ތަނެއް އިސްލާހު ކުރެވޭނީ ހަރުދަނާ މީހަކަށް

ތަނެއް ތަނަކަށް ވެގެން ދަނީ ހަމަ ހުރެފައެއް ނޫނެވެ. މީހަކަށް ވާފަދަ ހަރުދަނާ މީހެއްގެ ރޭވުންތެރިކަމާއި  ނުހަނު ބުރަ މަސައްކަތުންނެވެ. ގެއެއް، އޮފީހެއްނުވަތަ ސުކޫލެއް ކަމުގައި ވިޔަސްމެއެވެ. ޖަމިއްޔާ ޖަމާއަތެއް ކަމުގައި ވިޔަސްމެއެވެ. އަމުދުން ކަންކަން ބޮއްސުންލާފައި އޮތް ތަނެއް ނަމަ އެތަނެއްރަނގަޅު ކުރުމަށް ނިކަން ހަރުދަނާ، ރޭވުންތެރި، ކަމަށް ޤަބިލު މީހަކު ބޭނުންވެއެވެ. އެއްވެސް މީހަކު މިކަމާއި ދެބަސް ނުވާނެކަމުގައި ޔަގީންކުރަމެވެ.

ސިޔާސީ އިސްމަގާމުތަކަށް އިންތިހާބުވާ މީހުންނަކީ ފިސާރި ހަރުދަނާ ބަޔަކަށް ވާން ޖެހޭނެއެވެ. ދުނިޔެއަށް ލޯހުޅުވިފައިވާ ހޭލުންތެރި ބަޔަކަށް ވާންޖެހޭނެއެވެ. ތައުލީމީ، ޤާބިލު މީހަކަށް ވާންޖެހޭނެއެވެ. ގުޅުންހުރި މަސައްކަތްތައް ހިނގާގޮތް ދަންނަ  ރޭވުންތެރި މީހަކު ކަމުގައި ވެސް ވާން ޖެހޭނެއެވެ. އިންތިހާބުގައި ވާދަކުރަން އިޢުލާނު ކުރުމުން ކޮފީ މޭޒުދަށުގައި އިނދެ ނަންނޯޓް ކުރާ އުސޫލު ހުއްޓުމަކަށް ގެންނަން ވެއްޖެއެވެ. އެންމެހައިރަތްޔިތުންނާއި ގުޅިފައި އޮންނަ މިފަދަ މަގާމުތަކަށް ނިކުންނަ މީހާ މިކަމާއި ވިސްނަން ޖެހޭނެއެވެ. އެންމެ މުހިންމު ކަމަކީ ރައްޔިތު މީހާ މިފަދަ ކަންކަމާއި މެދު ވިސްނާ ފިކުރުކުރުމެވެ. ގާތްމީހާ ހޮވުމެގެ  ބަދަލުގައި ގާބިލު މީހާ ހޮވާން މަސައްކަތް ކުރުމެވެ. އަމިއްލަ އެދުން އެއްފަރާތްކޮށް މަސްލަހަތުއިސްކުރުމެވެ. ބިނާކުރަނިވި ރޮނގުތަކުން ފިކުރު ހިންގައި އެންމެން އެއް ވިސްނުމަކަށް ވިސްނުމެވެ.

ރައްޔިތުންގެ ޝަކުވާތަކަކަށް ނިމުމެއް ނާދެއެވެ. އިންތިހާބު ނިމުމާއި އެކު ލަސްތަކެއް ނުވެ ފެންނަ މަންޒަރަކީ، ތާޢީދު ކުރި ކެންޑިޓޭޓަށް ހަޅޭލަވާމަންޒަރެވެ. ކަންކަން ނުވާވާހަކަ އާއި އަޅާނުލާ ވާހަކައެވެ. މިއީ ނޭނގުމެއްގެ ތެރެއިން ނިކުންނަ ނަތީޖާއެއް ނޫނެވެ. މިކަން ދިމާވާން ކުރިމަތިވާ އެންމެބޮޑުއެއް ސަބަބަކީ، އިންތިހާބީ ދުވަސްވަރު ކެމްޕޭނު ކުރުމުގައްޔާއި، ވޯޓުދިނުމުގައި ހެދޭ ގޯސްތަކެކެވެ. ރަށުގެ މަސްލަހަތު އެއްފަރާތްކޮށް އަމިއްލަ ފައިދާއަށް މަސައްކަތް ކުރެވުމެވެ. ޤާބިލު މީހާ ދޫކޮށް ގާތްމީހާއަށް ވޯޓުދޭން ވެވޭ ބައިބާވެގަތުމެވެ. ރައްޔިތުންގެ ވިސްނުން ބަދަލުވެއްޖެ ނަމަ ރަށް ތަރައްޤީވުމަކީ ދުރުކަމެއް ނޫނެވެ. ރައްޔިތުން އެދޭ އަދި ދެކެން ބޭނުންވާ ތަރައްޤީ ނުފެންނަނީ ސަބަބެއްނެތިއެއް ނޫނެވެ.

ގިނަ ކައުންސިލްތަކަށް ބަލާލާއިރު، އެކަށީގެންވާ ވަރަށް ތަޢުލީމު ލިބިފައި ތިބި މީހުން މަދެވެ. އީމެއިލް ލިޔެ ފޮނުވުމާއި، ދިރާސާތައް ހަދާލުންފަދަކަންކަން އާދައިގެން ކަންކަން ދަންނަ މީހުން މަދެވެ. ތަރައްގީގެ ޕްލޭން ހެދުމާއި، ޕްރޮޖެކްޓްތަށް އެކަށައަޅާނެ ގޮތް ދަންނަ މީހުންމަދެވެ. އިނގިރޭސިބަހުން ރީތިކޮށްމުޢާމަލާތް، ބަސްދީގަނެވޭ މީހުން ނިކަންމަދެވެ. މިގޮތަށް މިކަން ކޮށްފި ނަމަ އޭގެ ސަބަބުން ދެން ނިކުންނާނީ ކޮށް ނަތިޖާއެއް ކަން ދެނެގަތުމަށް ސިކުނޑި ހުޅުވާލެވޭ ވަރު މީހަކު ނެތެވެ. ތެދެކެވެ. ކާޅަކުން ވެސް ހުދުފަތެއް ފެނިދާނެއެވެ. އެނޫން ވާހަކައެއް ނުނެވެ. މިއީ ޖުމުލަކޮށް ރަށްޔިތުން އެދޭ ތަރައްޤީ ގެނެސްދީ، ރައްޔިތުން ފުދުންތެރިކުރަން ތިބި މީހުންގެ ހާލަތެވެ. ހަގީގަތަށް ދަންނަވަނީ ނަމަ މިކަމުގައި ގޯހީ މިވެރިންނެއް ނޫނެވެ. ގޯހީ ރައްޔިތުންނެވެ. ސަބަބަކީ އެކަށީގެން ނުވާ މަޤާމުތަކަށްކަށް ބަޔަކު އިންތިހާބުކޮށް، ނުއުފުލެވަރު ޒިންމާތަކެއް އެމީހުންގެ ބޮލުގައި އެޅުވި ބަޔަކީ ރައްޔިތުންކަމުގައި ވުމެވެ.

އަނެއްކާވެސް އިންތިހާބު މިއަންނަނީ ބޯމަތިވަމުންނެވެ. އެއްގަމު ކަކުންޏާއި ދަށޭ ދެހާއްލަށް ވޯޓުދިނުމުގެ ބަދަލުގައި، މިފަހަރު ރަނގަޅު ކުރަން ވިސްނަމާ ހިނގާށެވެ. އާއިލާ މީހާ އާއިލާގެ ހުރިމަގާމުގައި ބަހައްޓާށެވެ. ރަހުމަތްތެރިޔާ އެގޮތުގައި ބަހައްޓާށެވެ. ދަންނަ އެކުވެރިޔަކު ކަމުގައި ވިޔަސްމެއެވެ.އެކަށީގެން ނުވާ ތަންދޮރު ނުދަންނަ މީހަކު ކަމުގައި ވާނަމަ، ރީތިކޮށް ބުނެދެށެވެ. ވިސްނަދޭށެވެ. ތިޔަ މަޤާމަކީ ހުރިހާ ރައްޔިތުންގެ މަސްލަހަތެވެ. ރަށުގެ ތަރައްޤީއެވެ. މާދަމާގެ ކުރިމަގެވެ. ވަޒީފާއެއް އަދާކުރުމުގެ އުސޫލުން ތިޔަ މަޤާމާއިމެދު ވިސްނާ ވިސްނުން ދޫކޮށްލާށެވެ. އެކަށީގެން ނުވާ ޒިންމާއެއް ކޮނޑު އެޅައިގެން ނުއުފުލޭވަރު ބުރައެއް އުފުލަން ނޫޅޭށެވެ. ނޫން ނަމަ އަޅުގަނޑުމެން އަބަދުވެސް ދާނީ ފަހަތަށެވެ. ދުށުން އެދޭ ތަރައްޤީ އަބަދުވެސް ފެންނާނީ އަވާމެންދުރެއް ފަދައިންނެވެ. ބިނާކުރަން އެދޭނަމަ އަންނަ އިންތިހާބު ތަފާތު ކުރަން ވިސްނަމާ ހިނގާށެވެ.

👍 0❤️ 0🤗 0😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް