ދިވެހިންގެ ފަރާތުން ޣައްޒާގައި ކޭމްޕެއްބިނާކޮއްފި

    ދިވެހިންގެ ތެރޭގައިވެސް އިސްލާމީ އުންމަތުގެ ހައްގުގައި އަޑުއުފުލާ، އަދި އުންމަތައްޓަކައި ކޮއްދެވެން އޮތީ ކޮންކޮން ކަންތައްތަކެއްތޯބަލާ އެކަންކަމަށް މަސައްކަތްކުރާ މީހުން މަދުންނަމަވެސް އުޅެމުންދާކަމީ އުފާކުރަންޖެހޭ ކަމެކެވެ. އަދި މިފަދަ މަސައްކަތްތަކުގައި މިހާރު ޒުވާނުން ގިނަވަމުން އަންނަކަން ފާހަގަކޮއްލަމެވެ.

   އެގޮތުން މީގެ ދެމަސް ކުރިން ޓިކްޓޮކްގައި ހަރަކާތްތެރިވާ ޒުވާނުންތަކެއް އިސްނަގައިގެން ޓިކްޓޮކް ލައިވް އެއްގައި ކުއްލިގޮތަކަށް ކުރިޔަށްގެންދިޔަ ފަންޑުރައިސް ހަރަކާތަކުން 53000 ރުފިޔާ ހޯދިއެވެ. އެ ފައިސާ ވަގުތުން ހަވާލުކުރީ ޚިދުމަތް ޖަމިއްޔާއާއެވެ.

   ޚިދުމަތް ޖަމިއްޔާއަކީ ޣައްޒާގެ ގަތުލުއާމު ފެށުނުތަނާ ޣައްޒާގައި ދިވެހިންގެ ދީލަތި އެހީތެރިކަމާއެކު އިންސާނީ އެހީތެރިކަން ވޭތުވެދިޔަ ދެ އަހަރުދުވަހު މެދުކެނޑުމެއްނެތި ފޯރުކޮށްދީފައިވާ ޖަމިއްޔާއެކެވެ. ޚިދުމަތް ޖަމިއްޔާއާ މި ހަވާލުކުރެވުނު ފައިސާ 72 ގަޑިއިރުތެރޭގައި ޣައްޒާގައި ފެނާއި ކާބޯތަކެތި ބަހާއި އެ ލޮބުވެތި މުސްލިމުންގެ ތެރެއިން މަދު ބައެއްގެ ނަމަވެސް މޫނުމައްޗައް ހިނިތުންވުން ގެނުވިއެވެ.

    ޚިދުމަތް ޖަމިއްޔާގެ ބޭފުޅުން ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު މިހާ އަވަހާ މި ކޮއްދިން މަސައްކަތުގެ ވީޑިއޯތައް ފެނުމުން މިފައިސާ ހޯދުމަށް ޓިކްޓޮކްގައި މަސައްކަތް ކުރި ޒުވާނުންނަށް އާހިއްވަރެއްލިބި އެއަށްވުރެން ބޮޑު ހަރަކާތެއް ޣައްޒާގެ ރައްޔިތުންނަށް ޓަކައި ހިންގުމަށް އަޒުމް ކަނޑައެޅިއެވެ.

  އެގޮތުން “ ދިވެހިންގެ އެހީ ޣައްޒާއަށް“ ނަމުގައި މާލޭގައި ރެލީއެއް ބޭއްވިއެވެ. މިރެލީގައި ޚިދުމަތް ޖަމިއްޔާއާއި، ރޭސިން އެސޯސިއޭސަންއާއި ޓެކްސީ ކޮމިއުނިޓީ ބައިވެރިވިއެވެ. މާލޭ ރަސްފަންނުން ފެށި މި ރެލީ ނިންމާލީ ހުޅުމާލޭ ފޭސް ދެއެއްގެ ރުއްގަނޑު ތިނަކަށެވެ. އެޔައްފަހު ފަންޑުރައިސް އިވެންޓެއް ފެށިގެން އެރޭގެ ބާރަޖެހުމާ ހަމަޔަށް ކުރިޔަށްގެންދިޔައެވެ. މި ހަރަކާތް ނިންމާލިއިރު ތިން ލައްކައަށްވުރެން ގިނަ ރުފިޔާ ލިބުނެވެ. މިފަހަރުވެސް މި ފައިސާ ހަވާލުކުރީ ހިދުމަތް ޖަމިއްޔާއާއެވެ.

  މިފަހަރުވެސް ޚިދުމަތް ޖަމިޢްޔާއިން ވަނީ ޣައްޒާގެ ރައްޔިތުންނަށް ވަރަށް މުހިންމު، ބޮޑު މަސައްކަތެއް ކޮއްދީފައެވެ. މި ފަންޑުރެއިޒިންގް އިވެންޓް އިން ލިބުނު ފައިސާއިން ޣައްޒާގައި ފިނިމޫސުމުގައި ޙާލުގައި ޖެހިފައިވާ ޢާއިލާތަކަށް މިވަނީ ”ޝޭޚް އިބްރާހިމް ފަރީދު (رحمه الله) ކޭމްޕް“ ގެ ނަމުގައި ކޭމްޕެއް ބިނާކޮށްދެއްވާފައެވެ. މި ކޭންޕުގައި ވަނީ 30 ޓެންޓު ބިނާކޮށްފައެވެ. މީގެތެރެއިން 15 ޓެންޓަކީ “ ދިވެހިންގެ އެހީ ޣައްޒާއަށް“ މި ނަމުގައި ކުރިޔަށްގެންދިޔަ ހަރަކާތުން ލިބުނު ފައިސާއަށް ބިނާކުރި 10 މީހުންނަށް ތިބެވޭވަރުގެ ބޮޑެތި ޓެންޓު ތަކެކެވެ.

  ޣައްޒާއަށް މިހާރު ކުރިމަތިވަމުންދާ ގަދަވަޔާ ވިއްސާރަޔާއި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުން ދިރިއުޅޭ ކޭމްޕުތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންލިބިފައެވެ.

ގާތްގަނޑަކަށް 288,000 ޢާއިލާ ބޯހިޔާވަހިކަމެއް ނެތި ހާލުގައި ޖެހިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

22،000 ޓެންޓުވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

ޣައްޒާގެ ރައްޔިތުންނަށް އެންމެ އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި އަދިވެސް 300،000 ޓެންޓު ބޭނުންވެއެވެ.

މިކަމުގައި އެކިގޮތްގޮތުން އެހީތެރިވެދެއްވި އެންމެހާ ދިވެހި ރައްޔިތުންނަށް ﷲ ތަޢާލާ ހެޔޮޖަޒާ ދެއްވާށި!

👍 3❤️ 1🤗 0😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް