ޖުޑީސަރީގެ މުސާރައަށް އައި ބަދަލާ ގުޅިގެން ޝަރުޢީ ދާއިރާފެ މުވައްޒަފުން ތިބީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގައިކަމަށާއި، މާލޭގެ ކޯޓުތައް ހިމެނޭހެން އަތޮޅު ތެރޭގެ ހުރިހައި ކޯޓެއްގެ މުވައްޒަފުން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް މަޝްވަރާކުރަމުންދާ ކަމުގެ މަޢުލޫމާތު އަޅުގަނޑުމެނަށް ލިބިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއި އެއްގޮތަށް މުސާރަ ބޮޑުވާނެކަމުގެ އުންމީދުގައި ތިއްބާ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވުމުގެ ބަދަލުގައި ވީ ކުޑަ ކަމުގައިވެސް މަޢުލޫމާތު ލިބިފައިވެއެވެ.
“ ތިރީސް ސާޅީސް ނުވަތަ ފަންސާހަކަށް އަހަރު ޚިދުމަތްކުރި މުވައްޒަފުންނެކޭ އިއްޔެ މެންދުރު ޚިދުމަތްކުރި މުވައްޒަފުންނެކޭ މިވަނީ އެއްވަރު. ހެސްކިޔާފަ މަސައްކަތް ކުރީމަ މި ޖުމުލަ ލިބެނީ ބާރަ ވަރަކަށް ހާސް ރުފިޔާ”

އައު އޮނިގަނޑު ހެދުމުގައި ހޯދާފައިވާ ސެޓްފިކެޓަށާއި، ވަޒީފާ އަދާކުރި މުއްދަތަށާއި، ތަޖުރިބާއަށް ރިޢާޔަތްކޮށްފައި ނުވާކަމާއި، އެހެން ދާއިރާތަކުގައި އެދާއިރާއެއްގެ ފަންނީ މުވައްޒަފުންނަށް ރަނގަޅު ގޮތްތަކެއް އޮންނަ ކަމާއި، އެގޮތުން ތަޢުލީމީ ދާއިރާގައި ޓީޗަރުންގެ މުސާރައަށް ހެޔޮބަދަލު އައިސް ސިއްހީ ދާއިރާގައި ނަރުހުންގެ މުސާރައަށް ހެޔޮބަދަލު އައިސްފައިވާއިރު ޝަރުޢީ ދާއިރާގައި ލީގަލް އޮފިޝަރުންނާއި ޝަރީޢަތްކުރުމާއި ގުޅޭ މުވައްޒަފުންނަށް ވަކި ހާއްސަ ގޮތްތަކެއް ނެތްކަމުގެ ޝަކުވާވެސް އެފަރާތްތަކުން ކުރެއެވެ.
މިފަދަ އެތައް ކަންބޮޑުވުމެއް ހުރުމާއިއެކު މުޅިރާއްޖޭގެ ހުރިހައި ކޯޓެއްގެ މުވައްޒަފުން ހިމެނޭހެން މިމައްސަލައިގެ ކަންބޮޑުވުން ފާޅުކުރުމަށްޓަކައި ހަދާފައިވާ ވަޓްސްއަޕް ގުރޫޕެއްގައި މިކަމާ ގުޅިގެން ޝަރުޢީދާއިރާގެ އެކިފަންތީގެ ގިނަ މުވައްޒަފުންތަކެއް މަޝްވަރާކުރަމުން ގެންދާކަމަށާއި، އެގޮތުން މާލެއާއި އަތޮޅުތެރޭގެ ކޯޓުތަކުގެ މުވައްޒަފުން ކަނޑައެޅޭ ވަކި ދުވަސްތަކެއްގައި މަސައްކަތު ނުނިކުމެ ތިބެންވެސް މަޝްވަރާތަކުގައި ހުށަހަޅައި ގިނަ އަދަދެއްގެ ބައިވެރިންގެ ތާއީދު ލިބިފައިވާކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވެއެވެ.

