ޕީއެންސީ ޖަލްސާގައި ”ވާނުވާ ބަންދު“ އުވާލަން ގޮވާލުމުން ޕޯސްޓަރު އަތުލާ ޖަލްސާއިން ބޭރުކުރި ވީޑިއޯއެއް ދައުރުވަނީ

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ހުޅުވިފައިވާކަމަށް ދައުވާކުރާ ސަރުކާރުގެ ވެރިކަން ހިންގާ ޕާޓީ، ޕީއެންސީގެ ޖަލްސާއަކުން ހިޔާލުފާޅުކުރި މީހަކު ބޭރުކުރި ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ. މި ވީޑިއޯގައި ފެންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދު ކަމަށްވާ ”ވާނުވާ ބަންދު“ އުވާލުމަށް ގޮވާލި ޒުވާނެއްގެ އަތުން ޕޯސްޓަރު އަތުލައި، ޖަލްސާގެ ތެރެއިން ބޭރުކުރާ މަންޒަރެވެ.

https://x.com/mrsays_/status/1989672701578154409?s=46

މި ހާދިސާ ހިނގާފައިވަނީ މި ސަރުކާރަށް ދެ އަހަރު ފުރުމުގެ ގޮތުން ހުކުރު ދުވަހު ރޭ ބޭއްވި ޖަލްސާ ތެރެއިންނެވެ. މި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ހިޔާލު ފާޅުކުރުމަށް ހުއްދަ ދެވިފައިވާ ކޮންމެ ތަނެއްގައި ވެސް ހިޔާލުފާޅުކުރަންވީކަމަށާއި އެކަމަށް ސަރުކާރުން އަޅާވެސް ނުލާނެކަމަށެވެ. އެހެންނަމަވެސް، އެ ވާހަކަތަކާ ދިމާ އިދިކޮޅަށް، ސަރުކާރުގެ ސިޔާސަތަކަށް ފާޑުކިޔައި ހިޔާލުފާޅުކުރި ޒުވާނަކަށް ވަނީ ޖަލްސާގައި ހުރުމުގެ ފުރުސަތު ނުދީ ބޭރުކޮށްފައެވެ.

ރައީސް މުއިއްޒު ވެރިކަމަށް އައުމަށް ދެއްކެވި އެންމެ ބޮޑު އެއް ވާހަކައަކީ ”ވާނުވާ ބަންދު“ އުވާލުމެވެ. ވެރިކަމަށް އައުމަށްފަހު ވާނުވާ ބަންދުގައި އެއްވެސް މީހަކު ނުބަހައްޓާނެކަމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު އަދިވެސް އޮތީ އޮތްގޮތަށެވެ. އެކަމަށް ގޮވާލައި ޕޯސްޓަރު ހިފައިގެން ހުރި ޒުވާނާ ބޭރުކުރި މަންޒަރުން ފެނިގެންދަނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން ދޭ އިހްތިރާމް ކިހާވަރެއްކަމެވެ.

މިފަހުން ޖުމްހޫރީ ދުވަހު އޮތް ޖަލްސާގައި ވެސް ވާނުވާ ބަންދު އުވާނުލެވުމުން ރައީސް މުއިއްޒު ވަނީ ބަހަނާ ދައްކާ ޝަރުއީ ދާއިރާ ބޮލަށް ޖަހާފައިކަން ފާހަގަކޮށްލެވެއެވެ. ސަރުކާރުގެ ޖަލްސާއެއްގައި ސުލްހަވެރިކަމާއެކު ހިޔާލުފާޅުކުރި މީހަކު ބޭރުކުރި މި ވީޑިއޯ ދައުރުވުމާއެކު، ސަރުކާރުގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ ދައުވާތަކަށް ވަނީ ސުވާލު އުފެދިފައެވެ. ސަރުކާރުން ދަނީ އެމީހުންގެ ވައުދުތަކާ ހިލާފަށް އަމަލުކުރަމުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

👍 1❤️ 0🤗 0😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް