ފޭކް ލިންކްތައް ދެނެގަންނާނީ ކިހިނެއް

މިއަދުގެ ޑިޖިޓަލް ދުނިޔޭގައި، ގާތްގަނޑަކަށް ކޮންމެ މީހަކުވެސް މުޢާމަލާތްކުރުމަށާއި، ވިޔަފާރިކުރުމަށާއި، ބޭންކިންގއަށާއި، މަޖާކުރުމަށް އިންޓަރނެޓް ބޭނުންކުރެއެވެ. މިކަމުގެ ސަބަބުން، ސައިބަރ ކުށްވެރިން (ވަގުން) ވަނީ މީހުންގެ އަމިއްލަ މަޢުލޫމާތު ހިއްސާކުރުމަށް، ނުވަތަ ގެއްލުންދެނިވި ސޮފްޓްވެއަރ ޑައުންލޯޑްކުރުމަށް، ނުވަތަ މީހުންގެ ހުއްދަނެތި އެމީހުންގެ އެކައުންޓްތަކަށް ވަނުމަށް މީހުން ހައްލާލުމަށްޓަކައި ފޭކް ލިންކްތައް އުފެއްދުމުގައި އިހުނަށްވުރެ ގަދަޔަށް ހަރަކާތްތެރި ވާންފަށާފައެވެ. ފޭކް ލިންކްތައް ދެނެގަތުމަކީ މުހިންމު ޑިޖިޓަލް ހުނަރެކެވެ. އަދި ކޮންމެ މީހަކުވެސް ދަރިވަރުން، މުދައްރިސުން، ވިޔަފާރިވެރިން، އަދި އިންޓަރނެޓް ބޭނުންކުރާ އެންމެން ވެސް މިކަން ދެނެގަންނާނެ ގޮތް ދަސްކުރަންޖެހެއެވެ. މި ބަޔާންކުރަނީ ފޭކް ލިންކްތަކުގެ އާންމު ނިޝާންތަކާއި، ނުރައްކާ ވަނީ ކީއްވެގެންކަމާއި، އަދި އޮންލައިން ސްކޭމްތަކުން މީހުންނަށް ރައްކާތެރިވެވޭނެ ގޮތްތަކެވެ.

ފޭކް ލިންކްތައް ދެނެގަތުމުގެ އެންމެ ފަސޭހަ އެއް ގޮތަކީ ޔޫ.އާރ.އެލް (URL) ރަނގަޅަށް ބެލުމެވެ. ސްކޭމްކުރާ މީހުން ގިނައިން ހަދަނީ ހަޤީޤީ ވެބްސައިޓްތަކާ އެއްގޮތް ވެބްޕޭޖްތަކެވެ. ނަމަވެސް އެޕޭޖްތަކުގެ (URL) އާންމުކޮށް ހުންނަނީ އަކުރެއް ބަދަލުކޮށްލާފައެވެ. ނުވަތަ އާދަޔާ ޚިލާފު އަކުރުތަކެއް ވެސް ފެންނަން ހުރެދާނެއެވެ. މިސާލަކަށް، “faceb00k.com” ގައި “o” އަކުރުގެ ބަދަލުގައި ބޭނުންކޮށްފައިވަނީ ސުމެއް (0) އެވެ. އަވަސް ކަޅިއަކުން ބަލާއިރު މިބަދަލުތައް ފާހަގަވާން ދަތިވެދާނެއެވެ. ފޭކް ލިންކްތަކުގައި “secure-login” ނުވަތަ “verify-now” ފަދަ އިތުރު ބަސްތައްވެސް ހިމެނިފައި ހުންނާނެއެވެ. މިފަދަ ބަސްތައް ރަސްމީ ވެބްސައިޓްތަކުގައި އާންމުކޮށް ބޭނުމެއް ނުކުރާނެއެވެ. އެހެންކަމުން، ލިންކެއްގެ އިމްލާއާއި އޮނިގަނޑު ބެލުމަކީ ފޭކް (URL) އެއް ދެނެގަތުމުގެ ފުރަތަމަ ފިޔަވަޅެވެ.

ދެން އޮތް މުހިންމު ފިޔަވަޅަކީ ލިންކަށް ކްލިކްކުރުމުގެ ކުރިން އެއަށް މައުސް ޕޮއިންޓަރ ހޯވަރ ކޮށްލުމެވެ. ކޮމްޕިއުޓަރެއްގައި ނަމަ، މައުސް ޕޮއިންޓަރ ލިންކެއްގެ މައްޗަށް ގެންދިއުމުން ސްކްރީނުގެ ތިރީގައި (URL) ރިޑައިރެކްޓް ކުރާނެ ހަޤީޤީ މަންޒިލު ފެންނާނެއެވެ. ޓެކްސްޓުގައި ދައްކާފައިވާ ލިންކާ ތަފާތު ލިންކެއް ފެނިއްޖެނަމަ، އެއީ ފޭކް ލިންކެއްގެ ނިޝާނެކެވެ. ސްމާޓްފޯނުތަކުގައި، ލިންކެއްގައި ހިފަހައްޓާލުމުން ޔޫ.އާރ.އެލްގެ ޕްރިވިއުއެއް ފެންނާނެއެވެ. މިފަދަ އާދައިގެ ކަންތައްތަކުން ސިއްރު ނުވަތަ ޝައްކުކުރެވޭ ވެބްސައިޓްތަކަށް ކްލިކްކުރުމުން މީހުންނަށް ރައްކާތެރިވުމަށް އެހީތެރިވެދެއެވެ.

ސެކިއުރިޓީ ރަނގަޅު ވެބްސައިޓްތަކުގައި އާންމުކޮށް ބޭނުންކުރަނީ “HTTP” ގެ ބަދަލުގައި “HTTPS” އެވެ. “S” އަކީ “ސެކިއުއަރ” (ރައްކާތެރި) ގެ ރަމްޒެވެ. މާނައަކީ ޔޫޒަރާއި ވެބްސައިޓާ ދެމެދު ހިއްސާކުރާ މަޢުލޫމާތު އެންކްރިޕްޓް ކުރެވިފައިވާ ކަމެވެ. ނަމަވެސް ހަނދާން ކުރަންވި ކަމަކީ ހުރިހާ HTTPS ސައިޓްތަކެއް ރައްކާތެރި ނުވާނެކަމެވެ. HTTPS ނެތް ވެބްސައިޓެއް ޚާއްޞަކޮށް ބޭންކިންގ ނުވަތަ ލޮގިން ޕޭޖްތެއް ކަމުގައި ވާނަމަ އެއީ އިންޒާރެކެވެ. ފޭކް ވެބްސައިޓްތަކުގައި އާދައިގެ އަކުރުތަކެއްހެން ހީވާ ޚާއްޞަ އަކުރުތަކެއް ނުވަތަ ރަމްޒުތަކެއްވެސް ބޭނުންކޮށްފާނެއެވެ. މިކަމަށް ކިޔަނީ Punycode އެވެ. މި އަކުރުތަކުގެ ސަބަބުން ފޭކް ވެބްސައިޓް ފުރަތަމަ ނަޒަރުގައި ހަޤީޤީ އެއްޗެއްހެން ހީވުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން ވަރަށް ބޮޑަށް ސަމާލުކަން ދިނުން މުހިންމެވެ.

ގިނަ ސްކޭމްކުރާ މީހުން “bit.ly” ނުވަތަ “tinyurl” ފަދަ ކުރުކުރެވިފައިވާ ލިންކްތައް ބޭނުންކުރަނީ ވެބްސައިޓްގެ ހަޤީޤީ އެޑްރެސް ވަންހަނާކުރުމަށެވެ. މި ކުރު ލިންކްތައް ރަނގަޅު މަޤްސަދުތަކަށް ވެސް ބޭނުންކުރެވިދާނެއެވެ. ނަމަވެސް، ސްކޭމްތަކުގައި މިގޮތަށް އާންމުކޮށް ބޭނުންކުރެއެވެ. ކްލިކްކުރުމުގެ ކުރިން، ޔޫޒަރުންނަށް CheckShortURL ނުވަތަ Unshorten.it ފަދަ އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން މި ލިންކްތައް ޕްރިވިއުކޮށްލެވިދާނެއެވެ. މީގެ އިތުރުން، ފޭކް ލިންކްތައް ގިނައިން ފޮނުވަނީ “ތިބާގެ އެކައުންޓް މިއަދު ބަންދުކުރެވޭނެ!” ނުވަތަ “ތިބާއަށް އިނާމެއް ލިބިއްޖެ!” ފަދަ އަވަސް ނުވަތަ ޖަޒުބާތީ މެސެޖްތަކާއެކުގައެވެ. މައިގަނޑު މަޤްސަދަކީ ވިސްނާނުލާ އަވަހަށް ލިންކަށް ކްލިކްކުރުމަށް ޔޫޒަރަށް ބާރު އެޅުމެވެ. މިފަދަ ނަފްސާނީ ހީލަތްތައް ދެނެގަތުމުން މީހުންނަށް ހަމަޖެހިގެން ތިބެ، ސްކޭމްތަކުގެ ޝިކާރައަކަށް ވުމުން ރައްކާތެރިވުމަށް އެހީތެރިވެދެއެވ

މިފަދަ ލިންކްތައް ޔަގީންކުރުމަށް އޮންލައިން ސަލާމަތީ ވަސީލަތްތައް ބޭނުންކުރުމަކީ އިތުރު ރައްކާތެރިކަމެކެވެ. Google Safe Browsing، Norton Safe Web، އަދި VirusTotal ފަދަ ވެބްސައިޓްތަކުން ޔޫޒަރުންނަށް ލިންކެއް ޕޭސްޓްކޮށް އެއީ ރައްކާތެރި ލިންކެއްތޯ ބެލުމުގެ ފުރުސަތު ލިބިދެއެވެ. އީމެއިލް ފޮނުވާ ފަރާތްތަކުގެ އެޑްރެސްތައްވެސް ރަނގަޅަށް ބަލަންޖެހެއެވެ. ސަބަބަކީ ސްކޭމަރުން ބައެއް ފަހަރު ރަސްމީ ކުންފުނިތަކުގެ ގޮތުގައި ހެދިގެން އުޅޭއިރު، އެމީހުން ބޭނުންކުރަނީ އާދަޔާ ޚިލާފު ނުވަތަ ޝައްކުކުރެވޭ އީމެއިލް ޑޮމެއިންތަކެވެ. މިސާލަކަށް support.apple.secure@gmail.com mailto:support.apple.secure@gmail.com

އިން އައިސްފައިވާ އީމެއިލްއެއް ނަމަ ޔަގީނުން ވެސް އެއީ ފޭކް އީމެއިލްއެކެވެ. ސަބަބަކީ ހަގީގީ ކުންފުނިތަކުން ރަސްމީ މުޢާމަލާތްތަކަށް ހިލޭ ލިބޭ އީމެއިލް ޑޮމެއިންތައް ބޭނުމެއް ނުކުރާނެއެވެ.

ފޭކް ލިންކްތައް ދެނެގަތުމަކީ ޑިޖިޓަލް ސަލާމަތަށްޓަކައި ވަރަށް މުހިންމު ހުނަރެއް ކަމަށެވެ. ސައިބަރ ސްކޭމްތައް ކޮންމެ އަހަރަކު އިތުރުވަމުންދާތީ، ކޮންމެ މީހަކުވެސް އޮންލައިންކޮށް ރައްކާތެރިވާނެ ގޮތް ދަސްކުރަންޖެހެއެވެ. ޔޫ.އާރ.އެލް (URL) ގައިވާ ސްޕެލިންގ ގޯސްތައް ބެލުމާއި، ކްލިކްކުރުމުގެ ކުރިން ލިންކްތަކުގެ މަތީގައި މައުސް ޕޮއިންޓަރ ހިފެހެއްޓުމާއި، އެޗް.ޓީ.ޓީ.ޕީ.އެސް (HTTPS) އަށް ބެލުމާއި، ކުރު ލިންކްތަކަށް ސަމާލުވުމާއި، އަދި އަވަސް ނުވަތަ ޖަޒުބާތީ މެސެޖްތައް ދެނެގަތުމުގެ ސަބަބުން، އޮންލައިން ފަންދުތަކުގައި ޖެހުމުގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަކުރެވޭނެއެވެ. ހޭލުންތެރިކަމާއި ސެކިއުރިޓީ ވަސީލަތްތައް ބޭނުންކުރުން އެއްކޮށްލުމުން ފޭކް ލިންކްތަކުން ރައްކާތެރިވުމަށް ވަރުގަދަ ދިފާޢެއް ޤާއިމުކުރެވޭނެއެވެ. ސަމާލުވެ ތިބުމާއި، ކެތްތެރިވުމާއި، އަދި ކްލިކްކުރުމުގެ ކުރިން ވިސްނާލުމަކީ އިންޓަނެޓްގައި ރައްކާތެރިކަމާއެކު ދެމިތިބުމުގެ އެންމެ ވަރުގަދަ ގޮތްތަކެވެ.

👍 1❤️ 0🤗 0😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް