އަފްޣާނިސްތާނުގެ ބޮޑު އާބާދީއެއް ދަރަނިވެރިވެ ބަނޑުހައިހޫނުކަމުގައި
އަފްޣާނިސްތާނު ވަނީ އިޤްތިޞާދީގޮތުން ކުރިއެރުން އެއްކޮއް ހުއްޓިފައެވެ. މިކަމުގެ ނަތީޖާއަކީ ކޮންމެ 10 އާއިލާގެ ތެރެއިން 9 އާއިލާއަށް ރަނގަޅަށް ކާން ނުލިބެއެވެ. ބަނޑުހައިހޫނުކަން ފިލުވުމަށްޓަކައި އެމީހުންގެ ހަރުމުދާތައް ވިއްކަން މަޖުބޫރުވެފައިވާކަމަށް އދއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ.
އީރާނާއި ޕާކިސްތާނުގައި ދިރިއުޅެމުންދިޔަ އަފްޣާނިސްތާނުގެ ރައްޔިތުން 2023 ވަނަ އަހަރުން ފެށިގެން އެނބުރި ގައުމަށްދިޔަ މީހުންގެ އަދަދު 4.3 މިލިއަނަށް އަރާ ކަމަށާއި، އޭގެ ސަބަބުން އަފްޣާނިސްތާންގެ އާބާދީ ކުއްލިއަކަށް 10 އިންސައްތައަށް އިތުރުވެފައިވާކަމަށް ޔޫއެންޑީޕީގެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އެނބުރި އަފްޣާނިސްތާނަށް ދިޔަ އާއިލާތަކުގެ ތެރެއިން ދެބައި ކުޅަ އެއްބައި އާއިލާތަކުން ސިއްޙީ ފަރުވާ ނުހޯދައި، ކާބޯތަކެއްޗަށް ހޭދަކުރަން ވަނީ މަޖުބޫރުވެފައެވެ. އަދި 45 އިންސައްތަ އާއިލާތަކަށް ރައްކާތެރި، ސާފު ބޯފެން ނުލިބޭކަމަށް ވެސް ބުނެފައިވެއެވެ. އޭގެ ތެރެއިން %90 އިންސައްތަ އާއިލާ ވަނީ ދަރަނިވެރިވެފައެވެ.

މީގެއިތުރުން، ފެންބޮޑުވުމާއި ބިންހެލުން ފަދަ ގުދުރަތީ ކާރިސާތަކުގެ ސަބަބުން، އަސާސީ ޚިދުމަތްތައް ނުލިބި، 8،000އަށް ވުރެ ގިނަ ގެދޮރު، ދިރިނޫޅެވޭވަރަށް ހަލާކުވެފައިވާ ކަމަށް ބުނެފައިވެއެވެ.
އަފްޣާނިސްތާންގައި ތިބި ރެފިއުޖީންނަށް އެހީވުމަށް މި އަހަރު އދއިން ހޯދަން އެދުނު 3.1 ބިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން ބޮޑު ބައި ނުލިބެއެވެ. ކައިރި މުސްތަޤުބަލެއްގައި މާލީ އެހީތެރިކަން އަފްޣާނިސްތާނަށް ނުދެވިއްޖެނަމަ، ޙާލަތު އިތުރަށް ގޯސްވާނެކަމަށް އދއިން ވަނީ އެ ރިޕޯޓުގައި ބުނެފައެވެ.

