”އެންޑްވާނުވާ“ އެކްސްގައި ޖެހިޖެހިގެން ޓްރެންޑްވަމުން އަންނަތާ 3 ދުވަސް – ރައްޔިތުންގެ ފައިސާ ލިބޭ މީޑިއާތައް ހަނު
ޝަރީޢަތް ނިމެންދެން ބަންދުގައި 5 އަހަރު، 6 އަހަރު ހޭދަވެފައިވާ ފަރާތްތަކުގެ އާއިލާތަކާއި ގިނަ ޒުވާނުންތަކެއް ގުޅިގެން ވާނުވާ އުވާލުމަށް ގޮވާލާ ސޯޝަލް މީޑިއާގައި ހިންގަމުންދާ ކެމްޕެއިން ސޯޝަލް މީޑިއާގައި އަޑުގަދަވެ ގިނަ ބައެއްގެ ސަމާލުކަން ލިބުނުއިރު، ސަރުކާރުގެ ސްޕޮންސާ ލިބޭ މީޑިއާތަކުން މި ކެމްޕެއިން ކަވަރުނުކުރާކަން މިނޫހަށް ފާހަގަވެއްޖެއެވެ.
ރައްޔިތުންގެ ޓެކްސް ފައިސާއިން 18 މީޑިއާ އަކަށް 28 މިލިއަން ރުފިޔާ ސަރުކާރުގެ ސީދާ ބަޖެޓުން ދީފާވެއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ އޮންލައިން ނޫސްތަކަށް އެސްއޯއީތައް މެދުވެރިކޮށް ގިނަ އަދަދެއްގެ ފައިސާ އަންނަނީ ދޫކުރަމުންނެވެ.


”އެކެއް، ދޭއް، ތިނެއް، އަހަރު ކިއެއް، 6 އަހަރުވެސް ވެގެންގޮސްފި! ދުލަކުން ކިޔާލިޔަސް އަހަރޭ މި ގުނަނީ! ޝަރީއަތެއް ނެތި ދިޔަހާ ދުވަސްތަކުގެ ބަދަލު ހޯދަދޭނީ ކާކު؟ – ހދ.ނެއްލައިދޫ ރައްޔިތެއް – ވާނުވާ ބަންދުގެ އަނިޔާވެރިކަން ތަސައްވަރުކުރަމުން އެކްސްގައި ޒުވާނަކު ކޮއްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.
މިހާރު ކުރަމުންދާ ކެމްޕެއިންގައި އެކަނިވެސް އިއްޔެއާއި ހަމައަށް އެންމެ 3 ދުވަހުގެ ތެރޭގައި އަނިޔާވެރި ވާނުވާބަންދު އުވާލުމަށް ގޮވާލާ 6,000 އަށް ވުރެން ގިނަ ޕޯސްޓް ސޯޝަލް މީޑިއާ އެކްސްގައި ކޮށްފައިވެއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ވެރިކަމަށް އައީ އަނިޔާވެރި ވާނުވާބަންދު އުވާލާނެކަމަށާއި އަނިޔާލިބެމުންދާ އާއިލާތަކަށް ތަސައްލީއެއް ހޯދަދޭނެކަމަށް ބުނަމުންނެވެ. ނަމަވެސް ވެރިކަމަށް 2 އަހަރު ފުރޭއިރު ރައީސް މުއިއްޒުގެ ސަރުކާރުން އެ ވައުދު ވަނީ ބޮލާލައިޖަހާފައެވެ.

