އަބްދުއްރަހީމްގެ ދަރިފުޅާއި އަނބިކަނބަލުންނަށް 100 ހައުސިން ޔުނިޓް

ރާއްޖޭގައި އެއް ދުވަސް ތެރޭގައި އެންމެ ގިނަ މަޝްރޫއު ހަވާލުކުރުމުގެ ރިކޯޑު ހެދުމުގެ ނިޔަތުގައި މިއަދު ބަހާލި ޕްރޮޖެކްޓުތަކުގެ ތެރެއިން، ލ. ފޮނަދޫގައި 100 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއު ހަވާލުކުރީ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުاللهގެ ދަރިކަނބަލުންނާއި އޭނާގެ އަނބިކަނބަލުންގެ ކުންފުންޏަކަށްކަން އެނގިއްޖެ އެވެ. މި މަޝްރޫއު ވައިޓް ލިންކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 139،295،700ރ. އަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބޭ މައުލޫމާތުތަކަށް ބަލާއިރު، ވައިޓް ލިންކްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އަބްދުއްރަހީމްގެ ދަރިކަނބަލުން، ފާތިމަތު ސޮބާހާ އެވެ. އަދި އޭނާގެ އަނބިކަނބަލުން ދިޔާނާ ހުސެއިން އަކީ އެ ކުންފުނީގެ ޑިރެކްޓަރެކެވެ. މީގެ އިތުރުން ފޮނަދޫގައި ހުންނަ އަބްދުއްރަހީމްގެ ގެކޮޅު، އަރާއިރުގައި ހިންގާ އަރާފާ ޓްރޭޑާސް އާއި އަރާފާ ހާޑްވެއާ އަކީ ވެސް ވައިޓް ލިންކްސް ކުންފުނީގެ ދަށުން ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރި ނަންތަކެވެ. އެ ކުންފުނީގެ ދަށުން ފްރެޝް މާޓް، ވައިޓް ވިންޑް، ޓީ ޕޯޓް، ކެފޭ އިޒޯލާ އަދި އަރާފާ މާޓް ވެސް ރެޖިސްޓްރީ ކޮށްފައިވެ އެވެ.

ބިޒްނެސް ޕޯޓަލްއިން އެނގޭ ގޮތުގައި، ވައިޓް ލިންކްސް ކުންފުންޏަކީ މީގެ ކުރިން ބޯހިޔާވަހިކަމާ ގުޅުންހުރި އެއްވެސް މަސައްކަތެއް ކޮށްފައިވާ ކުންފުންޏެއް ނޫނެވެ. އެ ކުންފުނިން މީގެ ކުރިން ކޮށްފައި ވަނީ ގޭތެރޭގައި ހިފާގެންގުޅޭ ސާމާނު ހޯލްސޭލް ކުރުމާއި ހާޑްވެއާ އަދި ކާބޯތަކެތި ރީޓެއިލް ކުރުމުގެ އިތުރުން ބައެއްކަހަލަ މެޝިނަރީޒް ކުއްޔަށް ދިނުމުގެ މަސައްކަތެވެ. މިފަދަ ބޮޑު ހައުސިން މަޝްރޫއެއް އެ ކުންފުންޏާ ހަވާލުކޮށްފައި ވާއިރު، މިއީ އެ ކުންފުނީގެ މަސައްކަތުގެ ދާއިރާ އާ ދާއިރާއަކަށް ފުޅާކުރުމުގެ ފެށުމެއް ކަމަށް ވެދާނެއެވެ.

މިއަދު ވާދަވެރި ބީލަމަކަށް ނުގޮސް 53 ކުންފުންޏަކަށް ޖުމުލަ 206 މަޝްރޫއު ބަހާލާފައިވާއިރު، މި މަޝްރޫއުތަކުގެ ޖުމުލަ އަގު 2.7 ބިލިއަން ރުފިޔާއަށް އަރަ އެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ބޯހިޔާވަހިކަމާއި، ސިއްހަތާއި ތައުލީމާއި، ކުނި މެނޭޖްކުރުމުގެ އިތުރުން ކުޅިވަރު އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނެ އެވެ. އޭގެތެރެއިން ބޯހިޔާވަހިކަމާއި ބަނދަރު ތަރައްގީކުރުމުގެ 13 މަޝްރޫއުއެއްގެ އަގު 997 މިލިއަން ރުފިޔާ އަރާއިރު، ތައުލީމީ ދާއިރާގެ 26 މަޝްރޫއު އަށް 397 މިލިއަން ރުފިޔާ، ސިއްހީ ދާއިރާގެ 30 މަޝްރޫއުއަކަށް 312 މިލިއަން ރުފިޔާ އަރަ އެވެ.

މިއަދު މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބެނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށެވެ. އެ ކުންފުންޏަށް 285.7 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކުރިއިރު، ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑްއަށް 171.3 މިލިއަން ރުފިޔާ، އަލާފް ޕްރައިވެޓް ލިމިޓެޑްއަށް 159.6 މިލިއަން ރުފިޔާ އަދި ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްއަށް 157.3 މިލިއަން ރުފިޔާގެ މަޝްރޫއުތައް ހަވާލުކުރި އެވެ. މި ބޮޑެތި މަޝްރޫއުތައް ވާދަވެރި ބީލަމަކަށް ނުގޮސް ސީދާ ކުންފުނިތަކަށް ހަވާލުކުރުމަކީ ސަރުކާރުގެ ބޮޑެތި މަޝްރޫއުތައް ހިންގުމުގައި ގެންގުޅޭ އުސޫލުތަކަށް އައި ބަދަލެއްކަން ފާހަގަކުރެވެ އެވެ.

👍 0❤️ 0🤗 0😂 1😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް