ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބުއިމަކީ ކޮފީއެވެ. ކޮފީއަކީ ދިވެހީންގެ ތެރޭގައި ވެސް މަގުބޫލު ބުއިމެކެވެ. އެހެންކަމުން ކޮފީ ބޮއެގެން ބަނޑޫ ހިނދޭ ކަމަށް ދެކެވޭ ވާހަކަތަކުގެ ޙަޤީޤަތާއި، ކޮފީގެ ފައިދާތަކާއި ގެއްލުންތައް އަދި ބޯން ޖެހޭ މިންވަރާރު ދެނެގަތުމަކީ މުހިންމު ކަމެކެވެ.
ކޮފީއަކީ ހަމައެކަނި ހެނދުނު ހިތްހަމަޖައްސާލުމަށް ބޯ އެއްޗެއް ނޫނެވެ. ކޮފީގައި ހިމެނޭ މައިގަނޑު އެއް މާއްދާއަކީ ކެފެއިން ކަމުގައި ވިޔަސް، އޭގައި އެންޓިއޮކްސިޑެންޓްސް (Antioxidants) ގިނަ އަދަދަކަށް ހުރެއެވެ. މި އެންޓިއޮކްސިޑެންޓްސްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށް، ބައެއް ބަލިތަކުން ދިފާޢުވުމަށް އެހީވެދެއެވެ. މިސާލަކަށް، ދިރާސާތަކުން ދައްކާ ގޮތުގައި މެދުމިނަށް ކޮފީ ބޯ މީހުންނަށް ޓައިޕް 2 ޑައިބެޓީސް، ޕާކިންސަންސް ބަލި، އަދި ފުރަމޭގެ ބައެއް ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑައެވެ. އަދި ކެފެއިންގެ ސަބަބުން ސިކުނޑީގެ ހަރަކާތްތައް ހަލުވިވެ، ހަނދާން ބާރުވެ، ވަރުގަދަ ހަކަތައެއް ލިބިގެންދެއެވެ.
ނަމަވެސް، ކޮންމެ އެއްޗެއްގައިވެސް ފައިދާ ހުންނަ ފަދައިން، ކޮންމެ އެއްޗެއްގައި ވެސް ގެއްލުން ތަކެއް ހުރެއެވެ. އެގޮތުން ކޮފީގައިވެސް ގެއްލުންތަކެއް ހުރެއެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮފީ ބޮއެގެން ބަނޑޫ ހިނދޭތޯ އުފެދޭ ސުވާލެވެ. ޙަޤީޤަތަކީ، ކޮފީއަކީ އެސިޑިކް (Acidic) ބުއިމެކެވެ. ބަނޑު ހުސްކޮށް ގިނަ އަދަދަކަށް ކޮފީ ބުއިމުން، ބަނޑުގައި އެސިޑް އުފެއްދުން އިތުރުވެ، ބަނޑުގެ ތެތްފަށަލައަށް (Stomach lining) އުނދަގޫތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ބަނޑުހިތްލާގޮތްވުން (Heartburn) ނުވަތަ ބަނޑުގެ ފަށަލަ ހަލާކުވެ، ފާރު (Ulcer) އުފެދުމަށް މަގުފަހިކޮށްފާނެ ކަމެކެވެ. މީގެ އިތުރުން، ކެފެއިން ގިނަވުމުން ނިދި ނައުމާއި، ހާސްވެ ކަންބޮޑުވުން (Anxiety) އަދި ހިތުގެ ވިންދު އަވަސްވުން ފަދަ މައްސަލަތައް ދިމާވެދާނެއެވެ.

ވީމާ، ކޮފީގެ ފައިދާ ބޭނުންކޮށް، ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި، އެންމެ މުހިންމީ މެދުމިންކަން ދެމެހެއްޓުމެވެ. ސިއްޙީ މާހިރުންގެ ލަފާފުޅަކީ، ދުވާލަކު 400 މިލިގްރާމަށްވުރެ ގިނައިން ކެފެއިން ނުބުއިމެވެ. މިއީ ގާތްގަނޑަކަށް 3 ނުވަތަ 4 މެދު ސައިޒުގެ ކޮފީ ކަޕެކެވެ. އަދި ހަމައެހެންމެ، ބަނޑު ހުސްކޮށް ވަރަށް ގަދައަށް ކޮފީ ބުއިމުގެ ބަދަލުގައި، ކޮފީ ބޯން ފެށުމުގެ ކުރިން ކުޑަ ކާނާއެއް ބޭނުންކުރުމަކީ ބަނޑަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ގޮތެކެވެ. އަދި ހަވީރުގެ ވަގުތަށްފަހު ކޮފީ ބުއިން މަދުކުރުމަކީ ރޭގަނޑުގެ ނިދި ރަނގަޅުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.
ކޮފީއަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބައެކެވެ. އެހެންކަމުން، ކޮފީ ބުއިމުގައި އަޅުގަނޑުމެންގެ ހަށިގަނޑަށް ދޭން ޖެހޭ ސަމާލުކަން މުހިންމެވެ. ކޮފީ ބޯންވީ އެއިން ލިބޭ ހަކަތައާއި ފައިދާ ހޯދުމަށެވެ. އެކަމަކު، ހައްދު ފަހަނައަޅައި ނުދިއުމަށް އަބަދުވެސް ސަމާލުވާންޖެހެއެވެ. ކޮފީގެ ފައިދާ ލިބިގަނެ، ސިއްޙަތަށް ރައްކާތެރިވާ ބަޔަކު ކަމުގައި ވާން އެބަޖެހެއެވެ.

