ދުވަހެއް ދުވަހަކަށް ޓެކްނޮލޮޖީ މިއަންނަނީ ތަޢުލީމީ ދުނިޔެ ބަދަލުކުރަމުންނެވެ. މުދައްރިސުންނަށް ލުއިފަސޭހަ ގޮތްތަކާއި، ވަގުތު ސަލާމަތްކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެމުންނެވެ. ދަރިވަރުން އުނގެނުމަށް ލުއިފަސޭހަކަން ގެނުވައިދޭނެ އެންމެހާ ކަންކަން ފަހިކޮށްދެމުންނެވެ. މިޒަމާނުގެ މިފަދަ އީޖާދުތަކުގެ ތެރެއިން، މައުލޫމާތުތައް އިންތިޒާމުކުރުމަށާއި، މުހިންމު ވާހަކަތައް ކުރުކޮށްދިނުމަށާއި، އަދި މުދައްރިސަކު ދޭ ކޮންމެ މެޓީރިއަލަކުން ސާފުކޮށް ތަފްސީލުތައް އުފެއްދުމަށް ޚާއްސަކޮށް ފަރުމާކުރެވިފައިވާ އެންމެ އަގުހުރި އޭއައި (AI) ވަސީލަތްތަކުގެ ތެރޭއިން ނޯޓްބުކްއެލްއެމް (NotebookLM) ފާހަގަކޮށްލެވޭ ޕްލެޓްފޯމެކެވެ. އޭގެ ސަބަބުން އޮޅުންބޮޅުން ބޮޑު ލިޔުންތައް ފަސޭހަކަމާއިއެކު ކިޔެވުމުގެ ވަސީލަތްތަކަކަށް ބަދަލުކޮށްލުމުގެ ގާބިލުކަން ލިބިފައިވާއިވެއެވެ. މިއީ މިއަދުގެ ކްލާސްރޫމްތަކަށް ވަރަށް މުހިންމު އެއްޗެކެވެ.
ނޯޓްބުކްއެލްއެމްގެ މުހިންމުކަން ފުރަތަމަ ބިނާވެފައިވަނީ މުދައްރިސުން ތައްޔާރުވުމަށް ހޭދަކުރާ ވަގުތު ބޮޑުތަނުން ކުޑަކޮށްލުމުގެ ގާބިލުކަމުގެ މައްޗަށެވެ. މުދައްރިސުން ގިނަ ފަހަރަށް ކުރު ޚުލާސާތަކާއި، ނޯޓްތަކާއި، ވޯކްޝީޓްތަކާއި، އަދި އިމްތިހާނަށް ތައްޔާރުވުމުގެ މެޓީރިއަލްތައް އަތުން ތައްޔާރުކުރެއެވެ. މިކަމަށް ކޮންމެ ހަފްތާއަކުވެސް ގިނަ ގަޑިތަކެއް ހޭދަވެއެވެ. ނޯޓްބުކްއެލްއެމްއިން މި މަސައްކަތުގެ ބޮޑު ބައެއް އޮޓޮމޭޓްކޮށްލައެވެ. އެގޮތުން ފޮތްތަކުންނާއި، ޕީޑީއެފްތަކުންނާއި، ނުވަތަ ލެކްޗަރ ނޯޓްތަކުން ވަގުތުން ޚުލާސާތަކާއި، ލެސަންގެ އޮނިގަނޑުތަކާއި، ގްލޮސަރީތަކާއި، އަދި ސާދާކޮށް ތަފްސީލުތައް އުފައްދައިދެއެވެ. މިއީ މުދައްރިސުންނަށް އެންމެ މުހިންމު ކަމެއް ކަމުގައިވާ ދަރިވަރުންނާ ގުޅުން ބަދަހިކުރުމަށާއި، ލެސަންތައް ދިނުމަށާއި، އަދި ކޮންމެ ދަރިވަރެއްގެ ޚާއްސަ ބޭނުންތަކަށް އެހީތެރިވުމަށް އިތުރު ވަގުތު ހޯދައިދޭ ކަމެކެވެ.
ނޯޓްބުކްއެލްއެމްގެ އަނެއް މުހިންމު ފައިދާއަކީ ޕަރސަނަލައިޒްޑް ލާނިންގ ( ކޮންމެ ދަރިވަރަކަށް ޚާއްސަކުރެވިފައިވާ ކިޔެވުން) އަށް އެހީތެރިވުމުގެ ގާބިލުކަން ލިބިފައިވުމެވެ. ކޮންމެ ދަރިވަރަކުވެސް ކިޔަވައި އުނގެނެނީ ތަފާތު ގޮތަކަށެވެ. އަދި މުދައްރިސުންނަށް ގިނަ ފަހަރަށް ތަފާތު ފެންވަރުގެ ދަރިވަރުންނަށް މެޓީރިއަލްތައް ބަދަލުކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. މުދައްރިސުންގެ ކިޔަވައިދިނުމުގެ ވަސީލަތްތައް އަޕްލޯޑްކުރުމަށްފަހު، ނޯޓްބުކްއެލްއެމް ބޭނުންކޮށްގެން ކްލާހަށް ޚާއްސަކުރެވިފައިވާ ސުވާލުތަކާއި، ޕްރެކްޓިސް ކުއިޒްތަކާއި، އަދި ތަފާތުކުރެވިފައިވާ ތަފްސީލުތައް އުފެއްދިދާނެއެވެ. މީގެ ސަބަބުން ނާޒުކު ދަރިވަރުންނަށް ސާދާ، ސާފު ނޯޓްތައް ލިބޭއިރު، ކުރިއަރާފައިވާ ދަރިވަރުންނަށް އިތުރު ތަފްސީލުތަކާއި އަދި ފުން ހިޔާލުތައް ލިބިގެންދެއެވެ. މިއީ މުދައްރިސަކު އެތައް ސެޓެއްގެ މެޓީރިއަލް ތައްޔާރުކުރަން ނުޖެހި ފަސޭހަކަމައިއެކު އެކަން ކުރެވިދާނެ ގޮތެކެވެ.

މީގެ އިތުރުން، ނޯޓްބުކްއެލްއެމްއިން އުނދަގޫ މައުޟޫތައް ދަރިވަރުންނަށް ދެނެގަތުން ފަސޭހަކޮށްދެއެވެ. ސައިންސް، އަދަބިއްޔާތު، ނުވަތަ ތާރީޚުގެ އޮޅުންބޮޅުން ބޮޑު މައުޟޫތައް މި ވަސީލަތުން ބައިބަޔަށް ބަހާލައިގެން، މުދައްރިސުގެ މަންހަޖާ ގުޅޭގޮތަށް ތަފްސީލުތަކާއި، މިސާލުތަކާއި، އަދި އެނަލޮޖީތައް (އެއްގޮތްކުރުންތައް) އުފައްދައިދެއެވެ. މީގެ ސަބަބުން ލެސަންތައް ލިބިގަތުން ފަސޭހަވުމުގެ އިތުރުން، ދަރިވަރުންނަށް އަމިއްލައަށް މުރާޖަޢާކުރުމަށްވެސް އެހީތެރިވެދެއެވެ. މުދައްރިސުންނަށް އިންޓަރެކްޓިވް ނޯޓްބުކްތައް އުފެއްދިދާނެއެވެ. އެއީ ދަރިވަރުންނަށް ސުވާލުކުރުމަށާއި، އެމީހުންގެ ދެނެގަތުން ޗެކްކުރުމަށާއި، އަދި ގުޅުންހުރި ކޮންސެޕްޓްތައް އަމިއްލައަށް ހޯދައި ބެލުމަށް މަގުފަހިކޮށްދޭނެއެވެ. މިކަމުގެ ސަބަބުން އަމިއްލަ އިތުބާރު ބިނާކުރުމުގެ އިތުރުން، އަމިއްލައަށް ކިޔަވައި އުނގެނުމުގެ ސަގާފަތެއް ކުރިއަރުވައެވެ. ނޯޓްބޫލްއެލްއެމްގައި ދަރިވަރުން އެދަރިވަރަކާއި އެކަށީގެން ވާ ގޮތަށް ލިޔުންތަކުން މައިންޑްމެޕްއެއް ތައްޔާރުކޮށް ފިލާވަޅުތަށް ފަސޭހައިން ދަސްކުރެވޭނެ މަގުފަހިވެފައިވެއެވެ.
ނޯޓްބުކްއެލްއެމްއަކީ ރިސާޗް (ދިރާސާ) އާއި ޕްރޮޖެކްޓް ބޭސްޑް ލާނިންގ (ޕްރޮޖެކްޓްތަކަށް ބިނާކޮށް ކިޔެވުން) ގައިވެސް ވަރަށް އަގުހުރި ވަސީލަތެކެވެ. މުދައްރިސުން ގިނަ ފަހަރަށް ދަރިވަރުންނަށް ތަހުގީގުތަކާއި، އެސައިންމަންޓްތަކާއި، އަދި ރިޕޯޓްތައް ހެދުމުގައި އިރުޝާދުދެއެވެ. މިކަންކަމަށް މައުލޫމާތު ޚުލާސާކުރުމާއި، އޮނިގަނޑުތައް ރާވައި، އަދި ރިސާޗްގެ މަސްދަރުތައް އިންތިޒާމުކުރުން ބޭނުންވެއެވެ. ނޯޓްބުކްއެލްއެމްއިން ރިސާޗް މެޓީރިއަލްތައް އަވަހަށް އެނަލައިޒްކޮށް އޮނިގަނޑުކޮށްދެއެވެ. މީގެ ސަބަބުން މުދައްރިސުންނާއި ދަރިވަރުންނަށްވެސް އިތުރަށް އެފިޝިއެންޓްކޮށް މަސައްކަތްކުރުމަށް އެހީތެރިވެދެއެވެ. މުދައްރިސުންނަށް މައުލޫމާތު އަތުން އެއްކުރުމަށް ގިނަ ވަގުތު ހޭދަކުރުމަކާ ނުލައި، ސާފު އިރުޝާދާއި ރަނގަޅަށް އިންތިޒާމުކުރެވިފައިވާ ކޮންޓެންޓް ފޯރުކޮށްދެވޭނެއެވެ.
