ތަރައްގީ ކުރަންވީ ސިކުޑިތަކެވެ. ބަދަލު ކުރަންވީ ވިސްނުންތަކެވެ. ދުނިޔޭގެ ދިރިއުޅުން ވޭތިކުރަމުން ދާއިރު އާންމު ދިރިއުޅުމުގައި ގިނަ މީހުންނަކީ އަމިއްލަ ވަންތަކަމަށް ލޯބި ކުރާ ބައެކެވެ. އެކި މީހުންނަށް ރީތިވަނީ އެކި ގޮތެވެ. އެކި ކުލައެވެ. މި އުސޫލަކީ އިންސާނުންގެ ތެރޭގައި އަބަދުވެސް އޮންނަ އުސޫލެކެވެ. ހިފާ ގެންގުޅޭ ތަކެތިންފެށިގެން ގޮސް ކުރާ ހުރިހާ ކަމެއްގައިވެސް އެކި މީހުންނަށް ކަމުދަނީ އެކި ގޮތްތަކެވެ.
ދިވެހި ރާއްޖޭގެ ގިނަ ޒުވާނުން ތެރޭގައި ބޮލުގެ އިސްތަށިގަނޑު ދިގުކުރުން ވެފައި މިއޮންނަނީ ވަރަށް ވާދަވެރި އަދި އެކުދިން އެހާމެ ލޯބި ކުރާ ކަމަކަށެވެ. ބޮލުގެ އިސްތަށިގަނޑު ދިގު ކުދިންގެ ތެރޭގައި ވަރަށް ހަރުދަނާ ކުދިން އެބަ އުޅެއެވެ. ސަރުކާރުގެ ޒިންމާ ދާރު ވަޒީފާތަކުންނާއި މިސްކިތުގެ އެންމެ ކުރީ ސަފުންވެސް ބޯދިގު ޒުވާން ކުދިން ފެންނަނީ މަދަކުން ނޫނެވެ. ހަމަ އެއާ އެކު ކަންމަތީ ޒުވާނުންގެ ތެރޭގައި ވެސް މި ސަގާފަތް ވަނީ އަށަގަނެފައެވެ. އެހެނަސް އެކުދިން ވެސް ބޮލުގެ އިސްތަށިގަނޑު ދިގު ކުރަނީ އެކަމަށް ކުރާ ލޯތްބެއްގެ ބޮޑު ކަމުންނެވެ. އެއްވެސް ހާލެއްގައި މޫނުމަތިން ނުލަފާ ސިފައެއް ދެއްކުމުގެ ނިޔަތެއްގައެއް ނޫނެވެ.
ކުރިން އަޅުގަނޑު ލިޔެފައިވާ ލިޔުމެއްގައި އިޝާރާތްކޮށްފައި ވާނޭ ފަދައިން، މޫނު ބުރުގާ އަޅައިގެން މީހަކު ގޯސްއަމަލެއް ހިންގުމަކީ، މޫނު ބުރުގާ މަނާ ކުރަން ޖެހޭ ސަބަބެއް ނޫނެވެ. ހަަމަ އެފަދައިން ބޮލުގެ އިސްތަށިގަނޑު ދިގު ކުއްޖަކު ގޯސްކަމެއް ކުރުމަކީ ބޯދިގު ހުރިހާ ކުދިން ގޯސްވުމެއް ނޫނެވެ. ބޯދިގު ކޮންމެ މީހަކީ މަސްތުވެ، ވައްކަން ކުރާ މީހެއް ނޫނެވެ. ބޯތަލަ މީހުންނަށް ވެސް ވައްކަންކޮށް މަސްތުވެވިދާނެއެވެ.
ފޮތުގެ އެތެރޭގައި އޮތް އެއްޗެއް ފޮތުގެ ބަނޑޭރިގަނޑަކުން ނޭނގޭނެއެވެ. ނަމަވެސް ގިނަ ދިވެހިންގެ ވިސްނުން ހުންނަނީ ދިމާ އިދިކޮޅަށެވެ. މިކަމަކީ ޚުދު އަޅުގަނޑާވެސް ދިމާވަމުން ދާ ކަމެކެވެ. ފިރިހެނެއްގެ ބޮލުގެ އިސްތަށިގަނޑު ދިގުކޮށް އޮވެއްޖެ ނަމަ އާދެ! ޝައްކެއް ނެތެވެ. އެއީ ޕާޓޭއެކެވެ. ވަގެކެވެ. ހަކުރުބޯ މީހެކެވެ. ދަންނަވަންތޯއެވެ. އަޅުގަނޑުގެ ބޮލުގެ އިސްތަށިގަނޑުވެސް ދިގެވެ. އެހެނަސް އަޅުގަނޑު ވައްކަމެއް ނުކުރަމެވެ. ނުފޭރެމެވެ. މަސްތެއް ނުވަމެވެ. އަދި ކިއެއްތަ ކުށުގެ ރެކޯޑެއް ވެސް ނޯންނާނެއެވެ. އާނއެކެވެ. އަޅުގަނޑު ކަހަލަ ބައިވަރު ކުދިން އެބަ އުޅެއެވެ. ގޯހީ ބޮލުގެ އިސްތަށި ގަނޑެއް ނޫނެވެ. ތިޔަ ސިކުނޑިތަކެވެ. ބަދަލު ކުރަންވީ ތިޔަ ވިސްނުން ތަކެވެ.
👍 0❤️ 0🤗 0😂 0😮 0
ޒިޔާރަތްކުރި އަދަދު 53