގައި ހެއްވާމަޖާ ބިރުވެރި، އަދި ހިތާމަތަކުން ފުރިގެންވާ ތަފާތު އަސަރުތަކުގެ ވާހަކަ ހުރެއެވެ. ނަމަވެސް ހިތާމައަކީ ބައެއް މީހުން އެމީހުން ލިޔަމުންދާ ވާހަކައިގެ އަސަރު ގަދަވެ ހިތަށް ކެތްނުވުމުން އަމިއްލައަށް ފޮތްލައްޕާލައި ވާހަކަ ނިންމާލަން ޖެހޭތީއެވެ. މިހެން ކަންތައް ވަމުން ދަނީ މަދަކުން ނޫނެވެ.
ކޮންމެ އެއްޗަކީވެސް ފުރޭނެ އެއްޗެކެވެ. ފުރިބާރުވުމުން ފަޅައިގެން ދެއެވެ. އިންސާނާގެ ހިތާއި ސިކުނޑިއަށް ވެސް ދިމާވަނީ މިފަދަ ގޮތެކެވެ. ވޭނާއި ހިތާމަތަކުން ހިތާއި ސިކުނޑި ފުރޭ ހިނދު އުފެދޭ އުދާސްތައް ހިއްސާ ކުރާނެގޮތެއް ނެތުމުން ގޮތް ހުސްވެދެއެވެ. މުޅި މީހާ މާޔޫސްވެއެވެ. ތަހައްމަލު ނުކުރެވޭ ހިނދުން ފޮތް ލައްޕާލެވެނީއެވެ. ލިޔުންތެރިން އެބައިމީހުންގެ އުދާސްތައް ހާމަކުރަނީ ގަލަމުގެ އެހީގައި ކިޔުންތެރިންނަށެވެ. ކުރެހުންތެރިން އެމީހުންގެ ހިތުގައި ވާ މަންޒަރު ދުނިޔެއަށް ކުލަކޮށްލައެވެ. ޝާއިރުން އެމީހުންގެ އުދާސްތައް ހިއްސާ ކުރަނީ ޝާއިރިއްޔަތުގެ ފުން ލަފުޒުތަކުންނެވެ.
ދަންނަވަންތޯ އެވެ. ކޮންމެ މީހަކީ ޝާޢިރެއް ނޫނެވެ. ލިޔުންތެރިއެއް އަދި ކިޔެއްތަ ކުރެހުންތެރިއެއް ވެސް ނުމެ ނޫންމެއެވެ. އެހެން ކަމަށް ވާނަމަ އެފަދަ މީހެއްގެ ހިތުގައި އުފެދޭ އުދާސްތަކާއި، ޝަކުވާ އަދި އާދޭސްތައް ހިއްސާކުރާނީ ކިހިނަކުން ހެއްޔެވެ. އާދެ!! ރަހުމަތްތެރި އަކަށެވެ. ހެޔޮއެދޭ ރަހުމަތްތެރިއަކަށެވެ. އެގޮތުން ކޮންމެ އިންސާނަކުވެސް ލިޔަމުން ދާ ވާހަކަ ކިޔާނެ އެއް ކިޔުންތެރިއަކު ހުރުމަކީ މުހިންމު ކަމެކެވެ. ޝައްކެތްނެތެވެ. އިތުބާރު ހިފޭ ރަނގަޅު ހެޔޮއެދޭ ރަހުމަތްތެރިއަކު ހުރުން ލާޒިމެވެ.
ބުއްދިހަމަ ޖެހޭ މީހަކު އަމިއްލައަށް މަރުވެދާނެ ކަމަށް ގަބޫލު ކުރައްވަން ތޯއެވެ. އެންމެ ރަނގަޅެވެ. އޭނާގެ ބުއްދި ހަމަ ޖެހެއެވެ. ނަމަވެސް އުދާސްތަކުން ހިތާއި ސިކުނޑިފުރޭ ހިނދު ނެތީ އެކަން ހިއްސާ ކުރާނެ ގޮތެކެވެ. ނެތީ ހިތަށް ފަރުވާއެކެވެ. ނެތީ އަހާނެ ކަންފަތެކެވެ. އެހެން ކަމުން ހަދާނެ ގޮތް ހުސްވަނީއެވެ. ދާނެނުދާނެ ދިމާއެއް ނޭނގެނީއެވެ. ސިކުނޑީގެ ވިސްނުން ހުސްވީއެވެ. ތަދާ ވޭންނުން މުޅި ޖިސްމުފުރި ބާރުވެފައި ވުމުން ހެވާއި ނުބައި ފަރަގު ނުވަނީއެވެ. ތަދަށް ތަދު ނުވާނެ ކަމުގައި ދެކެވެނީއެވެ. އެކަނިވާން ބޭނުންވަނީއެވެ. އެކަނިވެރި ކަމަށް ނިމުމެއް ގެންނަން ބޭނުންވަނީއެވެ. އަބަދުގެ އަބަދަށް އޭނާ އެކަނި ވަނީއެވެ.
👍 0❤️ 0🤗 0😂 0😮 0
ޒިޔާރަތްކުރި އަދަދު 54