މިފަދަ ފަސޭހަތަކާއި އެކުވެސް، އަދިވެސް ގިނަ މުދައްރިސުން ނޯޓްބުކްއެލްއެމް ފަދަ ޕްލެޓްފޯމްތަކަށް އަހުލުވެރި ނުވަނީ ކީއްވެހެއްޔެވެ. މިފަދަ ޓޫލްތައް ތަޖުރިބާ ކުރުމަށް ޝަޢުގުވެރި ނުވަނީ ކީއްވެހެއްޔެވެ. ސަބަބަކީ މި ޕްލެޓްފޯމް ނުވަތަ މި ޓޫލްއަކީ ފަހުގެ ވަސީލަތަކަށް ވުން ކަމުގައި ވެސް ވެދާނެއެވެ. އަދި މިޓޫލް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގައްޔާއި ސްކޫލް ތަމްރީނުތަކުގައި ފުޅާ ދާއިރާއެއްގައި ތަޢާރަފުކުރެވިފައި ނުވާތީކަމުގައި ވެސް ވެދާނެއެވެ. މުދައްރިސުންނަށް މިހާރުވެސް އެތައް ޑިޖިޓަލް ޕްލެޓްފޯމްތަކެއް (މިސާލަކަށް: ލާނިންގ މެނޭޖްމަންޓް ސިސްޓަމްތައް، ގްރޭޑްކުރާ ސޮފްޓްވެއަރ، އަދި ކޮމިއުނިކޭޝަން އެޕްތައް) ބޭނުންކުރަން ޖެހުމުގެ ސަބަބުން ބުރަވެފައިވާތީ، އަމިއްލައަށް އާ ވަސީލަތްތައް ދިރާސާކުރުމަށް ލިބޭ ވަގުތު ނުހަނު ކުޑައެވެ. މީގެ އިތުރުން، ބައެއް މުދައްރިސުންނަށް ކްލާސްރޫމްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އަދާކުރާނެ ދައުރާ މެދު އަދިވެސް ޔަޤީންކަމެއް ނެތުމުގެ ސަބަބުން، NotebookLM ފަދަ އޭ.އައި. ބޭސްޑް ވަސީލަތްތައް ބޭނުންކުރުމަށް ފަސްޖެހެއެވެ.
ނިންމުމެއްގެ ގޮތުގައި ދަންނަވާނަމަ، NotebookLM ގައި ވަގުތު ސަލާމަތްކުރުމާއި، ޕަރސަނަލައިޒްޑް ތަޢުލީމަށް އެހީތެރިވުމާއި، ދޭހަވުން އިތުރުކުރުމާއި، ދިރާސާގެ މަސައްކަތްތައް ފަސޭހަކުރުމުގެ ޒަރީޢާއިން ކިޔަވައިދިނުމާއި އުނގެނުމަށް ބޮޑު ބަދަލެއް ގެނައުމުގެ ޤާބިލުކަން ލިބިގެންވެއެވެ. މިއީ އަލަށް ނެރެފައިވާ ވަސީލަތަކަށް ވުމާއި، ސްކޫލް ތަމްރީނުތަކުގައި މާބޮޑަށް ތަޢާރަފުކުރެވިފައި ނުވާތީ ގިނަ މުދައްރިސުންނަށް އަދިވެސް މިކަން އެނގިފައި ނެތް ނަމަވެސް، މިޒަމާނުގެ ތަޢުލީމުގައި އޭގެ މުހިންމުކަމާއި މެދު ދެބަސްވެވޭކަށް ނެތެވެ. މުދައްރިސުން މަޑުމަޑުން NotebookLM ދިރާސާކޮށް ބޭނުންކުރަން ފެށުމުން، މި ވަސީލަތް ވާނީ އަސާސީ، އެކަށީގެންވާ، އަދި ދަރިވަރުންނަށް އަމާޒުކުރެވިފައިވާ ކިޔަވައިދިނުމުގެ މުހިންމު އުފެއްދުމެއް ކަމުގައެވެ.

