އެމާ ނުބިނދެވުނު ނަމައެވެ. އަހަރެންގެ ހިތަށް އަރައެވެ. އަހަރެންގެ ޙަޔާތުން އެތައް ވަގުތެއް އެ މާ ބިނުމަށްޓަކައި ހޭދަ ކުރީމެވެ. އެ ގަހުގެ ކަށިތަކުގެ ޝިކާރައަކަށް ވެވި ދެއަތާއި މި ހިތް އެތައް ފަހަރަކު ޒަޚަމް ވިއެވެ. އެހެނަސް ޝަކުވާ ކުރުމެއް ނެތި ރެއާއި ދުވާލު އެ މަލަށްޓަކައި ފާރަވެރި ވީމެވެ. ލިބިދާނެ ގެއްލުމަކުން ހިމާޔަތް ކުރުމުގައި ދެމިހުރީމެވެ. ކިޔެވި ކިޔެވެއްޔެއްގެ މޮޅުކަމާއި އަހަރެންގެ ހުނަރުވެރިކަމުގެ ނަތީޖާ އަކަށްވީ އެމާ އަހުރެނަށް ހާޞިލްވުމެވެ. އެމާ ބިނދެވުމެވެ.
އަމިއްލަވަންތަ ބިމެއްގައި އެ މާ ގެނެސް އިންދީ، އެންމެ ފަހު ނޭވަޔަށް ދާންދެން މޯޅި ކޮށްނުމެލާ ގެންގުޅޭނެ ކަމުގެ އުންމީދުގައެވެ. އަހަރެންގެ ގުލްޝަނުން ކެނޑިގެން ނުދާނޭހެން މީރުވަސް ލިބުންއެދިގެންނެވެ. މާދުރުން ފާރަލައި އުދުހި އަންނަ ބަޅިނދު ތަކުން ރައްކާތެރި ވާނެފަދަ މާހައުލެއްގައެވެ. އަހަރެންގެ ޢަޒުމާއި ހިތްވަރަކަށް ބަދަލެއް ނާދެއެވެ. ޚިދުމަތުގައި ކެތްތެރިވެ ދެމިހުރީމެވެ. މީރުވަސް މިޅު ހިސާބުގަނޑުގައި ފަތުރާލައި، އަހަރެންގެ ޖިސްމު ތާޒާ ކޮށްދިނުމުގައި އެމާ ދެގޮތެއް ނުވެ އިނެވެ. އުފާވެރި ކަންމަތީގައި ދެވެރިން ތިބީމުއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އަހުރެނަށް އިތުރު އުފަލެއް ލިބިއްޖެއެވެ. ލޯބިވާ ފިނިފެންމަލުން މޫ ދެމިއްޖެ ކަން ޔަގީން ވީއެވެ. ބިންފަޅާލައި އިތުރު ކުރިއެއް ބިމުން މައްޗަށް އާރޯވީއެވެ. އުފާވެރި ކަމުގެ ކޮޅެއް ނެތެވެ. އަހުރެންގެ ޙަޔާތް ދިރިއްޖެއެވެ. ލިބިލިބި ހުރި އުފާ ދެގުނަވެއްޖެއެވެ. ކުރިއަށްވުރެ ހިތްވަރާއި ޢަޒުމް ވަރުގަދަ ކުރީމެވެ.
ޙަޔާތަށް މިއައި ބަދަލާއިއެކީ މަލަށްވެސް ބަދަލުތަކެއް އަތުވެއްޖެއެވެ. އިތުރު ކުރިއަކަށް ދިރުން ދޭން ފެށުމާއިއެކީ، މަލުގެ ކުލައާއި ވަހަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް ލިބިއްޖެއެވެ. ފިޔަތައް ކުރަކިވެލައި ކުރިންހުރި ލޭފަވެތިކަމާއި ތާޒާކަމަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އަތުވެއްޖެއެވެ. ހަމައެއާއި އެކު އަހުރެންގެ ޢަޒުމުވެސް ބަދަލުވާން ފަށައިފިއެވެ. ކުރިން ހުރި ހިތްވަތު ނެތި އަޅައިލުން ކުޑަކުރެވެން ފަށައިފިއެވެ. އެކުގައި ހޭދަކޮށްލާނެ ވަގުތު ނުލިބި އަވަދިނެތި ވާންފަށައިފި އެވެ. ވީ ވަޢުދުތަކައި އަޙުދުތައް ހަނދާންނެތި ވެވިއްޖެއެވެ.
ރީތި ތާޒާ ޒުވާން މަލަކަށް އެދެވެން ފެށީއެވެ. އާފެށުމަކުން ފެށުނީއެވެ. ހެއިވެރިކަން ވީ އިރު އަހަންނަށްޓަކައި އެމަލެއްގެ ރީތިކަން ޤްރުބާންކުރި މާ އަބަދުގެ އަބަދަށް އަހުރެނާއި ވަކިވެއްޖެއެވެ. ޙަޔާތަށް އާރޯކަން ގެނެސްދިން ކުޑަ ކުރިވެސް އަޅައިލުމެއް ނެތި މިލާލައިފިއެވެ. އެމަލެއް ޙާޞިލު ކުރުމަށްޓަކައި އަަހުރެން ވީ ގުރުބާނީ ހަދާންނެތިކޮށްލެވުނީ ހަމަ އަހުރެންގެ ޣާފިލްކަމުންނެވެ. މިއަދު އަހުރެން މުޅިދުނިޔެއަށް ގިނަވެ ބާކީ ވެއްޖެއެވެ. އުޅެމުން އައި ރީތި ދިރިއުޅުން ވިއްސިވިހާލި ވީއެވެ. މިހެން ކަންތައް ކުރެވުމަށްވުރެ އެމާ ނުބިނދެ އިންގޮތަށް ގަހުގައި ބޭންދުނު ނަމަ މާ ރަނގަޅުވީހެވެ. އެމާ ނުބިނދެވުނު ނަމަ އެވެ.
👍 0❤️ 0🤗 0😂 0😮 0
ޒިޔާރަތްކުރި އަދަދު 48