ވާނުވާބަންދަކީ އިތުރު ހެކި ހޯދަން ފުލުހުން ޖަހާ ރޮކެޓެއް: ރައީސް ޔާމީން
ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްގެ ޓައުން ހޯލްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ބުނީ، ވާނުވާ ބަންދަކީ ކޮބައިކަން ރައީސް މުހައްމަދު މުއިއްޒަކަށް ނޭނގޭ ކަމަށެވެ. އެގޮތުން ޖުޑިޝިއަރި ތެެރެއިން ވާނުވާ ބަންދަށް ހައްލު ގެންނާނެ ކަމަށް ރައީސް މުއިއްޒު ބުނެފާވާއިރު، އެއީ ޖުޑިޝަރީ ތެރެއިން ނިމުން ގެންނަން ޖެހޭ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ބުންޏެވެ.
”ވާނުވާ ބަންދު، މީހެއްގެ މައްޗަށް ޖަހަނީ ޕީޖީއިން އެދިގެން އެއީ ފުލުހުންނާ ޕީޖީއިން ގުޅިގެން ޖަހުވާ ބަންދެއް، އެގޮތުން ފުލުހުން އެދުނު ނަމަވެސް ޕީޖީން ނޭނދޭ ނަމަ ވާނުވާ ބަންދު ނުޖެހޭނެ“ކަން ފާހަގަކުރައްވާ ރައީސް ޔާމީން ބުނީ، އެހެންކަމުން ވާނުވާ ބަންދަކީ އިދާރީ ގޮތުން ނިންމޭނެ ކަމެއް ކަމަށެވެ.

ވާނުވާ ބަންދަކީ ފުލުހުން މީހުން ގިނަ ދުވަހު ޖަލުގައި ބައިތިއްބައިގެން މީހުން ބަލިކަށިކޮށްލައިގެން މީހުންގެ އިއުތިރާފެއް ނޫނީ އެކަމާ ގުޅުން ހުރި އިތުރު ހެކި ހޯދަން ފުލުހުން ޖަހާ ރޮކެޓެއްގެ ގޮތުގައި ވެސް ރައީސް ޔާމީން ސިފަކުރައްވާފައިވެއެވެ.
ރައީސް ޔާމީން ބުނީ، ވާނުވާ ބަންދަކީ ދައުލަތުން ބޭނުން ނަމަ މިހާރުން މިހާރަށްވެސް އުވާލެވޭނެ ކަމެއް ކަމަށެވެ.

