އިޒްރޭލުގެ އެތައްހާސް ބަޔަކު އިޒްރޭލު ދޫކޮށް ދާނެތަނެއް ހޯދަނީ

ޣައްޒާގައި އިޒްރޭލުން ގަތުލުއާމް ހިންގަން ފެށުމާއެކު އިޒްރޭލު ދޫކޮށް މީހުން އެހެން ގައުމުތަކަށް ވަނީ ބަދަލުވަން ފަށާފައެވެ. އޭގެތަރޭގައި ގިނައަދަދެއްގެ މުއްސަނދިން، އިންވެސްޓަރުން ހިމެނެއެވެ.

އިޒްރޭލު ދޫކޮށް އެތައްހާސް މީހުން ޕޯޗްގަލްގެ ރައްވެހިކަން ހޯދުމަށްއެދި ހުށައަޅަމުންދާ ކަމަށް ޓައިމްސް އޮފް އިޒްރޭލުގައި ރިޕޯޓްކޮށްފައިވެއެވެ.

އޮންލައިން ޕޯޓަލް މެދުވެރިކޮށް ރައްވެހިކަން ހޯދުމަށް ހުށައެޅުމަށް މައްސަލަތަކެއް ކުރިމަތިވުމުން، ޓެލް އަވީވްގައި ހުންނަ ޕޯޗުގަލް އެމްބަސީ ކުރިމަތީގައި އެތައްހާސް ބަޔަކު އިއްޔެވަނީ ދިގު ސަފުތަކެއް ހަދާފައެވެ.

ޓައިމްސް އޮފް އިޒްރޭލުގައި ބުނެފައިވާ ގޮތުގައި ފޯމު ހުށައެޅުމަށް ހެނދުނުން ފެށިގެން އެމްބަސީ ކުރިމަތީގައި ވަނީ ދިގު ލައިންތައް ހަދާފައެވެ.

އެޕޮއިންޓްމަންޓް ހޯދުމަށްއެދި އެމްބަސީގެ އެންޓްރެންސް އިން ފެށިގެން ބިމުގެ އަޑީގައިވާ ޕާކިން އޭރިއާ ހަމައަށް ވަނީ ލައިންތައް ހަދާފަ ހަދާފައެވެ. ސަބަބަކީ އޮންލައިން ބުކިން ސިސްޓަމްގައި މައްސަލަތަކެއްޖެހުނީއެވެ.

ގިނައަދަދެއްގެ މީހުން އިޒްރޭލުދޫކޮށް ހިޖްރަ ކުރަމުންދާތީ އިޒްރޭލުގެ އާބާދީ އިތުރުކުރާނެ ގޮތެއް ހޯދުމަށް އިޒްރޭލުގެ ސަރުކާރުން ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

އެގޮތުން އިންޑިއާގައި ދިރިއުޅޭ ޔަހޫދީ ދަރިކޮޅުގެ މީހުން އިޒްރޭލަށް ގެންދިއުމުގެ ޕްލޭނެއް އިޒްރޭލުގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އިންޑިއާގައި ދިރިއުޅޭ ބަނޭއީ މެނާޝޭ ކިޔާ ޔަހޫދީ ދަރިކޮޅުގެ މީހުންގެ ތެރެއިން 5000 އަށް ވުރެން ގިނަ މީހުން މިހާރުވެސް އިންޑިއާދޫކޮށް އިޒްރޭލަށް ހިޖްރަކޮށްފައިވެއެވެ. އިންޑިއާގައި ބަނޭއީ މެނާޝޭ ދަރިކޮޅުގެ 10000 އަށް ވުރެން ގިނަމީހުންގެ އާބާދީއެއް އޮވެއެވެ.

އިންޑިއާގައި ދިރިއުޅޭ ބަނޭއީ މެނާޝޭ ޔަހޫދީ ޖަމާއަތުގެ 1،200 މީހުން 2026 ވަނަ އަހަރުގެ ނިޔަލަށް އިޒްރޭލަށް ގެންދިއުމަށް ނިރުބަވެރި އިޒްރޭލުން އުސޫލެއް ވަނީ ފާސްކޮށްފައެވެ.

2030 ވަނަ އަހަރުގެ ނިޔަލަށް އެޖަމާޢަތުގެ އިތުރު 5،800 ޔަހޫދީން އިޒްރޭލުގައި ވަޒަންވެރި ކުރުވަން ކަނޑައަޅާފައިވާ ކަމަށް ޓައިމްސް އޮފް އިޒްރޭލުން ވަނީ ރިޕޯޓްކޮށްފައެވެ.

ހަމާސްއާ ދެކޮޅަށް ކަމަށްބުނެ އިޒްރޭލުން ފެށި ހަނގުރާމައިގެ ސަބަބުން އިޒްރޭލުދޫކޮށް ދުނިޔޭގެ އެކި އެކި ގައުމުތަކަށްދާ މީހުންވަނީ ގިނަވެފައެވެ. 2023 ވަނަ އަހަރުގެ ފެބުރުއަރީ 7 ން ފެށިގެން މިހާތަނަށް 83 ހާސް ޔަހޫދީން އިޒްރޭލު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކޮށްފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ. މިއަދަދު މިއަށްވުރެ މާބޮޑަށް އިތުރުވާނެ ކަމަށް އިޒްރޭލުގެ މީޑިއާތަކުން ވަނީ ފާަހަގަކޮށްފައެވެ. ނަމަވެސް އިޒްރޭލުގެ އާބާދީ މިއަހަރުގެ ނިޔަލަށް 10.10 މިލިޔަނަށް އަރާނެކަމަށް އިޒްރޭލުގެ ކަމާބެހޭ އިދާރާއިން ހާމަކުރެއެވެ.

👍 4❤️ 0🤗 0😂 2😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް