ވާނުވާ އުވާލަން އައި ސަރުކާރު ވާނުވާގައި

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެތައް ވައުދެއް ވެވަޑައިގެންނެވެ. އެ ވައުދުތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ވައުދަކީވާނުވާއުވާލުމެވެ. ’ވާނުވާއަކީ ތަހުގީގު ނިމެންދެން ބަންދުގައި ތިބޭ މީހުންގެ ތަހުގީގު އަވަސްކޮށް އެކަމަށް އަދުލުވެރި ގޮތެއް ކަނޑައެޅުމެވެ. ނަމަވެސް، މިހާރު ފެންނަނީ ވާނުވާ އުވާލުމުގެ ވައުދުފުއްދުމުގައި ސަރުކާރު ހަނދާން ނެތިފައިވާތަނެވެ.

ވާނުވާ ނިޒާމުގެ ދަށުން، ތަހުގީގު ނުނިމި ގިނަ ދުވަސްވުމުގެ ސަބަބުން ބަންދުގައި ތިބޭ މީހުންނަށް ގިނަ ގެއްލުންތަކެއް ލިބެއެވެ. މީގެ ތެރޭގައި އެމީހުންނަށް ލިބެންޖެހޭއެންމެހާ ހައްގުތަތައް ގެއްލުމުގެ އިތުރުން، އެމީހުންގެ އާއިލާތަކަށް ވެސް ނިކަމެތިކަމާއި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. ޚާއްސަކޮށް، އާއިލާ ބެލެހެއްޓުމުގައި މުހިންމު ދައުރެއްއަދާކުރާ މީހަކު ވާނުވާގެ ދަށުން ބަންދުގައި ހުރުމަކީ އެ އާއިލާއަށް އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ލިބޭ ފޫނުބެދޭވަރު ބޮޑު ގެއްލުމެކެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ވާނުވާ އުވާލުމަށް ވައުދުވި ނަމަވެސް، މިހާތަނަށް އެކަން ތަންފީޒުކުރެވިފައެއް ނުވެއެވެ. އަދި މި ވައުދު ފުއްދުމަށްޓަކައި އަމަލީގޮތުން އެކަމަށްކުރަން ޖެހޭ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އެހެންކަމުން ސިޔާސީ ފަރާތްތަކުންނާއި އާންމުންގެ ފާޑުކިޔުން މުވަނީ މުއިއްޒުގެ ސަރުކާރަށް އަމާޒުވާ ކަމެކެވެ. ވާނުވާއުވާލުމަށްޓަކައި ގާނޫނީ، އިދާރީ ގޮތުން ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭނެއެވެ. މީގެ ތެރޭގައި ތަހުގީގުތައް އަވަސްކުރުމުގެ އުސޫލުތައް ހަރުދަނާކުރުމާއި، ޖިނާއީ އިޖުރާއަތުގެގާނޫނަށް ބަދަލުތައް ގެނައުން ހިމެނެއެވެ.

ވާނުވާ އުވާލުމަކީ އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެކެވެ. ސަރުކާރުން ވައުދުވި ގޮތަށް މި ނިޒާމު އުވާލުމަށްޓަކައި، ގާނޫނީ އިސްލާހުތައް އަވަސްކޮށް، ތަހުގީގު މުއްދަތުތައް ކުރުކުރުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަން ޖެހެއެވެ. ވެރިކަމަށް އައި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދު ފުއްދުމުގައި ދިމާވާ މި ގޮންޖެހުންތަކަކީ ސަރުކާރުގެ ޒިންމާދާރުކަން ކުޑަކަމުގެ ލާމަސީލު މިސާލެކެވެ.

👍 4❤️ 2🤗 1😂 0😮 1

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް